ރައްޔިތުންގެ މަޖިލީހުގައި ބޭނުންހާ ކަމެއް ކުރެވޭ ވަރުގެ ސާފު އަޣުލަބިއްޔަތެއް އެއްވެސް ބަޔަކަށް އޮތް ތަން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަން މޫސަ އަށް ލިބިވަޑައިގެންނެވުމުން އެކަން ފާހަގަ ކުރުމަށް އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި މޫސަ ވިދާޅުވީ ގާނޫނު އަސާސީގެ އިމުގެ ބޭރުން އެއްވެސް ކަމެއް ހިންގަން އެމްޑީޕީން ފުރުސަތު ނުދޭނެ ކަމަށެވެ.

"... އަޅުގަނޑު ޔަގީންކޮށް އަރުވަން އިރާދަކުރެއްވިއްޔާ ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުތަކާއި ގާނޫނު އަސާސީގެ އިމުގެ ބޭރުންދާ އެއްވެސް ކަމެއް އެގޮތަށް ދާކަށް ފުރުސަތެއް ނުދެވޭނެ[ކަން]. ރައްޔިތުންނަށް އެއިން އަނިޔާއެއް ނިކަމެތިކަމެއްވާ ގޮތަކަށް ކަން ކުރުމުގެ ފުރުސަތެއް ވެސް ނުދެވޭނެ. އަދި އަޅުގަނޑު ގަބޫލުކުރަނީ މިއަދުގެ ހަގީގަތަކީ ރާއްޖޭގެ ޑިމޮކްރަސީގައި ޕީޕީއެމް އަށް އާދެވިފައި އޮތް ހިސާބާއި މަޖިލިސް ތެރޭގައި ބާރުގަދަ އިތުރު ޕާޓީތަކާއި މީހުން ތިބި ތިބުމަށް ބަލާއިރުގައި ކޮންމެ ކޮންމެ ޕާޓީއަކުން ބޭނުންހާ ކަމެއް ކުރުމުގެ ސީދާ ފުރިހަމަ އަގުލަބިއްޔަތެއް މެޖޯރިޓީއެއް އެއްވެސް ފަރާތަކަށް ސާފުކޮށް ފެނިގެނެއް ނުދާކަމަށް،" މޫސަ ވިދާޅުވި އެވެ.

މޫސަ އަދި ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމު ފަރުދީ ގޮތުން އޭނާ އަށް ލިބިވަޑައިގެންނެވި ނަމަވެސް އެއީ އެމްޑީޕީ އަށް ލިބުނު މަގާމެއް ކަމަށެވެ. އަދި ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމުގެ ޒިންމާތައް އަދާކުރައްވާނީ އިޚުލާސްތެރިކަމާ އެކު ވަކި ފަރާތަކަށް ޖެހިވަޑައި ނުގެން ކަމަށެވެ.

"... އަޅުގަނޑަށް މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމު ފަރުދީގޮތުން ލިބުނުކަމުގައި ވިޔަސް މިމަގާމަކީ ފަހުވެރިކަމާ އެކީގައި އެމްޑީޕީ އަށް ލިބިފައިވާ މަގާމެއް. އަޅުގަނޑު ގައުމީ މަޖިލީހުގެ ހުރިހާ މެމްބަރުންނަށް ވެސް އަދި ހުރިހާ ބޭފުޅުންނަށް ދަންނަވަން، މިމަގާމަކީ ހަމަ ކަނޑައެޅިގެން އެމްޑީޕީ އަށް ލިބިފައި އޮތް މަގާމެއް. އަޅުގަނޑަށް މިމަގާމު މިލިބުނީ އެއްބައިވަންތަކަމާ އެކީގައި ސުލްހަވެރި ސިޔާސީ ހަރަކާތްކޮށްގެން ޑިމޮކްރެޓިކް ހަމަތަކުން ކަންކަން ކުރިއަށް ގެންދާތީ،" މޫސަ ވިދާޅުވި އެވެ.

ބައްދަލުވުމުގައި އެމްޑީޕީގެ ވަގުތީ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސެއްގެ ގޮތުން މޫސަ ވަކި ފަރާތަކަށް ޖެހިވަޑައި ނުގެން މަސައްކަތް ކުރައްވަން އެދިވަޑައިގަންނަވާ ކަމަށެވެ.

".. މި ޕާޓީގެ މެމްބަރަކަށް ވީތީވެ، ރައްޔިތުންގެ މަޖިލީހުގެ ނައިބެއްގެ ހައިސިއްޔަތުން ކުރައްވާ މަސައްކަތުގައި ވަކި އަތަކަށް ޖެހިވަޑައިގަންނަވާނެ ކަމަކަށް، އަދި ޖެހިވަޑައިގަތުމަކަށް ވެސް، އަޅުގަނޑަށް ޔަގީން އަޅުގަނޑުމެން ޕާޓީގެ އެއްވެސް ބޭފުޅަކު ނޭދޭނެ،" މޫސަގެ ކުރިން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.