29 May 2014, 11:21
"ހަވީރު ނޫސް އެޖެންސީ" އިން ވިޔަފާރިކޮށްގެން ލިބޭ ފައިދާ ލިބިފައި ނުވާ ކަމަށް ބުނެ އެ ނޫސް އުފެއްދުމުގައި ބައިވެރިވި ކަމަށް ދައުވާ ކުރާ ދެ މުއައްސިސަކު އެ ނޫހުގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސައިނާ ދެކޮޅަށް ކުރާ ދައުވާގެ މިއަދުގެ ޝަރީއަތް ކެންސަލްކޮށްފި އެވެ.
ސިވިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ މިއަދު ބާއްވަން ހަމަޖެހިފައި އޮތް ޝަރީއަތުގެ މަޖިލީސް ކެންސަލް ކޮށްފައި ވަނީ މައްސަލަ ބައްލަވާ ގާޒީ އާލާސްކަންފުޅާ އުޅުއްވާތީ ކަމަށެވެ.
އެ މައްސަލައިގައި ކޯޓަށް ހާޒިރުވުމަށް ދައުވާ ކުރާ ފަރާތާއި ދައުވާ ލިބޭ ފަރާތަށް ޗިޓް ފޮނުވި ނަމަވެސް ސިވިލް ކޯޓުގެ މިއަދުގެ ޝެޑިއުލްގައި އެ މައްސަލަ ހިމަނާފައެއްނުވެ އެވެ.
ދެން އެ މައްސަލައިގައި އޮންނާނީ ދެ ފަރާތުން ވެސް ޚުލާސާ ބަޔާން ހުށަހެޅުމެވެ.
ހަވީރުގެ ޗެއާމަނާ ދެކޮޅަށް ދައުވާ ކޮށްފައި ވަނީ ގ. ކޮއްކިރި އަބްދުﷲ ފާރޫގު ހަސަން އާއި ހ. މީރުބަހުރުގެއާގޭ އިބްރާހީމް ރަޝީދު މޫސާ އެވެ.
އެ ދެ ބޭފުޅުން ކުރެއްވި ދައުވާގައި ހަވީރު ނޫހާއި އެތަނުގެ ޗާޕްޚާނާ އާއި އެންމެހާ ވިޔަފާރި ހިންގަމުން އަންނަނީ ހަވީރުގެ މިހާރުގެ ޗެއާމަން ޑރ. ޒާހިރާއި އިބްރާހީމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު ހަސަން އަދި ހ. ޓައިމްލެސް މުހައްމަދު ނައީމާ އެއްވަރަށް ހިއްސާވާ ގޮތަށް 1 އޭޕްރީލް 1983 ވަނަ އަހަރު އެކުލަވާލި އެއްބަސްވުމެއްގެ ދަށުން އުފެއްދި ހަވީރު ނޫސް އެޖެންސީގެ ދަށުން ކަމަށެވެ.
ދައުވާގައި ބުނެފައި ވަނީ އެ އެއްބަސްވުމުގައިވާ ގޮތުން ހަވީރު ނޫސް އެޖެންސީގެ މުދަލާއި އެތަނަށް ލިބޭ ފައިދާ ބަހަންޖެހެނީ ހަތަރު މުއައްސިސުންގެ މެދުގައި އެއް ހަމައެއްގެ ދަށުން ކަމަށެވެ. ނަމަވެސް މިހާތަނަށް ހަވީރު ނޫސް އެޖެންސީގެ ވިޔަފާރި ކުރިއަށް ގެންގޮސްފައި ވަނީ އެ ތިން ބޭފުޅުންނަށް އެއްވެސް އެންގުމަކާ ނުލައި އަދި އެއްވެސް ފައިދާއެއް ނުލިބޭ ގޮތަށް ޑރ. ޒާހިރު އަމިއްލަ އަށް އެއްބަސްވުމާ ހިލާފަށް ކަމަށް ވެސް އެ ދައުވާގައި ބުނެފައިވެ އެވެ.
ހަވީރުގެ މެނޭޖްމަންޓުން ހަވީރު ވިއްކާލުމަށް ކުރި މަސައްކަތް ސިވިލް ކޯޓުގެ ވަގުތީ އަމުރެއްގެ ދަށުން ވަނީ ހުއްޓުވައިފަ އެވެ. ސިވިލް ކޯޓުގެ ވަގުތީ އަމުރު ޑރ. ޒާހިރު ހުސައިން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ނަމަވެސް ދަށު ކޯޓުގެ ނިންމުމަށް ހައި ކޯޓުން ވެސް ވަނީ ތާއީދުކޮށްފަ އެވެ.
ހަވީރު ނޫހުގެ ލޯޔަރަކީ ކުރީގެ ބަންޑާރަނައިބު، ސޫދު އެންޑް އަންވަރު ކޯގެ ލޯޔަރު ހުސްނުއްސުއޫދު އެވެ.