29 May 2014, 12:29
އޭއެފްސީ ޗެލެންޖް ކަޕުގައި މިރޭ ކުޅޭ ތިންވަނަ ހޮވާ މެޗަކީ ސައުތު އޭޝިއާ ސަރަހައްދުގެ ފުޓްބޯޅައިގެ ދެ ވާދަވެރިން ބައްދަލުކުރާ ފޯރިގަދަ މެޗަކަށް ވާނެ އެވެ. ސާފް ޗެމްޕިއަނުންނާއި ދެކޮޅަށް ނުކުންނަ ރާއްޖެ އަށް މި މެޗަކީ އަފްޣާން އަތުން ބަލި ނުވުމުގެ ރެކޯޑް ދެމެހެއްޓުމަށް މުހިންމު މެޗަކަށް ވާނެ އެވެ. އަފްޣާނުގެ ކީޕަރު މަންސޫރު ފަގިރްޔާރާއި ރާއްޖޭގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އަށް ވެސް މި މެޗަކީ މުހިންމު މެޗަކަށް ވާނެ އެވެ.
މިރޭ 9:00 ގައި މި މެޗަށް ނުކުންނަ އިރު، އަފްޣާން ގޯލް ބަލަހައްޓަމުން ދާނީ މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ އެންމެ މޮޅު ގޯލްކީޕަރު މަންސޫރު ފަގިރްޔާރު އެވެ. އަދި އޭނާ އަށް ނުރައްކާ ކުރަން ނުކުންނާނީ އެ މުބާރާތުގެ އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ރާއްޖޭގެ ކެޕްޓަން އަލީ އަޝަފާގު (ދަގަނޑޭ) އެވެ.
ފުޓްބޯޅައިގެ ތާރީހަށް ބަލައިލާ އިރު، މިހާތަނަށް އަފްޣާނާއި ރާއްޖެ ބައްދަލުކޮށްފައި ވަނީ ތިން ފަހަރުއެވެ. އެއީ 2005 ވަނަ އަހަރު ފާކިސްތާނުގެ ކަރާޗީގައި ބޭއްވި ސާފް ގޯލްޑް ކަޕާއި 2009 ވަނަ އަހަރު ބަންގާޅުގައި ބޭއްވި ސާފު ޗެމްޕިއަންޝިޕް އަދި މިދިޔަ އަހަރު ނޭޕާލުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުގައެވެ. އެ ތިން މުބާރާތުގައި ވެސް ރާއްޖެ އާއި އަފްޣާން ބައްދަލުކުރީ ގްރޫޕް ސްޓޭޖުގައެވެ.
ކަރާޗީގައި 2005 ވަނަ އަހަރު ކުޅުނު މެޗުން ރާއްޖެ މޮޅުވީ 9-1 ލަނޑުންނެވެ. އެ މެޗުގައި އިބްރާހީމް ފަޒީލު (އޮއްޕޮ) އާއި އަހްމަދު ތޯރިގު (ޓޮމް) މިއިން ކޮންމެ ކުޅުންތެރިއަކު ތިން ލަނޑު ކާމިޔާބު ކުރި އިރު ދަގަނޑޭ ވަނީ އެ މެޗުގައި ދެ ލަނޑު ޖަހައިފައެވެ. އަނެއް ލަނޑު ޖަހައިދިނީ ޢަލީ ޢުމަރު އެވެ. ބަންގާޅުގައި 2009 ވަނަ އަހަރު ބައްދަލުކުރި މެޗުން ރާއްޖެ މޮޅުވީ 3-1 ލަނޑުންނެވެ. އެ މެޗުގައި ރާއްޖޭގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ޓޮމް އާއި ދަގަނޑޭ އެވެ. އެ މެޗުގައި ދަގަނޑޭގެ ފަރާތުން ދެލަނޑު ފެނިގެންދިޔަ އެވެ. އަފްޣާނުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ބަރަކްޒާއީ އެވެ.
ނޭޕާލުގައި 2010 ވަނަ އަހަރު ބައްދަލުކުރި މެޗު ނިމުނީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. އެ މެޗު ވެގެން ދިޔައީ މުބާރާތުގެ އެންމެ ވާދަވެރި މެޗުތަކުގެ ތެރެއިން މެޗަކަށެވެ. ރާއްޖެއަށް ލަނޑުޖަހާނެ ފުރުސަތުތަކެއް ލިބުނު ނަމަވެސް އަފްޣާނުގެ ކީޕަރު ފަގިރްޔާރު ވަނީ އެ ހަމަލާތައް ދިފާއުކޮށްފައެވެ.
މީގެ އަހަރުތަކެއް ކުރިން އަފްޣާން އަކީ ސާފްގެ ވަރުގަދަ ޓީމެއް ކަމުގައި ނުބެލެވުނަސް މިހާރު އެ ޓީމަކީ މި ސަރަހައްދުގެ އެންމެ ވަރުގަދަ ޓީމުތަކުގެ ތެރޭގައި ހިމެނޭ ޓީމެކެވެ. އިންޑިއާގައި ބޭއްވި 2011 ވަނަ އަހަރުގެ ފައިނަލަށް ދަތުރުކޮށް، އިންޑިއާ އަތުން ބަލިވީ 4-0 ލަނޑުންނެވެ. ނަމަވެސް އޭގެ ދެ އަހަރު ފަހުން ނޭޕާލުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުގައި އަފްޣާނު ވަނީ 2-0 ލަނޑުން އިންޑިއާ އަތުން މޮޅުވެ އޭގެ ބަދަލު ހިފައިފައެވެ.
ޗެލެންޖް ކަޕަށް ފުރަތަމަ ފަހަރަށް ކޮލިފައިވެ، އެ ޓީމުގެ ފަރާތުން މި މުބާރާތުގައި ރަނގަޅު ކުޅުމެއް ފެނިގެން ދިޔައެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، އަފްޣާން ސެމީ އަށް ދަތުރުކުރީ ގްރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައެވެ.
އެންމެ ފުރަތަމަ ޗެލެންޖް ކަޕަށް ރާއްޖެ ކޮލިފައިވީ 2012 ވަނަ އަހަރު އެވެ. އެ އަހަރުގެ މުބާރާތުން ރާއްޖެ ކެޓީ ގްރޫޕް ސްޓޭޖުގައި ލިބުނު ތިން ޕޮއިންޓާ އެކު ގްރޫޕްގެ ތިންވަނައިގައި އޮވެ އެވެ. އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ އޮތީ މިދިޔަ އަހަރުގެ ރަނަރަޕް ތުރުކުމެނިސްތާނާއި މި އަހަރުގެ މުބާރާތުގެ ފައިނަލުން ޖާގައެއް ކަށަވަރުކުރި ފަލަސްތީނާއި އަދި ނޭޕާލްއާ އެއް ފަޅިއެއްގައެވެ.