އަތޮޅު ތެރޭގައި ދެމުންދާ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ސަރުކާރުން "ސީ އެމްބިއުލާންސް"ގެ ހިދުމަތް ތައާރަފުކޮށްފި އެވެ.

ރައީސް ފާލަމުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުމަތް ތައާރަފްކޮށްދެއްވީ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ.

މިއަދު އެހިދުމަތް ތައާރަފްކޮށްފައި ވަނީ ދ. އަތޮޅާއި ރ. އަތޮޅަށެވެ. ހެލްތު މިނިސްޓްރީ އިން ބުނީ މި އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް އެ ހިދުމަތް ތައާރަފް ކުރެވިގެންދާނެ ކަމަށެވެ.

އެ ހިދުމަތް ތައާރަފު ކުރުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ޑރ. ޖަމީލް ވިދާޅުވީ މިއަދު ތައާރަފް ކުރެވިގެން ދިޔަ ސީ އެމްބިއުލާންސްގެ ހިދުމަތުގެ ސަބަބުން ބަލިމީހުންނަށް އެކަށިގެންވާ ފަރުވާއެއް ދެވިގެންދާ އިރު ބަލިމީހާ މާލެ އައުމަށް ދިމާވާ ދަތިތައް ހައްލުވެގެން ދާނެ ކަމަށެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ މިއަހަރު ތެރޭގައި 26 ސީ އެމްބިއުލާންސް ލޯންޗު ތައާރަފްކޮށް އެ ހިދުމަތް ދޭން ފައްޓަވާނެ ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުން ހިތްހަމަޖެހޭ ފެންވަރެއްގައި ސިއްހީ ދާއިރާ މިސަރުކާރުން ކުރިއަރުވާނެ ކަމަށް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ވިދާޅުވީ ސީ އެމްބިއުލާންސް ހިދުމަތް ތައާރަފްކުރުމާ އެކު އަތޮޅުތެރޭގައި ދިމާވާ ސިއްހީ މައްސަލަތައް ހައްލުކުރެވި ބަލިމީހާ ޑޮކްޓަރާ ހިސާބަށް ނޫނީ ބަލިމީހާ ހުރި ތަނަކަށް ޑޮކްޓަރު ފޮނުވުމުގެ ހިދުމަތް ސީ އެމްބިއުލާންސް މެދުވެރިކޮށް ދެވޭނެ ކަމަށެވެ.

"މި ސީ އެމްބިއުލާންސްތަކުގައި ބަލިމީހުންނަށް ފަރުވާ ދޭނެ އާލާތްތައް ހަރުކުރެވިފައިވޭ، އަދި އެމްބިއުލާންސްގެ ފަޅުވެރިންނަށް ފަސްޓް އެއިޑް ހިދުމަތް ތައާރަފު ކުރެވިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ސީ އެމްބިއުލާންސްގެ ހިދުމަތް ދެނީ އެމްއެންޑީއެފް އާ ގުޅިގެންނެވެ. އެ ހިދުމަތްދޭ އިރު ހޮސްޕިޓަލް ލޯންޗްތަކާއި އެމްއެމްޑީއެފް އިން ބަލި މީހުން އުފުލުމުގެ ހިދުމަތް ކުރިންދޭ ފަދައިން ދޭނެ ކަމަށް ވެސް އެމްއެންޑިއެފް އިން ބުންޏެވެ.