29 May 2014, 13:02
މެޖިސްޓްރޭޓް ކޯޓުތަކަށް ބޭނުންވާ 27 މެޖިސްޓްރޭޓުން ހޯދަން އިއުލާނު ކޮށްގެން ލިބުނީ އެންމެ މެޖިސްޓްރޭޓެއް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނު (ޖޭއެސްސީ) އިން ބުނެފި އެވެ.
ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް މިއަދު ބޭއްވި ރަސްމިޔާތުގައި ޖޭއެސްސީން ބުނީ 27 ކޯޓަކަށް ފަނޑިޔާރުން ބޭނުންވެގެން ކުރި އިއުލާނަށް ކުރިމަތި ލެއްވީ 12 މީހުން ކަމަށެވެ.
ޖޭއެސްސީގެ މީޑިޔާ ކޯޑިނޭޓަރު ހަސަން ޒަހީން "ސަން" އަށް ވިދާޅުވި، ފަނޑިޔާރުކަމަށް ކުރިމަތިލެއްވި މީހުންގެ ތެރެއިން އިންޓަވިއުއަށް އައިސްފައި ވަނީ ހަ ބޭފުޅަކު ކަމަށެވެ. އަދި އޭގެ ތެރެއިން އިންޓަވިއު އިން ފާސްވެ، މެޖިސްޓްރޭޓް ކަމަށް އައްޔަން ކުރަން ކޮމިޝަނުން ނިންމާފައި ވަނީ އެކަކު ކަމަށް ވެސް ޒަހީން ވިދާޅުވި އެވެ.
ހަތާވީސް ފަނޑިޔާރަކު ހޯދުމަށް ޖޭއެސްސީން އިއުލާން ކޮށްފައިވަނީ މިދިޔަ މާޗް މަހުގެ 13 ވަނަ ދުވަހު އެވެ.
މިއަދު ބޭއްވި ރަސްމިޔާތުގައި ނ.ވެލިދޫގެ އިސް މެޖިސްޓްރޭޓް ކަމަށް އައްޔަން ކުރައްވާފައި ވަނީ ނ. ފޮއްދޫ. ގުލްފާމްގޭ، އަހްމަދު ސައީދު އަލީ އެވެ. މި ރަސްމިއްޔާތުގައި ޖޭއެސްސީގެ ރައީސް އާދަމް މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި ފަނޑިޔާރުގެ ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގައި އެންމެންގެ ބައިވެރިވުން ބޭނުންވާ ކަމަށާއި، ފަނޑިޔާރުން އެބޭފުޅުންގެ ވާޖިބާއި މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރައްވަމުން ގެންދެވުމަށް ވަނީ އެދިވަޑައިގެންފަ އެވެ. އަދި އިންސާފުވެރިކަމާ އެކު މައްސަލަތައް ނިންމުމަށް އިސްލާމް ދީނުގައި ބާރު އަޅުއްވާފައިވާ މިންވަރުގެ މައްޗަށް ވަނީ ވާހަކަފުޅު ދައްކަވަފައެވެ.