ސަރުކާރުން ރާއްޖޭގައި ހިންގާ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް 225 ޑޮކްޓަރުން ހޯދުމަށް ހެލްތު މިނިސްޓްރީ އިން އިއުލާންކޮށްފި އެވެ.

ހެލްތު މިނިސްޓްރީން ހޯމަ ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނީީ، 14 އެނެސްތެޓިސްޓަކާއި ދެ ކާޑިއޮލޮޖިސްޓަކާއި ދެ ޑާމަޓޮލޮޖިސްޓަކާއި ހަތް އީއެންޓީ ޑޮކްޓަރުންނާއި 25 ގައިނަކޮލޮޖިސްޓަކާއި 11 އޮފް ތަލްމޮލޮޖިސްޓެއްގެ އިތުރުން ހަތް އޮތޮޕީޑިކްސް އަކު ބޭނުންވާ ކަމަށެވެ. އަދި 19 ޕީޑިއެޓްރިކްސް އާއި 17 ފިޒީޝަނެއް އިތުރުން ވެސް ހަތް ސައިކެޓްރިސްޓަކާއި ދެ ރޭޑިއޮލޮޖިސްޓެއް ވެސް ހޯދުމަށް ވަނީ އިއުލާންކޮށްފައިވެ އެވެ. އަދި 14 ސާޖަނުންނާއި ތިން ނިއޮރޮލޮޖިސްޓަކާއި 91 މެޑިކަލް އޮފިސަރަކު ބޭނުންވާ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ. ހެލްތުން ކޮށްފައިވާ އިއުލާނުގައި އަދި ވަނީ ޔޫރޮލޮޖިސްޓަކާއި މެކްސިލޯ ފޭޝަލް ސާޖަން އަކާއި ގެސްޓުރޯލޮޖިސްޓަކާއި މައިކްރޯ ބަޔޮލޮޖިސްޓެއް ވެސް ބޭނުންވާ ކަމަށް ބުނެފަ އެވެ.

ގިނަ އަދަދެއްގެ ޑޮކްޓަރުން ހޯދަން ހެލްތުން އިއުލާންކޮށްފައިވާ އިރު، އެ ޑޮކްޓަރުން މަސައްކަތް ކުރާނެ ތަންތަނާއި މުސާރައާ ބެހޭ އެއްވެސް މައުލޫމާތެއް ހެލްތު މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ.

ޑޮކްޓަރުން ރާއްޖެ ގެނައުމަށް ބޭނުންވާ ފަރާތްތަކުން މޯލްޑްވްސް މެޑިކަލް ކައުންސިލްގެ ޕްރީ ރެޖިސްޓްރޭޝަން ސްލިޕާ އެކު އެ މިނިސްޓްރީގެ ހެލްތު ސާވިސް ޑިވިޝަންގެ ދަށުން ހިނގަމުންދާ ފޮރިން ރެކްރޫޓްމަންޓް ސެކްޝަނަށް ހުށަހަޅަމުން ގެންދިއުމަށް ހެލްތުން ވަނީ އެދިފަ އެވެ.

ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކޮންމެ އަހަރަކު ރާއްޖެ އަށް މެޑިސިންގެ ދާއިރާ އިން ދެ ސްކޮލަޝިޕް ދިނުމަށް ކިޔުބާ ސަރުކާރުން ވަނީ ނިންމާފަ އެވެ.

ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ 80 ޕަސެންޓަކީ ބިދޭސީ ޑޮކްޓަރުން ކަމަށް ހެލްތުން ވަނީ ބުނެފަ އެވެ.