ގދ. ތިނަދޫ ޑައިމަންޑުވިލާ، އަލީ ރަޝީދު، 79، މަރާލި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރި ހަ މީހުންގެ ތެރެއިން ދެ މީހަކު ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ދެ މީހުން ދޫކޮށްލާފައި ވާތީ ދައުލަތުގެ ފަރާތުން މިހާރު އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާ ފުކޮށްފައި ވާ ކަމަށެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ، ތަހުގީގު ކުރިއަށްދާތީ ހައްޔަރުކުރި މީހުންނާ ބެހޭ މައުލޫމާތު މިވަގުތު ދެވެން ނެތް ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ 33 އަހަރުގެ މީހަކާއި 39 އަހަރުގެ މީހަކާއި 41 އަހަރުގެ ދިވެހި އަންހެނަކާއި 35 އަހަރުގެ މީހަކާއި 31 އަހަރުގެ މީހެއްގެ އިތުރުން 24 އަހަރުގެ ބަނގްލަދޭޝް ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

އަލީ ރަޝީދު ދިރުއުޅޭ ގޭގެ ގުދަނެއްގެ ތެރޭގައި އޭނާ މަރާލާފައި އޮއްވާ ފެނުނީ މިދިޔަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ތިނަދޫ ކައުންސިލް މެމްބަރަކު ވިދާޅުވީ، އަލީ ރަޝީދުގެ މޫނު މައްޗާއި އޭނާގެ ގައިގެ އެކި ތަންތަނުން ޒަޚަމްތަކެއް ފެންނަން ހުރި އިރު، އޭނާ މަރުވެފައި އޮއްވައި ފެނުނު ގުދަނުގައި ލޭ ވެސް ހުރި ކަމަށެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޮގަނައިޒް ކްރިމައިމް ޑިޕާޓްމަންޓުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.