29 May 2014, 14:27
އާބިޓްރޭޝަން މައްސަލައެއް ތަންފީޒު ކުރުމަށް ފުރަތަމަ ފަހަރަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފައި ވަނީ މެލޭޝިޔާގެ އާބިޓްރޭޝަންގެ ސެންޓަރެއް ކަމަށްވާ ކުއާލަންޕޫރު ރީޖަނަލް ސެންޓާ ފޯ އާބިޓްރޭޝަނުން ނިންމި ނިންމުމެއް ތަންފީޒު ކުރުމަށެވެ.
އަމަން ރިސޯޓް އެޓް ކުޑަފުށި އައިލެންޑް ގައި "ބޭކާ އޮފް ހައުސް"ގެ ގޮތުގައި ހަދާ އިމާރާތުގެ ކޮންސްޓްރަކްޝަނާއި އިންޖިނިއަރިންގެ މަސައްކަތް ކުރުމަށް ޓަކައި އިންޓަނޭޝަނަލް ކޮންސްޓްރަކްޝަން ކޮންސޯޓިއަމް ޕްރައިވެޓް ލިމިޓެޑާއި ގަސްވެލި އައިލެންޑް ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ 2008 ވަނަ އަހަރުގެ އޯގަސްޓު 27 ވަނަ ދުވަހު އެވެ.
ސިވިލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ އެ އެއްބަސްވުމުގައިވާ ގޮތުން ދެ ފަރާތުގެ ދެމެދުގައި ޚިލާފެއް އުފެދިއްޖެ ނަމަ ރޫލް އޮފް އާބިޓްރޭޝަނަށް ތަބާ ވުމަށާއި އެފަދަ ހާލަތެއްގައި މައްސަލަ ހުށަހަޅަންޖެހޭނީ ކުއާލަންޕޫރު ރީޖަނަލް ސެންޓަރ ފޯ އާބިޓްރޭޝަނަށް ކަމަށެވެ.
އެ ހުކުމްގައި ބުނެފައި ވަނީ އެ ދެ ކުންފުނީގެ ދެމެދުގައި މައްސަލަ ޖެހިގެން އާބިޓްރޭޝަނަށް މައްސަލަ ހުށަހެޅި ކަމަށާއި އެ މައްސަލަ ބެލުމަށް ފަހު 2012 ވަނަ އަހަރުގެ މާޗް މަހުގެ ހަ ވަނަ ދުވަހު ނެރެފައިވާ އާބިޓްރަލް އެވޯޑުގައި އިންޓަނޭޝަނަލް ކޮންސްޓްރަކްޝަން ކޮންސޯޓިއަމަށް ގަސްވެލި އައިލެންޑުން 445،216.66 ޑޮލަރު ދޭންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.
އެހެންކަމުން އާބިޓްރަލް އެވޯޑުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން އެ ފައިސާ އިންޓަނޭޝަނަލް ކޮންސްޓްރަކްޝަން ކޮންސޯޓިއަމަށް ދިނުމަށްޓަކައި މިއަދުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ގަސްވެލި އައިލެންޑުން އެ ފައިސާ ސިވިލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ވަނީ ހުކުމްކޮށްފަ އެވެ.