ރައީސް އޮފީހުން ވަކިއެއްޗެއް އަންގަންދެން ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމް ގޭގައި މަޑުކުރައްވަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު އަންގަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީ ވަނީ އެކަނަށް ސަން އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

މުއާޒު ވިދާޅުވީ އަމީންގެ އިތުރުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޒުބެއިރާއި ޑެޕިއުޓީ މިނިސްޓަރު އިކްރާމް ހަސަން ވެސް ގޭގައި މަޑުކުރައްވަން ރައީސް ޔާމީން އަންގަވާފައިވާ ކަމަށެވެ.

ރައީސް އެގޮތަށް އަންގަވާފައި ވަނީ ޖުމްހޫރީ ޕާޓީއާ އެކު ޕީޕީއެމުން ހަދާފައިވާ ކޯލިޝަންގައި މިހާރުދިމާވެގެން އުޅޭ މައްސަލައިގައި މަޝްވަރާކޮށް ގޮތެއް ނިމެންދެން ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ތިން ބޭފުޅުންގެ އިތުރުން ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ޖުމްހޫރީ ޕާޓީ އަށް ނިސްބަތްވާ އެއްވެސް ބޭފުޅަކަށް އެފަދަ އެންގުމެއް އަންގަވާފައިނުވާ ކަމަށެވެ.

އަމީންގެ އިތުރުން މިނިސްޓަރުންގެ ގޮތުގައި ޖުމްހޫރީ ޕާޓީގެ ތިން ބޭފުޅަކު އެބަތިއްބެވި އެވެ. އެއީ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމްގެ އިތުރުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.