ސިވިލް ސާވަންޓުންގެ މުސާރައިގެ މައްސަލަ ހައްލުނުވާތީ ހަފުތާއަކަށް މަސައްކަތް ހުއްޓާލައި އިހުތިޖާޖުކުރަން ނިންމާފައިވާ ކަމަށް މޯލްޑިވްސް ސިވިލް ސާވަންޓް އެސޯސިއޭޝަން (އެމްސީއެސްއޭ) އިން ބުނެފި އެވެ.


ސިވިލް ސާވަންޓް އެސޯސިއޭޝަންގެ މީޑިއާ ކޯޑިނޭޓާ އަބްދުﷲ މުހައްމަދު މިއަދު ވިދާޅުވީ، ސްކޫލްތައް ހުޅުވުމާ ގާތްވެފައިވަނިކޮށް ސިވިލް ސާވަންޓުން ހަފުތާއަކަށް މަސައްކަތް ހުއްޓާލާނެ ކަމަށް ބުނެފައި މިވަނީ، "ރައީސް އޮފީހުން ކޮންމެ ކަމެއްގައި ސިވިލް ސާވަންޓުން ގުރުބާން" ކުރުމުގެ ވިސްނުމެއް ގެންގުޅޭތީ ކަމަށާއި އަދި ސިވިލް ސާވަންޓުންގެ މުސާރައިގެ މައްސަލަ އަދި ވެސް ހައްލުވެފައި ނުވާތީ ކަމަށެވެ.


އަދި އެއީ ހަމައެކަނި އެ ޖަމިއްޔާގެ ނިންމުމެއް ނޫން ކަމަށާއި ސިވިލް ސާވަންޓުން ބޭނުންވެގެން ހުށަހަޅާފައިވާ ގޮތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


އަބްދުﷲ ވިދާޅުވީ، އިހުތިޖާޖްކުރާނެ ވަކި ތާރީޚެއް ކަނޑައަޅާފައިނުވާ ނަމަވެސް، އެކަމާ ގުޅޭ ގޮތުން ސިވިލް ސާވަންޓުން މެދުގައި މަޝްވަރާކުރަމުންދާ ކަމަށާއި ވަރަށް އަވަހަށް އިހުތިޖާޖަށް ނުކުންނާނެކަން ސިވިލް ސާވިސް ކޮމިޝަނަށް މިދިޔަ ބުރާސްފަތު ދުވަހު ރަސްމީކޮށް އަންގާފައިވާ ކަމަށެވެ.


"ސިވިލް ސާވަންޓުން ވަރަށް ގިނަ ދުވަހު މުސާރައިގެ މައްސަލައިގައި މަޑުކޮށްގެން ތިބެވެސް، ކަންތައްތައްވާ ގޮތުން ގިނަ ސިވިލް ސާވަންޓުން ބޭނުން ވަނީ މަސައްކަތް ހުއްޓާލުމުގެ އިހުތިޖާޖެއް ކުރަން. މިހާތަނަށް މަޝްވަރާކުރެވެނީ ހަފުތާއަކަށް. އެއްހަފްތާގެ މުއްދަތަށް މަސައްކަތް ހުއްޓާލައިގެން ތިބެން ހުރިހާ އޮފީސްތަކެއްގައި،" އޭނާ ވިދާޅުވި އެވެ.


އަބްދުﷲ ވިދާޅުވީ، އިހުތިޖާޖުކުރިއަށް ދާނީ ލަފާކުރެވޭ ގޮތުގައި، ސްކޫލް ހުޅުވޭ ފަހުންނެވެ.


"ސްކޫލްތަކާ ވެސް އެއްކޮށް އެކަން ކުރިއަށްދާނެ ކަމަށް ގަބޫލުކުރެވެނީ،" ވިދާޅުވި އެވެ.


ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ފަހުމީ ހަސަން ވިދާޅުވީ، އިހުތިޖާޖުކޮށް، މުޒާހަރާކުރުމަކީ ރައްޔިތުންނަށް ގިނަ ތަކުލީފުތަކާ ކުރިމަތިލާން ޖެހޭ ކަމެއް ކަމަށްވާތީ އެކަމަށް ކޮމިޝަނުން ތަރުހީބު ނުދޭ ކަމަށެވެ. އަދި ރައީސް އޮފީހާއި ފިނޭންސް މިނިސްޓްރީން ވެސް މި މަހު މުސާރަ ބޮޑުކުރާނެ ކަމަށް ބުނެފައިވާ އިރު، އެކަން އެގޮތަށް ހިނގާނެ ކަމަށް ބެލުމަކީ "ބުއްދިވެރި" ގޮތެއް ކަމަށާއި އޭގެ ކުރިން މަގުމައްޗަށް ނުކުމެ މުޒާހަރާކުރުމަށް ޖާގަ އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް ފަހުމީ ވިދާޅުވި އެވެ.


"އަޅުގަނޑުމެން އުއްމީދުކުރަނީ ސަރުކާރުން މި މަހު މުސާރަ ބޮޑުކުރާނެ ކަމަށް. ދެން އަޅުގަނޑުމެންނަށް ވެސް މީޑިއާ މެދުވެރިކޮށް އެބަ އިވޭ އެކި ވާހަކަތައް. އެހެންވެ، އަޅުގަނޑުމެން އެދެން މުސާރަ ބޮޑުކުރުގެ ސަރުކާރުގެ ސިޔާސަތަކީ ކޮބައިކަން ސާފުކޮށް އިއުލާނުކުރަން،" ފަހުމީ ވިދާޅުވި އެވެ.


ރައީސް އޮފީހުން ދާދި ފަހުން ބުނެފައި ވަނީ، މުސާރައިގެ އޮނިގަނޑަށް ރައްޔިތުންގެ މަޖިލީހުން އިތުރު ކުރި 249.6 މިލިއަން ރުފިޔާއާ އެކު އެ އޮނިގަނޑު ރައީސަށް ތަންފީޒުކުރައްވަން ވަރަށް އުނދަގޫވާނެ ކަމަށާއި ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ އިޔާދަ ކުރައްވާނެ ކަމަށް ސަރުކާރުން ބުނަމުންދާ ދަނޑިވަޅެއްގައި އަނެއްކާ ވެސް އިތުރު އަދަދުތަކެއް ބަޖެޓްގައި ހިމެނުމުން ވަރަށް ބޮޑަށް ސަރުކާރަށް ދަތިވާނެ ކަމަށެވެ.