ގާހިރާ (މޭ 29) : މިސްރުގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ވޯޓު ގާތްގަނޑަކަށް މިހާރު ގުނައި ނިމިފައިވާ އިރު މިއިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ތެރެއިން މިސްރު ސިފައިންގެ ކުރީގެ ވެރިޔާ އަބްދުލްފައްތާޙް އައްސީސީ އަށް ވޯޓުގެ 90 އިންސައްތަ ލިބިވަޑައިގެންފައިވާ ކަމަށް މިއިންތިޚާބުގެ ވަގުތީ ނަތީޖާތަކުން ހާމަވެއްޖެ އެވެ.

މިސްރުގެ އިންތިޚާބުތަކާ ބެހޭ އެންމެ މަތީ ކޮމިޓީއާ ހަވާލާދީ އެގައުމުގެ ޚަބަރު ފަތުރާ ވަސީލަތްތައް ބުނާ ގޮތުން 90 އިންސައްތަ ވޯޓާ އެކު ސީސީ މިހާރު ވަނީ އިންތިޚާބު ކާމިޔާބު ކުރެއްވިކަން ގާތްގަނޑަކަށް ކަށަވަރުވެފަ އެވެ. ދެންއޮތީ ރަސްމީ ސިފައެއްގައި މިކަން އިއުލާން ކުރުމެވެ. އަބްދުލްފައްތާޙް އައްސީސީ،ގެ ކޭންޕޭން ލީޑަރު ޙުސާމް މޫނިސް ވިދާޅުވީ ވޯޓު ގުނުމުގެ ކަންތައް ނިމުމަކަށް ގޮސްފައިވާ އިރު މީގެ ތެރެއިން 91 އިންސައްތަ ވޯޓު ލިބިފައި ވަނީ އަބްދުލްފައްތާޙް އައްސީސީ އަށް ކަމަށާއި މިއީ ސީސީ ހޯއްދެވި ތާރީޚީ ކާމިޔާބެއް ކަމުގަ އެވެ. މިސްރުގެ ރަސްމީ ޓީވީ ބުނާގޮތުން އަބްދުލްފައްތާޙް އައްސީސީގެ ވާދަވެރިޔާ ހަމްދީން ސަބާހީ އަށް ލިބިފައި ވަނީ ފަސް ޕަސެންޓް ވޯޓެވެ.

މިސްރުގެ ރިޔާސީ އިންތިޚާބަކީ ޑިމޮކްރެޓިކް މިންގަނޑުތަކަށް ފެތޭ ގޮތަށް މުސްތަގިއްލު މުއައްސަސާއެއްގެ ބެލުމުގެ ދަށުން މިނިވަންކަމާ އެކު އިންސާފުވެރި މާހައުލެއްގައި ބާއްވާ އިންތިޚާބެއް ނޫން ކަމަށްވެފައި މިސްރުގެ ސަރުކާރާއި ދައުލަތުގެ ހުރިހާ ކަމެއްވެސް އެންމެ އަޑިން ކޮންޓްރޯލް ކުރަނީ ސިފައިންގެ މުއައްސަސާ އިން ކަމަށް ކަމަށް ތުހުމަތު ކުރެވޭތީ މިއިންތިޚާބު، ބޮޑު އަޣްލަބިއްޔަތަކުން ކާމިޔާބު ކުރައްވާނީ ސީސީ ކަމަށް މާކުރިންވެސްވަނީ ބެލެވިފަ އެވެ. އަދި މިސްރުގެ ސަރުކާރާއި ދައުލަތުގެ ގިނަ ވަސީލަތްތަކެއް ސީސީގެ ކެންޕޭންގައި ބޭނުންކޮށްފައިވާ ކަމަށް ވެސް ވަނީ ތުހުމަތު ކުރެވިފަ އެވެ.
ސީސީގެ ވާދަވެރިޔާ ހަމްދީން ސަބާހީގެ ކޭންޕޭންގެ ފަރާތުން ވެސް ވަނީ ވޯޓު އޮޅުވާލުމުގެ ކަންތައް ފުޅާދާއިރާއެއްގައި ހިންގާފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި ސީސީ އަށް ތާއީދުކުރާ ފަރާތްތަކުން ކޭންޕޭން ކުރުމުގައި ނާޖާއިޒު އެތައް ފައިދާއެއް ނަގާފައިވާ ކަމަށް ވެސް ހަމްދީން ސަބާހީގެ ކޭންޕޭނުން ބުނެ އެވެ. ސީސީއަކީ މަގާމުން ދުރުކޮށްފައިވާ މިސްރުގެ ކުރީގެ ރައީސް ޑރ. މުރުސީގެ ވެރިކަން މިދިޔަ އަހަރުގެ ޖުލައި މަހު ވައްޓާލުމުގައި އިސްކޮށް ހުންނެވި އޭރުގެ ސިފައިންގެ ވެރިޔާ އެވެ.

ނުވަ ޕަސެންޓާ އެކު ސީސީ އިންތިޚާބު ކާމިޔާބު ކުރެއްވިކަން މިހާރު ގާތްގަނޑަކަށް ކަށަވަރުވެފައިވީ ނަމަވެސް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 55 އިންސައްތަ މީހުން ވޯޓުލުމުގައި ބައިވެރިވެފައި ނުވާ ކަމަށް ނުރަސްމީ ރިޕޯޓްތައް ބުނެ އެވެ. ވޯޓުލާން ނުކުތް މީހުންގެ އަދަދު މަދުކަމުން މިސްރުގެ އިންތިޚާބުތަކާ ބެހޭ އެންމެ މަތީ ކޮމިޓީން ވަނީ ވޯޓުލުމަށް އެއް ދުވަސް އިތުރުކޮށްފަ އެވެ.

އަނެއްކޮޅުން ރޭން ފެށިގެން ސީސީ އަށް ތާއީދުކުރާ ފަރާތްތަކުން ގެންދަނީ އޭނާގެ ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން ގާހިރާގައި އުފާފާޅުކުރަމުންނެވެ. (ނޫސްއެޖެންސީތައް)