ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމް މަގާމުން ވަކިކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ މިއަދު ސަން އަށް ވިދާޅުވީ އަމީން މަގާމުން ވަކިިކުރެއްވީ މިއަދު ކަމަށާއި އޭނާ މަގާމުން ވަކި ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އޭނާ ވަޒީރުންގެ މަޖިލީހުގައި ބައިންދަވަން ބޭނުންފުޅު ނުވާތީ ކަމަށެވެ.

އަމީން މަގާމުން މި ވަކިކުރެއްވީ އޭނާ ގޭގައި މަޑުކުރެއްވުމަށް އެންގެވިތާ 24 ގަޑި އިރު ވެސް ނުވަނީހެވެ.

އަމީންގެ އިތުރުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޒުބެއިރާއި ޑެޕިއުޓީ މިނިސްޓަރު އިކްރާމް ހަސަން ވެސް ވަނީ ގޭގައި މަޑުކުރައްވަން ރައީސް އަންގަވައިފަ އެވެ.
އެ ދެ ބޭފުޅުންނާ މެދު ވަކި އިތުރު ގޮތަކަށް އަމަލު ކުރެއްވި ކަމަކަށް ސަރުކާރަކުން އަދި ނުބުނެ އެވެ.

ޕީޕީއެމް އިން ބޭފުޅަކު މަޖިލީހުގެ ރައީސްގެ މަގާމަށް ވާދަ ކުރައްވާނެ ކަމަށް އެ ޕާޓީ އިން އިއުލާންކޮށްފައި ވަނިކޮށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އެ މަގާމަށް ވާދަކުރައްވައިފި ނަމަ، ޕީޕީއެމް އާއި ޖޭޕީ އިން ހަދާފައިވާ ކޯލިޝަން އެގްރީމަންޓް އުވާލާނެ ކަމަށް ޕީޕީއެމް އިން ވަނީ ކުރިން އިއުލާންކޮށްފަ އެވެ.

ނަމަވެސް ޖުމްހޫރީ ޕާޓީގެ ލީޑަރު އިސްކޮށް ހުންނަވައިގެން އިދިކޮޅު އެމްޑީޕީގެ މެންބަރުންނާ އެކު ޕެރަޑައިސް ރިސޯޓްގައި ކުރީ ރޭ ބައްދަލު ކުރެއްވުމަށް ފަހު އިއްޔެ ގާސިމް ވަނީ މަޖިލީހުގެ ރައީސް ކަމަށް ވާދަ ކުރައްވައިފ އެވެ. ނަމަވެސް މަޖިލީހުގެ ރައީސްގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީޕީއެމްގެ ކެންޑިޑޭޓް، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީހު މުހައްމަދެވެ. މަސީހަށް 43 ވޯޓު ލިބިވަޑައިގަތް އިރު ގާސިމަށް ލިބިވަޑައިގެންފައި ވަނީ 39 ވޯޓެވެ.
ޕީޕީއެމް ބުނަނީ މަޖިލީހުގެ އިންތިހާބުގައި އެންމެ ގިނަ ގޮނޑި ރައްޔިތުން ދިނީ ޕީޕީއެމް އަށް ކަމަށާއި މަޖިލީހުގެ ރައީސަކަށް ހުންނަން ޖެހޭނީ އެ ޕާޓީގެ މެމްބަރެއް ކަމަށެވެ.

މަޖިލީހުގެ ރައީސްގެ މައްސަލާގައި ޕީޕީއެމް އާއި ޖޭޕީ ކޯލީޝަނަށް ވަނީ ބުރޫ އަރައިފަ އެވެ. ޕީޕީއެމް އިން ބުނަނީ ޖޭޕީ އިން އިދިކޮޅު ޕާޓީ އާ ގުޅިގެން މަސައްކަތްކުރުމަކީ ކޯލިޝަނަށް އިހުތިރާމް ނުކުރުން ކަމަށެވެ. ނަމަވެސް ޖޭޕީ އިން ތުހުމަތު ކުރަނީ މަޖިލީހުގެ ރައީސަކަށް ޕީޕީއެމް ބޭފުޅަކު ހޮވިފައިި ނާއިބު ރައީސްގެ މަގާމަށް އެމްޑީޕީގެ ބޭފުޅަކު ހޮވުމުގައި ޕީޕީއެމްގެ ބައިވެރިވުން އޮތް ކަމަށެވެ.

މަޖިލީހުގެ ނާއިބު ރައީސްގެ މަގާމު ކާމިޔާބު ކުރެއްވީ އެމްޑީޕީ ކެންޑިޑޭޓް، ހުޅުހެންވޭރު ދާއިރާގެ މޫސާ މަނިކެވެ. އެ މަގާމަށް ޕީޕީއެމް އިން ވާދަ ކުރެއްވި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވަނީ އެއް ވޯޓު ބަލިވެފަ އެވެ.