29 May 2014, 14:58
ޑޮކްޓަރުންނަށް މުސާރަ ދިނުމަށް އަލަށް އެކުލަވާލި އޮނިގަނޑުގެ ދަށުން މިމަހުގެ ތެރޭގައި މުސާރަތައް ދެވިގެން ދާނެ ކަމަށް ނައިބް ރައީސް ވިދާޅުވެއްޖެ އެވެ.
ސީ އެމްބިއުލާންސް ތައާރަފު ކުރުމަށް މިއަދު ރަސްމީ ފާލަމުގައި ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ، ސިއްހީ ދާއިރާ ކުރިއެރުވުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށާއި އެގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑޮކްޓަރުންނަށް އެކުލަވާލި އޮނިގަނޑު އެކުލަވާލައި މި މަހުގެ ތެރޭގައި އަމަލުކުރަން ފެށޭނެ ކަމަށެވެ.
"މިއަދު އެ އޮތީ ސިވިލް ސާވިސްއާ ވާހަކަ ދެކެވިގެން ރާއްޖޭގައި ފަރުވާދޭ ޑޮކްޓަރުންނަށް ފުރަތަމަ ފަހަރަށް އޮނިގަނޑު ތައާރަފް ކުރެވި، އެ އޮނިގަނޑުގެ ދަށުން ޑޮކްޓަރުންގެ މުސާރަ ހަމަޖެހި އިރާދަކުރެއްވިއްޔާ މިމަހުން ފެށިގެން ޑޮކްޓަރުންނަށް އެގޮތަށް މުސާ ލިބި އެ އޮނިގަނޑު ތައާރަފް ވެގެންދާނެ،" ނައިބް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، އެ އޮނިގަނޑުގެ ސަބަބުން ޑޮކްޓަރުން ނުލިބިގެން އަންނަ ޝަކުވާއަށް ނިމުމެއް އަންނާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރު 200 ޑޮކްޓަރުން ގެނެސް ހިދުމަތް ދެވިގެން ދާނެ ކަމަށެވެ.
ޑޮކްޓަރުންނަށް ފުރަތަމަ އެކުލަވާލި އޮނިގަނޑާ މެދު ޑޮކްޓަރުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ނަމަވެސް މިހާރު ވަނީ އެ އޮނިގަނޑަށް ބަދަލު ގެނެސްފައެވެ.
އައިޖީއެމްއެޗްގެ އިސް އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ، އައިޖީއެމްއެޗްގެ ޑޮކްޓަރުންނަށް ފަހުން ކަނޑައެޅި "މުސާރަތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހޭ" ކަމަށެވެ. ތަފްސީލެއް ވިދާޅެއް ނުވެ އެވެ.
ޑޮކްޓަރުންގެ ޝަކުވާތަކާ ގުޅިގެން މިހާރު އެ އޮނިގަނޑަށް ބަދަލު ގެނެސްފައި ވީ ނަމަވެސް ގެނައި ބަދަލުތަކުގެ ތަފްސީލްތަކެއް ހެލްތް މިނިސްޓްރީން އަދި ހާމައެއް ނުކުރައްވައެވެ.