29 May 2014, 10:34
ކައުބާގައިވާ ހަޖަރުލް އަސްވަދު ބަލަހައްޓަން ހުރި ފުލުހަކު އެހިލައަށް ފައި ލީ މައްސަލަ ބަލައި، އެކަން ކުރީ މީހާއާ ދެކޮޅަށް ފިޔަވަޅު އަޅަން މައްކާގެ އަމީރު ސައުދީ ފުލުހުންނަށް އަންގަވައިފި އެވެ.
ސައުދީ ގެޒެޓް ނޫހުން ބުނީ ހިލަޔަށް ފައިލީ ފުލުސްމީހާގެ މައްސަލަ ބަލަން މައްކާ ފުލުހުންގެ ވެރިޔާ މޭޖަ ޖެނެރަލް އަބުދުލް އަޒީރު އަލް ސޯލިހު އަށް މައްކާގެ އަމީރު ޕްރިންސް މިޝްއަލް ބިން ޢަބުދުﷲ އަންގަވާފައިވާ ކަމަށެވެ.
ހަޖަރުލް އަސްވަދު ބަލަހައްޓަން ހުރި ފުލުހަކު އެހިލައަށް ފައި ލައިގެން ހުރި މަންޒަރު ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާގައި އިއްޔެ ވަނީ ދައުރުވެފަ އެވެ. އެ ފޮޓޯ އިން ފެންނަނީ އޭނާ ކައުބާގެ ފާރުގައި ލައްގަނެގެން، އެއް ފައި ހަޖަރުލް އަސްވަދުގައި ވިއްދައިގެން ހުންނަ މަންޒަރެވެ.
މިޝްއަލް ވިދާޅުވެފައި ވަނީ ފުލުސްމީހާގެ އެ އަމަލަކީ އެއްގޮތަކަށް ވެސް ބަލައިގެނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަމުން ފުން ހިތާމަ ލިބިވަޑައިގެންފައިވާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ. ހުރުމަތްތެރިވެގެންވާ ތަންތަނުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓާ މީހުން ހޭލުންތެރި ކުރުވުމަށް ވޯކްޝޮޕްތައް ހިންގުމަށް އޭނާ ވަނީ މައްކާ ފުލުހުންގެ ވެރިޔާއަށް އަންގަވާފައެވެ.
"... ހަރަމްފުޅަށް އަންނަ ހައްޖާޖީންނާއި އެތަނަށް ޒިޔާރާތްކުރާ މީހުންނަށް އެންމެ ރަނގަޅަށް ހިދުމަތްކުރުމަށް ޓަކައި އިހުތިރާމާއި އެކު މުއާމަލާތްކުރަން ހަރަމްފުޅުގައި މަސައްކަތް ކުރާ މަދަނީ އަދި މިލިޓަރީ މުވައްޒަފުންނަށް ދަސްކޮށްދޭން ޖެހޭ،" އަމީރު މިޝްއަލް ވިދާޅުވިކަމަށް ނޫހުގައި ވެއެވެ.