28 May 2014, 17:51
އޭއެފްސީ ޗެލެންޖް ކަޕްގައި ރާއްޖެއާއި ފިޕިލީންސް ބައްދަލުކުރި ސެމީ ފައިނަލް މެޗުގައި ދިވެހި ކުޅުންތެރިންގެ ފަރާތުން ފެނިގެން ދިޔައީ ހިތްވަރު ގަދަ ކުޅުމެއް ކަމަށް އެފްއޭމްގެ ރައިސް އިލްހާމް އަހުމަދު ވިދާޅުވެއްޖެ އެވެ.
ރޭ ކުޅުނު ސެމީ ފައިނަލް މެޗުގައި ފިލިޕީންސް އަތުން ރާއްޖެ ބަލިވީ 3-2 ލަނޑުންނެވެ. އިތުރު ވަގުތު ކުޅެން ޖެހުނު މި މެޗުގައި ރާއްޖެ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައި ވެއެވެ.
އިލްހާމް ވިދާޅުވީ ދިވެހި ޓީމަށް ހުރިހާ ގޮތަކުން ވެސް މޮޅެއް ހައްގުކަމަށާއި އެހެން ނަމަވެސް ޓީމުގެ ނަސީބު ދެރައީ ކަމަށެވެ.
"އަޅުގަނޑުމެން ހުރިހާ އެއްމެން ހިނިތުންވާ ފަދަ ކުޅުމެއް ދިވެހި ޓީމް ކުޅެމުން ދިޔައީ، ދިވެހި ކުޅުންތެރިން ކުރި ހިތްވަރަށް ސާބަސް ދެން. އަދި ދިވެހި ސަޕޯޓަރުން އަބަދުމެ ގައުމީ ޓީމަށް ތި ދެއްވާ ސަޕޯޓަށް ތި ހުރިހާ ސަޕޯޓަރުންނަށް ޝުކުރުދަންނަވަން" އެފްއޭއެމްގެ ރައީސް ވިދާޅުވި އެވެ.
މި ބުރާތުގެ ތިންވަނަ ހޮވާ މެޗްގައި ރާއްޖޭގެ ޓީމަށް ސަޕޯޓް ދިނުމަށް ހަމަ ކުރިންވެސް ނުކުތް ފޯރިއާއި ޖޯޝުގައި ނުކުތުމަށް އިލްހާމް އެދިވަޑައިގަތެވެ.
ފީފާ ރެންކިންގައި ރާއްޖޭގެ ރޭންކިން މަތި ކުރުމަށްޓަކައި ތިންވަނަ ހޮވާ މެޗްގެ ނަތީޖާ އަކީ ވެސް މުހިއްމު ފާހަގަ ކުރައްވައި އިލްހާމް ވިދާޅުވީ، ދިވެހި ލާމަސީލު ސަޕޯޓަރުންގެ ސަޕޯޓް މި މެޗަށް ވެސް ލިބުމަކީ އެފްއޭއެމްގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
ތިންވަނަ ހޮވާ މެޗުގައި ރާއްޖެ ވާދަކުރާނީ އަފްޣާނިސްތާނާއެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ މި މެޗަށް ރާއްޖެ ނުކުންނާނީ މާދަމާ ރޭ 9:00ގައެވެ.