ހުޅަނގުން ރަޝިޔާގެ ދާޚިލީ ކަންތައްތަކާ ބެހެމުންދާ ކަމަށް އެޤައުމުން ތުހުމަތުކޮށްފިއެވެ. ލަންޑަންގައި ނުކުންނަ ފައިނޭންޝަލް ޓައިމްސްއަށް ދެއްވި ބަސްދީގަތުމެއްގައި ރަޝިޔާގެ ޚަރިޖީ ވަޒީރު ސަރގީ ލާވްރޯވް ވިދާޅުވީ ހުޅަނގުން ރަޝިޔާގެ ޝަރުޢީ ނިޒާމަށް ނުފޫޒުހިންގުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށާއި ނަމަވެސް މިކަން މިގޮތަށްވިޔަ  ނުދެއްވާނެ ކަމުގައެވެ. ލާވްރޯވް މިހެން ވިދާޅުވީ ރަޝިޔާގެ ތެލާބެހޭ ކުންފުންޏެއްކަމަށްވާ ޔޫކޯސް ގްރޫޕްގެ ކުރީގެ ޗީފް އެގްޒެކެޓިވް މިޚައިލް ޚުރްދޮރޮވްސްކީ ގެ މައްޗަށް ކުރެވިފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކެއް ސާބިތުވުމާގުޅިގެން ރަަޝިޔާގެ ކޯޓަކުން 14 އަހަރުގެ ޖަލުގެ ޙުކުމެއް އޭނާގެ މައްޗަށް ކުރުމުންނެވެ. މިޚައިލް ޚުރްދޮރޮވްސްކީ އާއި އޭނާގެ ވިޔަފާރީގެ ބައިވެރިޔާ ޕްލަޓޯން ލެބިޑޭވްގެ މައްޗަށް ވަނީ ޔޫކޯސް ގްރޫޕް ފައިސާގެ ތެރެއިން 27 ބިލިޔަން އެމެރިކާ ޑޮލަރަށް ޚިޔާނާތްތެރިވެ މިފައިސާގެ ތެރެއިން ބޮޑުބައެއް ސިއްރިޔާތުގައި ޤައުމުން ބޭރުކުރުމުގެ ކުށް ސާބިތުވެފައެވެ. މިދެމީހުންގެ މައްޗަށް މިޙުކުމް ކުރެވުމުން އެމެރިކާއާއި ހުޅަނގު ޔޫރްޕްގެ ޤައުމުތަކުން ވަނީ މިއީ ރަޝިޔާ ސަރުކާރުގެ ސިޔާސީ ނުފޫޒުގައި ކުރި ޙުކުމެއް ކަމަށް ބުނެ ރަޝިޔާއަށް ފާޑުކިޔާފައެވެ. މިޚައިލް ޚުރްދޮރޮވްސްކީއަކީ ރަޝިޔާގެ އެންމެ ބޮޑެތި މިލިޔަނަރުންގެ ތެރޭގައި ހިމެނޭ ވިޔަފާރިވެރިއެކެވެ. 2003 ވަނަ އަހަރުން ފެށިގެން އޭނާވަނީ ހައްޔަރުކޮށްފައެވެ.