29 May 2014, 16:06
ދަރުބާރުގެ މަރާމާތު ކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން އަލުން ބީލަމަށް ލައިފި އެވެ.
ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ދަރުބާރުގެ މަރާމާތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ދަރުބާރުގޭގެ ފުރާޅު ރަނގަޅުކުރުމާއި ކަރަންޓްގެ މަސައްކަތްތަކާއި ކުލަލުމުގެ މަސައްކަތް ކުރުމަށް ހަމަޖައްސާފައި ވާ ކަމަށެވެ.
ދަރުބާރުގެ މަރާމާތު ކުރުމުގެ މަސައްކަތް ކުރުމަށް ބަޔަކު ހޯދުމުގެ މަސައްކަތް ކުރުމަށް މިމަހުގެ 12 ވަނަ ދުވަހު ވެސް އެ މިނިސްޓްރީން ވަނީ އިޢުލާންކޮށްފަ އެވެ.
ދަރުބާރުގެ މަރާމާތުގެ މަސައްކަތް ކުރުމަށް ބަޔަކު ހޯދަމުން އަންނަ އިރު ދަރުބާރުގެއަކީ އެކިއެކި ޕާޓީ، ހަފްލާތަކާއި ބޮޑެތި ރަސްމިއްޔާތުތައް ބާއްވަމުން އަންނަ ތަނެއްކަމުން އެތަނުގައި ކުރިއަށް އެތައް ބުކިންސްތަކެއް ވަނީ ހަދައިފަ އެވެ. ނަަމަވެސް އެއިން އެއްވެސް ބުކިންއެއް އަދި ކެންސަލްކޮށްފައި ނުވާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ބިޑް ސެކިއުރިޓީއެއްގެ ގޮތުގައި 10،000 ރުފިޔާ ބަހައްޓަން ޖެހޭ އެ ބީލަމާ ބެހޭ ފޮތްތައް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން ތިން މަސްދުވަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 8:30 މެންދުރު 2:30 އަށެވެ. ބީލަމް ފޮތެއްގެ އަގަކީ 500 ރުފިޔާ އެވެ.
ދަރުބާރުގެ މަރާމާތުކުރުމާ ބެހޭ ޕްރޮޖެކްޓްތަކުގެ ޕްރީބިޑް ބައްދަލުވުން އަންނަ ހޯދަ ދުވަހު މެންދުރު 1:30 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ބިޑް ހުޅުވުމަށް ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 1:00 ގަ އެވެ.