29 May 2014, 13:50
ޖަލަޕީނޯ ރެސްޓޯރަންޓުގައި ބަނގުރަލާއި މަސްތުވާތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލި މީހުންގެ ތެރެއިން ދެ މީހެއްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
އެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލީ، ހ. އަނަސަމް، ލުގުމާން އިސްމާއީލްގެ އިތުރުން ބަނގުލަދޭޝްގެ ދެ ރައްޔިތުން ކަމަށްވާ ހަސަން އާއި ބެލާލްގެ މައްޗަށެވެ.
މިއަދު ހުކުމް އިއްވާފައި ވަނީ ލުގުމާނާއި ބެލާލްގެ މައްސަލައިގައެވެ. އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ހުކުމް ކުރި އިރު، އެ މައްސަލައިގައި ދައުވާ އުފުލާފައިވާ ހަސަންގެ މައްސަލަ އެހެން ގަޒިއްޔާއަކުން ނިންމާނެ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފައެވެ.
ޖަލަޕީނޯ ރެސްޓޯރަންޓުން ފެނުނު ބަނގުރަލާއި މަސްތުވާތަކެއްޗަކީ އެމީހުންގެ ތަކެތި ނޫންކަމަށް ބުނެ އެ ދެ މީހުން ވަނީ ދައުވާ އަށް އިންކާރުކޮށްފަ އެވެ.
އެ މީހުން ދައުވާ އަށް އިންކާރުކުރުމާ ގުޅިގެން ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން އެ ދެ މީހުންގެ މައްޗަށް ދައުވާ ސާބިތު ކުރެވޭ ވަރުގެ ކާފީ ހެއްކާއި ގަރީނާ ލިބިފައި ނުވާ ކަމަށް ވެސް އެ ހުކުމުގައި ވަނީ ބުނެފައެވެ.
ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާއި މަސްތުވާތަކެތި ފެނުމާ ގުޅިގެން ފުލުހުން ޖަލަޕީނޯ ރެސްޓޯރަންޓު ބަންދުކުރީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު އެވެ.
ނަމަވެސް އާ މެނޭޖުމަންޓަކުން އެތަން ވަނީ އޭގެ އެއް މަސް ފަހުން ހުޅުވައިފަ އެވެ.