29 May 2014, 17:56
ރައްޔިތުން މަޖިލީހުގެ ރައީސަކަށް ޕީޕީއެމް މެންބަރަކު އަދި ނައިބު ރައީސަކަށް އެމްޑީޕީ މެންބަރަކު އިންތިހާބުކޮށްފައި ވަނީ އެ ދެ ޕާޓީ ގުޅިގެން ކަމަށް ޖުމްހޫރީ ޕާޓީން (ޖޭޕީ) ބުނެފި އެވެ.
ޖޭޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޕީޕީއެމުން މަޖިލީހުގެ ރައީސަކު ހޮވުމަށް ފަހު ނައިބު ރައީސަކަށް އެމްޑީޕީގެ ބޭފުޅަކު ހޮވުމުން އެކަމަކީ އެ ދެ ޕާޓީގެ މެންބަރުން ގުޅިގެން ކުރިކަމެއް ކަން "ފާޅުކަން ބޮޑު ގޮތެއްގައި" އެނގޭ ކަމަށެވެ.
"ރައްޔިތުން މަޖިލީހުގެ ރައީސަކާއި ނައިބު ރައީސަކު ހޮވުމަށް ނެގި ވޯޓުގައި މަޖިލީހުގެ ރައީސަކަށް ޕީޕީއެމަށް ނިސްބަތްވާ ބޭފުޅަކު ހޮވުމާއި ނައިބު ރައީސަކަށް އެމްޑީޕީ އަށް ނިސްބަތްވާ ބޭފުޅަކު ހޮވައިފަވުން ޕީޕީއެމް އާއި އެމްޑީޕީ ގުޅިފައިވާކަން ފާޅުކަން ބޮޑު ގޮތެއްގައި ދޭހަވާކަމުގަ ފާހަގަ ކުރަމެވެ." އެ ބަޔާނުގައިވެ އެވެ.
ހަމަ އެހެންމެ ގާސިމް އިބްރާހިމް މަޖިލިސް ރައީސަކަށް ކުރިމަތިލެއްވުމާ ގުޅިގެން ޕީޕީއެމް ކޯލިޝަނުން ޖޭޕީ ވަކިކޮށްފައި ވުމަކީ ކޯލިޝަން އެއްބަސްވުމާ ހިލާފަށް ކޮށްފައިވާ "ޒިންމާދާރުކަން ކުޑަ އަމަލެއް" ކަމަށް ވަނީ ބުނެފަ އެވެ.
"މި ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް، އެމަނިކުފާނުގެ އިންތިހާބުވެވަޑައިގެން ހުންނެވި ރައްޔިތުން މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ކަމުގެ ގާނޫނީ ވާޖިބު އަދާކުރުމުގެ ގޮތުން ލިބިދޭ ހައްގުގެ ބޭނުން ކުރުމަކީ އެއްވެސް ހާލަތެއްގައި ކޯލިޝަން އެއްބަސްވުމަށް އެއްވެސް ބުރުލެއް އަރަން ޖެހޭނެ ކަމެއް ކަމުގައި މި ޕާޓީން ނުދެކެވެ."
އޭގެ އިތުރުން އެ ބަޔާނުގައި ބުނެފައި ވަނީ ކޯލިޝަން ރޫޅާލާފައި ވަނީ ވަރަށް ހުދުމުހްތާރު ގޮތެއްގައި ކަމަށެވެ.
ރައްޔިތުން މަޖިލީހުގެ ރައީސް ކަމަށް އަބްދުﷲ މަސީހް މުހައްމަދު އިންތިހާބުވެވަޑައިގެންނެވީ ގާސިމް އިބްރާހިމާ ވާދަކުރެއްވައިގެންނެވެ. ނައިބު ރައީސް ކަމަށް މޫސާ މަނިކު އިންތިހާބުވެވަޑައިގެންނެވީ ޕީޕީއެމް އިން އެ މަގާމަށް ކުރިމަތި ލެއްވި އަބްދުއްރަހީމް އަބްދުﷲ އާ ވާދަކުރައްވައިގެންނެވެ.