ވޮޝިންޓަން (މޭ 29): އެމެރިކާގެ ރައީސް ބަރަކް އޮބާމާ ގެންގުޅުއްވާ ޚާރިޖީ ސިޔާސަތުތަކަށް ފާޑުކިޔަމުންދާ އެމެރިކާގެ ހަރުކަށި ޚިޔާލުގެ ސިޔާސީ ފަރާތްތަކަށް އޭނާ ރައްދު ދެއްވައިފި އެވެ.

އެމެރިކާގެ ވެސްޓް ޕޮއިންޓް ޢަސްކަރީ އެކަޑަމީގައި ތަގްރީރު ކުރައްވަމުން އޮބާމާ ވިދާޅުވީ އޭނާގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތު ބިނާވެފައި ވަނީ ހަނގުރާމަތަކާ ދުރަށް އެމެރިކާ ގެންދިޔުމާއި ޑިޕްލޮމަސީ ބޭނުންކޮށްގެން ބައިނަލްއަގްވާމީ މައްސަލަތައް ހައްލު ކުރުމުގެ މައްޗަށް ކަމުގައެވެ. މިގޮތުން ކުރިމަގުގައި ވެސް އޭނާގެ ޒަޢާމަތުގެ ދަށުން އެމެރިކާގެ ޚާރިޖީ ސިޔާސަތު ކުރިޔަށް ދާނީ މިއުސޫލުތަކުގެ މަތިން ކަމަށް އޮބާމާ ވިދާޅުވި އެވެ.

އޮބާމާ ވިދާޅުވީ އޭނާގެ ވެރިކަމުގައި އިރާގުން އެމެރިކާ ސިފައިން ބާލާފައި ވާނެ ކަމަށާ އަދި މިއަހަރު ނިމޭއިރު އަފްޣާނިސްތާނުން ވެސް އެމެރިކާ ސިފައިން ބާލާނެ ކަމުގައެވެ. ހަނގުރާމަތަކާ ދުރަށް އެމެރިކާ ގެންދިޔުމާއި ޑިޕްލޮމަސީ ބޭނުންކޮށްގެން ބައިނަލްއަގްވާމީ މައްސަލަތައް ހައްލު ކުރުމަށް އޭނާ ގެންގުޅުއްވާ މަޑުމައިތިރި ސިޔާސަތު ކާމިޔާބު ކަމަށާއި މި ސިޔާސަތުގެ ސަބަބުން އެމެރިކާގެ އިގްތިސާދު އަލުން ރަނގަނޅުވެ ބައިނަލްއަގްވާމީ މުޖްތަމައުގައި އެމެރިކާއަށް ގަދަރާއި އިހްތިރާމް ލިބެން ފަށާފައިވާ ކަމަށް އޮބާމާ ވިދާޅުވި އެވެ.

މީގެއިތުރުން ޑިޕްލޮމަސީ ކުރިޔަށް ނެރުމުގެ ނަތީޖާއެއްގެ ގޮތުން ޔުކްރޭންގެ މައްސަލައާއި އީރާނުގެ ނިއުކްލިޔާ މައްސަލަ ފަދަ ބައިނަލްއަގްވާމީ ބޮޑެތި މައްސަލަތައް ހައްލުވުމަށް މަގު ފަހިވެފައި ވާ ކަމަށްވެސް އޮބާމާ ވިދާޅުވި އެވެ. (ރޮއިޓާސް)