29 May 2014, 09:18
އިސްލާމްއާބާދު (މޭ 29): ޕާކިސްތާނުގެ އެންމެ ބޮޑު ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ ތާލިބާން ޖަމާއަތް ދެބައިވެ މަހްސޫދު ހަރަކާތުގެ ނަމުގައި އައު ޖަމާއަތެއް އުފަންވެ އެޖަމާއަތް ތާލިބާނުންގެ މައި ޖަމާއަތާ ވަކިވެގެންފި އެވެ.
ތާލިބާނުންނާ ވަކިވެގަތް މަހްސޫދު ހަރަކާތުން ބުނީ ތާލިބާން ޖަމާއަތުގެ މިހާރުގެ ލީޑާޝިޕުން އިސްލާމްދީނާ ޚިލާފު ކަންތައްތައް ކުރަމުން ގެންދާ ކަމަށާއި އެކަންތައް އެއްގޮތަކަށް ވެސް ގަބޫލު ނުކުރެވޭނެ ކަމުގައެވެ.
ތާލިބާން ޖަމާއަތް ދެބައިވެ މަހްސޫދު ހަރަކާތުގެ ނަމުގައި އަލަށް އުފެއްދި ޖަމާއަތުގެ ތަރްޖަމާން ޢައްޒާމް ތާރިގު މަހްސޫދު ބުނީ ތާލިބާނުންގެ މައި ޖަމާއަތާ ވަކިވެ އަލުން ޖަމާއަތެއް އުފައްދަން ޖެހުނީ ތާލިބާނުންގެ މިހާރުގެ ލީޑާޝިޕުން އިސްލާމްދީނާ ޚިލާފު ކަންތައްތަކެއް ކުރަމުން ގެންދާތީ އެކަން ހުއްޓުވުމަށް އެޖަމާއަތުގެ އެތެރޭން ކުރި މަސައްކަތްތައް ނާކާމިޔާބު ވުމުން ކަމަށެވެ.
ވަޒީރުސްތާނުގެ ދެކުނުގެ ސަރަހައްދެއްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ތާރިގު މަހްސޫދު ބުނީ، ޕާކިސްތާނުގެ އާންމު ތަންތަނުގައި ބޮންގޮއްވުމާއި އާންމުން ވަގަށް ނެގުމާއި އާންމު ރައްޔިތުންގެ ދިރިއުޅުމަށް ނުރައްކާ ވާ ފަދަ އަމަލުތައް ހިންގުމަކީ އިސްލާމް ދީނާ މުޅިން ޚިލާފު އަމަލުތަކެއް ކަމަށާއި އެކަންތައްތަކާއިގެން ކުރިޔަށް ދިޔުމަށް ތާލިބާނުންގެ މިހާރުގެ ލީޑާޝިޕުން ނިންމާފައި ވާތީ އެކަމުގައި ބައިވެރި ނުވުމުގެ ގޮތުން ތާލިބާނުންގެ މައި ޖަމާއަތާ ވަކިވެ މަހްސޫދު ހަރަކާތުގެ ނަމުގައި އެހެން ޖަމާއަތެއް އުފެއްދީ ކަމުގައެވެ.
ބައިތުﷲ މަހްސޫދާއި ހަކީމުﷲ މަހްސޫދުގެ ޒަޢާމަތުގައި ވެސް މިފަދަ އަމަލުތައް ހިންގާ ކަމުގެ ތުހުމަތު ތާލިބާނުންގެ މައްޗަށް ކުރެވި އަދި މިފަދަ ހަރުކަށި އަމަލުތަކުގެ ޒިންމާ ވެސް އެޖަމާއަތުން އުފުލާފައި ވެއެވެ.
މިއީ 2007 ވަނަ އަހަރު ތާލިބާން ޖަމާއަތުގެ ނަމުގައި ޕާކިސްތާނުގެ ދައުލަތާ ދެކޮޅަށް ހަނގުރާމަވެރި ޖަމާއަތެއް އުފެއްދިފަހުން އެޖަމާއަތް ބައިބައިވެގެން ދިޔަ ފުރަތަމަ ފަހަރެވެ. ތާލިބާން ހަނގުރާމަވެރިންގެ ތެރޭގައި ޚިޔާލު ތަފާތުވުމާއި ބައިބައި ވުންތައް އުފެދި އެ ޖަމާއަތުގައި އެންމެ ފުރަތަމަ ރެނދުލާން ފަށާފައި ވަނީ އެމެރިކާގެ ޑްރޯން ޙަމަލާއެއްގައި އެ ޖަމާއަތުގެ މުއައްސިސް އަދި ކުރީގެ ލީޑަރު ބައިތުﷲ މަހްސޫދު 2009 ވަނަ އަހަރު މަރުވުމާ ގުޅިގެންނެވެ. އެއަށްފަހު މިދިޔަ އަހަރު އެމެރިކާ ދިން ވައިގެ އެހެން ޙަމަލާ ތަކެއްގައި އެޖަމާއަތުގެ ދެވަނަ ލީޑަރު ކަމަށްވާ ހަކީމުﷲ މަހްސޫދުވެސް މަރުވުމާ އެކު މަހްސޫދުގެ އާއިލާގެ ބާރާއި ނުފޫޒު އެ ޖަމާއަތުގައި ކުޑަވެ އެ އާއިލާއަށް ނިސްބަތްނުވާ އެހެން ގަބީލާއެއްގެ ކޮމާންޑަރެއް ކަމަށްވާ މުއްލާ ފަޟްލުﷲ ތާލިބާނުންގެ ޒައާމަތާ ހަވާލުވި އެވެ.
މިހިސާބުން ތާލިބާނުންގެ މެދުގައި ބައިބައިވުންތައް އިތުރަށް ބޮޑުވެ މަހްސޫދުގެ އާއިލާއަށް ތާއީދުކުރާ ފަރާތްތަކާއި އެ އާއިލާއާ އިދިކޮޅު އަދި ތާލިބާނުންގެ މިހާރުގެ ލީޑަރު މުއްލާ ފަޟްލުﷲ އަށް ތާއީދުކުރާ ފަރާތްތަކާ ދެމެދު ހަނގުރާމައާއި ލޭ އޮހޮރުވުންތައް ހިނގަން ފެށިއެވެ. ދެފަރާތުގެ ދެމެދުގައި ފާއިތުވި ހައެއްކަ މަސްދުވަހު ހިނގައިދިޔަ ހަނގުރާމައާއި ލޭ އޮހޮރުވުންތަކުގައި ދެ ފަރާތުން ވެސް އެތަށް ސަތޭކަ ބަޔަކު މަރުވެ އެތަށް ބަޔަކު ޒަޚަމްވެފައި ވެއެވެ. މިއާއެކު ދެފަރާތުގެ ރުޅިވެރިކަމާއި ދުޝްމަންކަން މިހާރުވަނީ އިންތިހާއަށް ގޮސްފައި ކަމަށް މަހްސޫދު އާއިލާއަށް ނިސްބަތްވާ ޢައްޒާމް ތާރިގު މަހްސޫދުގެ ވާހަކަތަކުން ވަނީ ހާމަ ވެފައެވެ.
އައު ހަރަކާތުގެ މަރުކަޒަކީ ވަޒީރުސްތާނުގެ ދެކުނު ސަރަހައްދު ކަން ވެސް އޭނާ ހާމަކުރި އެވެ.
ތާލިބާން ޖަމާއަތާ ސުލްޙަވުމަށް ޕާކިސްތާން ސަރުކާރުން ކުރަމުން ގެންދިޔަ މަސައްކަތްތައް ވެސް ހަކީމުﷲ މަހްސޫދުގެ މަރާ ގުޅިގެންނާއި އެއަށްފަހު ތާލިބާނުންގެ އެތެރޭގައި ހިނގަމުންދިޔަ ހަނގުރާމައާއި ތަޅާފޮޅުންތަކުގެ ސަބަބުން ވަނީ ކުރިޔަށް ދާގޮތް ނުވެފައެވެ.
ރިޕޯޓްތައް ބުނާގޮތުން ޕާކިސްތާން ސަރުކާރާ ސުލްހައިގެ ވާހަކަތައް ކުރިޔަށް ގެންދިޔުމަށް މަހްސޫދު ގެ އާއިލާއަށް ނިސްބަތްވާ ތާލިބާނުންގެ ކޮމާންޑަރުންނާއި ހަނގުރާމަވެރިންގެ ތާއީދުލިބޭއިރު ތާލިބާނުންގެ ލީޑަރު މުއްލާ ފަޟްލުﷲ އާއި އޭނާއަށް ތާއީދުކުރާ ފަރާތްތަކުން ގެންދަނީ ޕާކިސްތާން ސަރުކާރާ ސުލްހައިގެ ވާހަކަތައް ކުރިޔަށް ގެންދިޔުމަށް ދެކޮޅު ހަދަމުންނެވެ.
ޕާކިސްތާނުގެ އެންމެ ބޮޑު ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ ތާލިބާން ޖަމާއަތް ދެބައިވެ މަހްސޫދު ހަރަކާތުގެ ނަމުގައި އައު ޖަމާއަތެއް އުފަންވެގެން ދިޔުމަކީ ތާލިބާނުން ބަލިކަށިވެ އެ ޖަމާއަތް ނިކަމެތިވެގެން ދާނެ ކަމެއް ކަމަށް މުޙައްލިލުން ދެކެއެވެ. (ނޫސްއެޖެންސީތައް)