ސަރުކާރު ހިންގާ މައި ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އާއި ޖުމްހޫރީ ޕާޓީ އާ އެކު ހަދާފައިވާ ކޯލިޝަނުން ޖުމްހޫރީ ޕާޓީ ވަކިވުމަކުން ސަރުކާރަށް ގެއްލުމެއް ވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ސީ އެމްބިއުލާންސް ތައާރަފު ކުރުމަށް މިއަދު ރަސްމީ ފާލަންމަތީގައި ބޭއްވި ހަފުލާ އަށް ފަހު، ސަރުކާރު ކޯލިޝަނުން ޖޭޕީ ވަކިވުމުން މި ސަރުކާރަށް ގެއްލުމެއް ވެދާނެތޯ މީޑިއާ އިން ދެންނެވުމުން ނައިބް ރައީސް ވިދާޅުވީ މި ސަރުކާރަކީ ރައްޔިތުންނަށް ހިދުމަތްދޭ ސަރުކާރެއް ކަމަށާއި ޖޭޕީ ކޯލިޝަނުން ވަކިވިޔަސް ވާނެ ގެއްލުމެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ޖުމްހޫރީ ޕާޓީ އަށް ނިސްބަތްވާ މިނިސްޓަރުން ސަރުކާރުން ވަކިކުރާނެތޯ ދެންނެވުމުން ނައިބް ރައީސް ވިދާޅުވީ "ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ވަރަށް ގިނަ ކަންކަން އެނގިގެންދާނެ" ކަމަށެވެ.

އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ނައިބު ރައީސް ވިދާޅުވީ މިސަރުކާރަކީ ރައްޔިތުންނަށް ހިދުމަތް ކުރުމަށް މަަސައްކަތް ކުރާ ސަރުކާރެއް ކަމަށާއި އެކަން ކުރުމުގެ ބާރު މަޖިލިސް ތެރެއިން ޕީޕީއެމް އަށް މިހާރު ވެސް ލިބިފައިވާ ކަމަށެވެ.

ނައިބު ރައީސް އެހެން ވިދާޅުވެފައިވާ އިރު ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމް ގޭގައި މަދުކޮށްލެއްވުމަށް ރޭ ވަނީ ރައީސްލްޖުމްހޫރިއްޔާ އަންގަވާފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާދަކުރެއްވުމުން ކޯލިޝަން ރޫޅިފައިވާ ކަމަށް ޕީޕީއެމް އިން ވަނީ އިއުލާންކޮށްފަ އެވެ.