29 May 2014, 14:12
އޭއެފްސީ ޗެލެންޖް ކަޕުގެ ތިންވަނަ ހޮވާ މެޗުގައި މިރޭ އަފްޣާނިސްތާނާ ދެކޮޅަށް ކުޅޭ މެޗަކީ ރާއްޖެއަށް ވަރަށް މުހިންމު މެޗެއް ކަމަށާއި މުބާރާތުގެ ތިންވަނަ ހޯދުމަކީ ރާއްޖެއަށް ލިބޭނެ ބޮޑު ޝަރަފަކާއި ފަހުރަކަށް ވާނެ ކަމުގައި ގައުމީ ޓީމުގެ މެނޭޖަރު އަޙްމަދު މަހްލޫފު (މަހޭ) ވިދާޅުވެއްޖެ އެވެ.
އެފްއޭއެމް ހައުސްގައި މިއަދު މެންދުރު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މަހޭ ވިދާޅުވީ، މިރޭގެ މެޗަށް ނުކުންނަ އިރު ރާއްޖޭގެ ކުޅުންތެރިން ތިބީ އާ އުންމީދަކާއި އަޒުމެއްގައި ކަމަށެވެ.
"އަޅުގަނޑުމެންގެ ކުޅުންތެރިން މިއަދު އެތިބީ އާ އުންމީދެއްގައި. އާ އަޒުމެއްގައި. މިރޭގެ މެޗުގައި އަޅުގަނޑުމެން އަފްޣާނިސްތާނުގެ މައްޗަށް ކުރި ހޯދަން އެބަޖެހޭ. އަޅުގަނޑުމެން މަސައްކަތް ކުރަން އެބަޖެހޭ. މި ވަގުތު އަފްޣާނިސްތާނަކީ ސާފް އަށް ބަލާއިރު އެންމެ ކުރީގައި އޮތް ޓީމު. ޗެމްޕިއަން ޓީމު. މި ސަރަހައްދުގެ ވޯލްޑް ރޭންކިންއަށް ބަލާއިރު، އެންމެ ކުރީގައި އޮތް ޓީމު. އެހެންކަމުން ތިންވަނަ ހޯދުމަކީ އަޅުގަނޑުމެންނަށް ވަރަށް ބޮޑު ޝަރަފަކާއި ފަހުރަކަށް ވާނެ. ޗެލެންޖް ކަޕުގެ ތާރީހުގައި އަޅުގަނޑުމެންގެ ނަން ލިޔެލަން ލިބޭ ފުރުސަތެއް މިއީ،" އޭނާ ވިދާޅުވި އެވެ.
ގައުމީ ޓީމުގެ މެނޭޖަރު ވިދާޅުވީ، ޗެލެންޖް ކަޕަކީ ސާފް ޗެމްޕިއަންޝިޕަށް ވުރެ ބޮޑު އަދި ވަރުގަދަ މުބާރާތެއް ކަމަށާއި މުބާރާތުގެ ސެމީ އަށް ދަތުރުކުރުމަކީ ރާއްޖެ އަށް ލިބުން ކުރިއެރުމެއް ކަމަށެވެ.
"ޗެލެންޖް ކަޕަކީ އަޅުގަނޑުމެން މި ހީކުރާ ވަރަށްވުރެ، ނޫންނަމަ އަޅުގަނޑުމެންގެ ތެރޭގައި ވިސްނުން މި ގެންގުޅޭ ވަރަށްވުރެ މާ ބޮޑު މުބާރާތެއް. މާ ވަރުގަދަ މުބާރާތެއް. ހަގީގަތުގައި ސާފް ޗެމްޕިއަންޝިޕާއި ބަލައިފަ މުބާރާތުގައި ކުޅޭ ޓީމުތަކަކީ މާ ވަރުގަދަ ޓީމުތައް،" އޭނާ ވިދާޅުވި އެވެ. "އޭގެ އެއް ހެކި ވޯލްޑް ކަޕްގައި މީގެ ކުރިން ކުޅެފައިވާ ޓީމެއް އެންމެ ފަހުގެ ޗެލެންޖް ކަޕް ކާމިޔާބުކުރީ. މިސާލަކަށް ނޯތު ކޮރެއާ. ދެވަނަ ޓީމަކަށް ތުރުކުމެނިސްތާނު. މި މުބާރާތުގެ ސެމީ ފައިނަލުން އެމީހުންނަށް ޖާގަ ވެސް ނުލިބުނު. އަޅުގަނޑުމެން މި ބަލިވީ މިދިޔަ ފަހަރުގެ ތިންވަނައާ ކުޅެގެން. ރާއްޖެ އަށް މި އާދެވުނު ހިސާބަކީ ދިވެހިރާއްޖޭގެ ފުޓްބޯޅަ އަށް ވިސްނާކަމަށް ވާ ނަމަ، ހަމަ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ނަމަވެސް އަޅުގަނޑުމެން ގައުމުގައި ކުޅެފަ، ފައިނަލަށް ދެވޭ ވަރު ވެފައި ނުދެވުނީމަ އޭގެ ހިތްދަތިކަން ވަރަށް ބޮޑު."
މުބާރާތް ފެށިގެން މިހާތަނަށް ދިވެހި ސަޕޯޓަރުން ދިން ތަރުހީބަށް ޝުކުރު އަދާކޮށް، މިރޭގެ މެޗުގައި ވެސް އެ ފޯރިއާއި ޖޯޝުގައި ހިތްވަރު ދިނުމަށް މަހޭ އެދިލައްވައެވެ.
"އަޅުގަނޑުމެންގެ ސަޕޯޓަރުން ގައުމީ ޓީމަށް އެ ދެއްވާ ތާއީދަށް ފަށްފަށުން ޝުކުރު ދަންނަވަން. ހަގީގަތުގައި ގައުމީ ޓީމަށް މި މުބާރާތުގައި އަޅުގަނޑުމެން ސެމީ ފައިނަލަށް ދަތުރުކޮށް، މިއަދު ތިންވަނަ ހޮވާ މެޗަށް ކުރިމަތިލުމުގެ އެންމެ ބޮޑު އެއް ހަގީގަތަކީ އަޅުގަނޑުމެންގެ ސަޕޯޓަރުން ދެއްވި ހިތްވަރު. އެހެންވީމާ އެކަމަށްޓަކައި އަޅުގަނޑުމެން ފަށްފަށުން ޓީމުގެ ފަރާތުން ސަޕޯޓަރުންނަށް ޝުކުރު ދަންނަވަން،" ގައުމީ ޓީމުގެ މެނޭޖަރު ވިދާޅުވި އެވެ. "މިރޭ ވެސް އަޅުގަނޑުމެންގެ ސަޕޯޓަރުން އަޅުގަނޑުމެންނާ އެކު ބައިވެރިވުމުން އެއީ ވަރަށް ބޮޑު އެދުމެއް. ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ދެވެން އޮތް އެއްބާރުލުމެއް ދޭން އެހެރީ ތައްޔާރަށް. މިރޭ ވެސް އެ ފޯރީގައި އެ ޖޯޝުގައި އަޅުގަނޑުމެންނަށް ސަޕޯޓްކޮށްދިނުން އެދެން."
ގަލޮޅު ދަނޑުގައި ކުޅޭ ޗެލެންޖް ކަޕުގެ ތިންވަނަ ހޮވާ މެޗުގައި އަފްޣާނާއި ދެކޮޅަށް ރާއްޖެ ނުކުންނާނީ މިރޭ 9:00ގައެވެ.