29 May 2014, 10:56
ބްރާވިއާ އައިޑިއާސް ކަޕުގެ ސެމީ ފައިނަލުން ބަރާބަރާއި ސްޓެލްކޯ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަދި މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) ޖާގަ ހޯދައިފި އެވެ.
މި މުބާރާތުގައި އިއްޔެ ކުޅުނު ކުއާޓާ ފައިނަލުގެ މެޗުތަކުގެ ތެރެއިން ފުރަތަމަ ކުޅުނީ އެލައިޑް އިންޝުއަރެންސާއި ބަރާބަރެވެ. މި މެޗު 2-1 ލަނޑުން ކާމިޔާބުކޮށް، ސެމީގެ ޖާގައެއް ހޯދީ ބަރާބަރުންނެވެ. ބަރާބަރުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަލީ ހައިޝަމް އާއި މުހައްމަދު އައްޒާމް އެވެ. އަދި އެލައިޑްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ރިއްފަތެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބަރާބަރުގެ ޖާޒީ ނަންބަރު 21 މުހައްމަދު އައްޒާމެވެ.
ސްޓެލްކޯ އިން ސެމީގެ ޖާގައެއް ހޯދީ ކުއާޓާގައި ރީފްސައިޑް އަތުން 3-0 ލަނޑުން މޮޅުވެގެންނެވެ. މެޗުގައި ސްޓެލްކޯގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަބްދުﷲ މުހައްމަދާއި ހާރޫން އިބްރާހިމް އަދި އަހްމަދު ނައުފަލް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ސްޓެލްކޯގެ ޖާޒީ ނަންބަރު ހަތެއް ހާރޫން އިބްރާހިމް އެވެ.
އެމްއޭސީއެލް އިން ސެމީގެ ޖާގައެއް ކަށަވަރުކުރީ ކުއާޓާގައި މާލޭ ސިޓީ ކައުންސިލް އަތުން 5-3 ލަނޑުން މޮޅުވެގެންނެވެ. މެޗުގައި އެމްއޭސީލްއެލްގެ ފަސް ލަނޑުގެ ތެރެއިން ތިން ލަނޑު އިބްރާހިމް ލަތީފް ކާމިޔާބުކޮށްދިން އިރު، އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ހައިޝަމް ނަޖީބް އަދި އިބްރާހިމް ފުރުގާނެވެ. ސިޓީ ކައުންސިލަށް ހަސަން ނޫރިޝް ދެ ލަނޑު ކާމިޔާބުކޮށްދިން އިރު، އެ ޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު އަޔާޒެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްއޭސީލްގެ ޖާޒީ ނަންބަރު 11 އިބްރާހިމް ލަތީފެވެ.
ކުއާޓާގެ ފަހު މެޗުގައި ބައްދަލުކުރީ ވިންސެންޑޯ އާއި އެމްއާރުޑީސީ އެވެ. މި މެޗު 5-3 ލަނޑުން ކާމިޔާބުކޮށް ސެމީގެ ޖާގައެއް ކަށަވަރުކުރީ އެމްއާރުޑީސީ އެވެ. އެމްއާރުޑީސީގެ އިސްމާއިލް އީސާ (މެސީ) ދެ ލަނޑު ކާމިޔާބުކުރި އިރު، އަހްމަދު ވިޝާލް އާއި، އަލީ މަލާޝް އަދި ރިފާއު އިބްރާހިމް އީސާ، މިއިން ކޮންމެ ކުޅުންތެރިއަކު ލަނޑެއް ކާމިޔާބުކޮށްދިނެވެ. ވިންސެންޑީގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު މުހައްމަދު އިބްރާހިމް ކާމިޔާބުކޮށްދިން އިރު، އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އަލީ ޝިފާއު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްއާރުޑީސީގެ ޖާޒީ ނަންބަރު އެކެއް ހުސައިން ނާސީހު އެވެ.
ސެމީ ފައިނަލުގައި ހޮނިހިރު ދުވަހުގެ ރޭ 8:00 ގައި ބަރާބަރާއި އެމްއޭސީއެލް ބައްދަލުކުރާ އިރު، ސްޓެލްކޯ އާއި ދެކޮޅަށް އެމްއާރުޑީސީ ނުކުންނާނީ އެރޭ 9:00 ގައެވެ.
ބްރާވިއާ އައިޑިއާސް ކަޕް 2014 ގެ މެއިން ސްޕޮންސަރަކީ ރީފްސައިޑެވެ. އެލައިޑް އިންޝުއަރެންސް އިން ކޯ ސްޕޮންސަރު ކޮށްފައިވާ މި މުބާރާތުގެ ޕްރިންޓިންގް ޕާޓްނަރަކީ އެމްސެވަން ޕްރިންޓެވެ. އަދި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ސަން އޮންލައިން އެވެ.