29 May 2014, 18:06
ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު، ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާގެ ތެރެއިން ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)އަށް ދޫކުރަންޖެހޭ ފައިސާއަށްވުރެ އިތުރަށް، ތިން ލައްކަ ރުފިޔާ ދޫކޮށްފައިވާކަން ފަޅާއަރައިފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ އިސް އޮފިޝަލަކު "ސަން"އަށް މިއަދު ވަނީ އެކަން ކަށަވަރުކޮށްދެއްވާފަ އެވެ. އޭނާ ވިދާޅުވީ މިއަހަރު ދައުލަތުގެ ބަޖެޓުން ޑީއާރްޕީއަށް 2.5 މިލިއަން ރުފިޔާ ދޫކުރި ކަމަށާއި އޭގެ ތެރެއިން 13 ޕަސެންޓަކީ އިތުރަށް ދޫކުރި ފައިސާ ކަމަށެވެ. އެއީ 330،900 ރުފިޔާ އެވެ.
ޑީއާރްޕީއަށް އިތުރަށް ފައިސާ ދޫކުރެވުނީ ކީއްވެގެން ކަމެއް އިލެކްޝަންސް ކޮމިޝަނަކުން އަދި ހާމައެއް ނުކުރެ އެވެ.
އެކަމާ ގުޅޭ ގޮތުން ޑީއާރްޕީގެ ވަގުތީ ލީޑަރު އަދި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީއަށް އިތުރަށް ފައިސާ ދޫކުރި ކަމެއް އެނގިފައި ނެތް ކަމަށެވެ. އަދި ފައިސާ ބަދަލު ކުރުމުގެ މުއާމަލާތުގައި އޮޅުންތަކެއް އުޅޭނަމަ އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީއާ ވާހަކަދައްކައިގެން މައްސަލަ ހައްލު ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ކާނަލް ވިދާޅުވި އެވެ.
ރާއްޖޭގައި ދެ ވަނައަށް އުފެދުނު ޑީއާރްޕީއަކީ ކުރިން ރާއްޖޭގައި އެންމެ މެމްބަރުން ގިނަ ޕާޓީއެވެ. އެ ޕާޓީގެ އެތެރޭގެ "ކޯޅުންތަކުގައި" ބޮޑުވެ، ޕާޓީ ބައިބައިވެގެން، ޑީއާރްޕީގެ ލީޑަޝިޕުގައި އެ ޕާޓީ އުފެއްދުމުގައި ބައިވެރިވި އެކަކުވެސް މިއަދު ނެތެވެ. ޑީއާރްޕީގެ ވަގުތީ ލީޑަރު ކާނަލް ވިދާޅުވާ ގޮތުން އެ ޕާޓީގެ ދަރަނި ވަނީ 10 މިލިއަން ރުފިޔާއަށް އަރަ އެވެ.