29 May 2014, 13:34
ޕޯޓުގައި ހިނގާ އެމަޖެންސީ ހާލަތްތަކުގައި ބޭނުން ކުރުމަށް މޯލްޑިސް ޕޯޓްސް ލިމިޓެޑަށް އެމްބިއުލާންސެއް ހޯދަން އިއުލާންކޮށްފި އެވެ.
ޕޯޓްސްގެ މީޑިއާ ކޯޑިނޭޓަރު އަހުމަދު އާތިފު މިއަދު ސަން އަށް ވިދާޅުވީ މިހާރު ވެސް އެ އޮފީހުގައި އެމަޖެންސީ ހާލަތްތަކުގައި ބޭނުން ކުރަން ވޭނެއް އޮންނަ ކަމަށެވެ. އަދި އެމްބިއުލަންސެއް ހޯދަނީ މިހާރު ހުރި ފެންވަރަށް ވުރެ ރަނގަޅު ފެންވަރެއްގައި އަވަހަށް ސިއްހީ ހިދުމަތް ފޯރުކޮށް ދިނުމުގެ ގޮތުން ކަމަށް އާތިފު ވިދާޅުވި އެވެ. އަދި ދާދިފަހުން އެމްޕީއެލް ސަރަހައްދުގައި ކްރޭނެއް ބިންދައިގެން ގޮސް ހިނގި ހާދިސާ އަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ އެފަދަ ކަމެއް ދިމާވާ އިރު، ވީހާ ވެސް އަވަހަށް ފަރުވާ ދިނުމަކީ ވެސް އެމްބިއުލަންސެއް ހޯދުމުގެ އެއް ބޭނުން ކަމަށެވެ.
ޕޯޓްސްގައި މަސައްކަތް ކުރާ ދެ މުވައްޒަފަކު ވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭ އެމްޕީއެލް ސަރަހައްދުގައި ހިނގި ހާދިސާއެއްގައި ނިޔާވެފަ އެވެ. އެ ދެ މުވައްޒަފުން ނިޔާވެފައި ވަނީ ކޮންޓެއިނާ އަންލޯޑް ކުރަން ބޯޓުގައި ހުންނަ ކްރޭނުގެ ބައެއް ފެއިލްވެ، ބުޅިގަނޑު އިންނަބައި ފަޅައިގެން ގޮސް އޭގެ ބަޔަކުން ޖެހި އެވެ.
ޕޯޓްސް އިން ވަނީ މިދިޔަ މާޗު މަހު ތެރޭގައި ވެސް އެމްބިއުލާންސްއެއް ހޯދަން އިއުލާންކޮށްފަ އެވެ. ނަމަވެސް އަލުން މިއަދު އިއުލާން ކުރީ މާޗު މަހު ކުރި އިއުލާނަށް އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ޕޯޓްސް ލިމިޓެޑުން މިއަދު ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ އެ ކުންފުނީގެ ބޭނުމަށް އެމްބިއުލާންސެއް ހޯދަން ބޭނުން ވާތީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 4 ވަނަ ދުވަހުގެ 11:00 އަށް މައުލޫމާތު ސާފު ކުރުމަށް އެ އޮފީހަށް ހާޒިރުވުމަށް އެދޭ ކަމަށެވެ. އަދި ޖޫން މަހުގެ 18 ވަނަ ދުވަހު އަންދާސީ ހިސާބާ އެކު އެ ކުންފުނީގެ ހެޑް އޮފީހަށް ހާޒިރުވުމަށް ވެސް ވަނީ އެދިފަ އެވެ.