29 May 2014, 09:40
ވެރިރަށް މާލެ އަށް ރޭ މެންދަމުން ފެށިގެން މިއަދު ހެނދުނާ ހަމައަށް ބޯކޮށް ވާރޭ ވެހި ގިނަ ސަރަހައްދުތަކެއްގައި ފެން ބޮޑުވެއްޖެ އެވެ.
މީޓިރޮލޮޖިކަލް ސެންޓަރުން ބުނީ ރޭ މެންދަމުން 12:00 އިން ފެށިގެން ހެނދުނު 7:00 އަށް ބޯކޮށް ވާރޭ ވެހިފައިވާ އިރު މާލެ އަށް 57 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށެވެ.
މާލެ އަށް ބަލާ އިރު ގިނަ ހިސާބުތަކެއްގައި ވަނީ އާންމުންނަށް އުނދަގޫވާ ވަރަށް ފެންބޮޑުވެފަ އެވެ. އެގޮތުން އައިޖީއެމްއެޗު ކައިރި އާއި އަމީނީމަގުގެ ބޮޑުބައެއްގެ އިތުރުން ގިނަ ސަރަހައްދުތަކެއްގައި ފޫޓަކަށް ފެން ބޮޑުވެފައިވާ އިރު އެނޫން ވެސް ގިނަ ސަރަހައްދުތަކެއްގައި ވެސް ކަށިމައްޗާ ހަމައަށް ރޭ ވަނީ ފެން ބޮޑުވެފަ އެވެ.
ފެން ބޮޑުވުމުގެ ސަބަބުން ދުއްވާ އެއްޗިއްސަށާއި ހިނގާ މީހުންނަށް ވަނީ ބޮޑެތި އުނދަގޫތަކެއް ކުރިމަތިވެފަ އެވެ. އޮފީސްތަކަށްދާ މީހުން ވެސް ބޫޓް ނުތެންމާ ނަމަ ބައެއް ސަރަހައްދުތަކުގައި ހިނގަންޖެހެނީ ބޫޓް އަތަށް ލައިގެނެވެ.
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރަށް ވެސް މާލެ އާއި މެދު ރާއްޖެ ތެރެއަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި ގަޑިޔަކު 18 މޭލަށް ވައިޖެހޭނެ ކަމަށެވެ.