ޕީޕީއެމާއި ޖުމްހޫރީ ޕާޓީއާ ދެމެދު ހަދާފައިވާ ކޯލިޝަން އެއްބަސްވުން ނިމުމަކަށް ގެނެސްފައި ވަނީ ޖުމްހޫރީ ޕާޓީން ކަމަށް ޕީޕީއެމުން ބުނެފިއެވެ.

ޕީޕީއެމުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމްޑީޕީއާ ގުޅިގެން މަޖިލީހުގެ ރައީސް ކަމަށް ޖުމްހޫރީ ޕާޓީން ބޭފުޅަކު ނެރެފިނަމަ، ޕީޕީއެމާ އެކު ހަދާފައިވާ ކޯލިޝަންގެ އެއްބަސްވުން އެޕާޓީން އަމިއްލައަށް ނިކުމަކަށް ގެނައީ ކަމަށް ޕާޓީގެ ކައުންސިލްގެ އިއްތިފާގުން ފާސްކޮށްފައިވާނެ ކަމަށެވެ.

ޕީޕީއެމްގެ ކައުންސިލުން އެގޮތަށް ފާސްކޮށް އިއުލާންކޮށްފައި ވަނިކޮށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މަޖިލީހުގެ ރައީސްކަމަށް ކުރިމަތިލައްވައި އެ ގަމާމް ކާމިޔާބުކުރެއްވުމަށްޓަކައި އިދިކޮޅު އެމްޑީޕީގެ އެހީތެރިކަން ހޯދުމަށް ފާޅުގައި މަސައްކަތް ކުރައްވާފައިވާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި މަޖިލީހުގެ ނާއިބް ރައީސް ކަމަށް ކުރިމަތިލެއްވި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކަށް ޖުމްހޫރީ ޕާޓީން ފުރިހަމަ އެއްބާރުލުން ދެއްވާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

"އެހެންކަމަށް ވުމާ އެކު 26 މެއި 2014 ވަނަ ދުވަހުގެ ރޭ ބޭއްވި ޕީޕީއެމްގެ ކައުންސިލްގެ ކުއްލި ބައްދަލުވުމުގެ އިއްތިފާގުން ނިންމާފައިވާ ގޮތުގެމަތިން، މިޕާޓީ އާއި ޖުމްހޫރީ ޕާޓީއާ ދެމެދު ވެވިފައިވާ ކޯލިޝަން އެއްބަސްވުން މިއަދު 28 މެއި 2014 ވަނަ ދުވަހުން ފެށިގެން ޖުމްހޫރީ ޕާޓީއިން ނިމުމަކަށް ގެނެސްފިކަމުގައި ދަންނަވަމެވެ،" ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ވިދާޅުވެފައި ވަނީ މަޖިލީހުގެ ރައީސްކަން ޕީޕީއެމަށް ދޭންޖެހޭނެ ކަމަށް ކޯލިޝަން އެއްބަސްވުމުގައި ބުނެފައިނުވާކަމަށެވެ. އަދި އެއްބަސްވުމުގައި ނެތް ކަމެއް ދިމާވެއްޖެނަމަ ދެ ޕާޓީގެ މެދުގައި މަޝްވަރާ ކުރަންޖެހޭނެ ކަމަށް އެ އެގްރީމެންޓުގައި ބަޔާންކޮށްފައިވާއިރު، އެފަދަ މަޝްވާރާއެއް ޕީޕީއެމުން މިހާތަނަށް ކޮށްފައިނުވާ ކަމަށެވެ.

ގާސިމް ވިދާޅުވީ ކޯލިޝަންގެ އެއްބަސްވުން ރޫޅާލަންޖެހޭ އެއްވެސް ސަބަބެއް އޮތްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި މިހާތަނަށް އެފަދަ ނިންމުމެއް ނިންމިކަން ޕީޕީއެމްގެ ފަރާތުން ޖުމްހޫރީ ޕާޓީއަށް ލިޔުމުން އަންގާފައިނުވާކަމަށެވެ.