ކަޓަރެއް ގެންގުޅުނު މީހަކު ހަ މަސް ދުވަހުގެ މުއްދަތަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ސ. ހިތަދޫ، ބްލޫމީޑް މުހައްމަދު ޝާފިއުގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ ދައުލަތުން އޭނާގެ މައްޗަށް ކުރި މަގުބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތު ވުމުންނެވެ.

ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ މި އަހަރުގެ މެއި މަހުގެ 13 ވަނަ ދުވަހުގެ މެންދުރު ފަހު 2:35 އެހައިކަންހާ އިރު، ހަދީބީ މަގުގައި ހުރި މީހަކު ތޫނު ހަތިޔާރު ގެންގުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން އެތަނަށް ގޮސް އޭނާ ހައްޔަރުކޮށް ހަށިގަނޑު ބަލައި ފާސްކުރި އިރު އޭނާގެ ޖީބުން ކަޓަރެއް ފެނުނު ކަމަށް ޝަރީއަތުގައި ޝިފާއު އިއުތިރާފުވެފައިވާ ކަމަށެވެ.

މިއީ އޭނާގެ މައްޗަށް މިފަދަ ކުށެއް ސާބިތުވި ފުރަތަމަ ފަހަރު ކަމަށް ވެސް އެ ހުކުމުގައި ވަނީ ބުނެފައެވެ.