ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު އާއި ނައިބު ރައީސް ރީކޯ މޫސާ މަނިކު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް އާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު މެންދުރު ފަހު އޮތް އެ ބައްދަލުކުރެއްވުމައި ރައްޔިތުންގެ މަޖިލީހާ ގުޅުން ހުރި ގިނަ ކަންތައްތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވައިފަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ މިއަދު ސަން އަށް ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސަކީ ސަރުކާރާ އިދިކޮޅު އެމްޑީޕީގެ މެންބަރެއް ކަމުގައިވީ ނަމަވެސް މަޖިލީހުގައި އުފެއްދުންތެރި ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން މޫސަ މަނިކު ދެއްވާފައިވާ ކަމަށެވެ.

އަދި މަޖިލީހަށް ސަރުކާރުގެ ފަރާތުން ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ޔާމިން މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް އަރުއްވާފައިވާ ކަމަށް ވެސް މުއާޒު ވިދާޅުވި އެވެ. އަދި
މިހާރު މަޖިލީސް ކުރުމަށް ބޭނުންކުރަމުން އަންނަ މަޖިލީހުގެ އިމާރާތުގެ މަރާމާތަށް ބޭނުންވާ ފައިސާ ހޯދައިދިނުމާ ބެހޭ ގޮތުން ވެސް ވާހަކަ މަޝްވަރާކޮށްފައިވާ ކަމަށް ވެސް މުއާޒް ވިދާޅުވި އެވެ.

އަދި އޭގެ އިތުުރުން މަޖިލީހަށް ހުށަހަޅާ ބިލްތަކުގައި އެއްބާރުލުން ދެއްވުމާ ގުޅޭ ގޮތުން ވެސް ދެ ފަރާތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.