28 May 2014, 17:50
އާސެނަލްއާ އެކު ހަދާފައިވާ ކޮންޓްރެކްޓް އާކުރަން އެ ކްލަބާ އެކު ވާހަކަ ދައްކަމުން ދާ ކަމުގައި އާސެނަލްގެ ފްރާންސް ފޯވަޑް އޮލިވާ ޖިރޫ ބުނެފި އެވެ.
އުމުރުން 27 އަހަރުގެ ފޯވަޑް ވަނީ މިދިޔަ ސީޒަނުގައި އާސެނަލް އަށް 22 ލަނޑު ކާމިބުކޮށްފައެވެ. އޭގެ އިތުރުން ޖިރޫ ވަނީ އާސެނަލް އަށް އެފްއޭ ކަޕް ކާމިޔާބު ކޮށް ދިނުމުގައި އިސް ދައުރެއް އަދާކޮށް، އެ ކްލަބުން ތަށްޓެއް ނުލިބި ކުރަމުން އައި ނުވަ އަހަރުގެ ދިގު އިންތިޒާރަށް ނިމުމެއް ގެނެސްދީފައެވެ.
ފްރާންސްގެ މޮންޓްޕެލިއާއަށް ކުޅުމަށް ފަހު، 2012 ވަނަ އަހަރު ޖިރޫ އާސެނަލްއާ ގުޅުނީ 12 މިލިއަން ޔޫރޯ އަށެވެ. އާސެނަލްގެ ކުރީގެ ތަރި ރޮބިން ވެން ޕާސީ އެކްލަބު ދޫކޮށް ދިއުމުން މިހާރު އެ މަގާމު ފޫބައްދަމުން ދާ ކުޅުންތެރިޔަކީ ޖިރޫ އެވެ.
"އަހަރެން އާސެނަލްއާ އެކު ހަދާފައި ވާ އެއްބަސްވުން ނިމޭނީ 2016 ވަނަ އަހަރު. ނަމަވެސް މިހާރު އަހަރެންގެ ކޮންޓްރެކްޓް އާކުރުމަށް އާސެނަލްއާ އެކު މިދަނީ ވާހަކަ ދައްކަމުން. މި ކްލަބުގައި އަހަރެން ކުރަން ހުރި ވަރަށް ގިނަ ކަންތައް އެބަހުރި،" ޖިރޫ ބުންޏެވެ.
އާސެނަލްގެ ފްރާންސް ފޯވަޑް ބުނީ، އާސެނަލް އަށް ކުޅުނު ދެ ސީޒަންގައި ވެސް ވަރަށް ރަނގަޅު ކުޅުމެއް ދެއްކުނު ކަމަށާއި ކޮންމެ އަހަރަކު ވެސް އޭނާގެ ކުޅުން ރަނގަޅު ކުރެވެމުންދާ ކަމަށެވެ.
"ޕްރިމިއާ ލީގަށް ހޭނިއްޖެ. މި ކްލަބުގައި ހޭދަކުރި ފުރަތަމަ ސީޒަން ދިޔައީ ރަނގަޅަށް. ދެވަނަ ސީޒަން ވެސް ނިމިގެން އެ ދިޔައީ ވަރަށް ރަނގަޅަށް. ދެ ސީޒަނުގައި ވެސް އަހަރެންނަށް ދެއްކުނު ކުޅުމާއި މެދު ހިތްހަމަ ޖެހޭ. އެއް އަހަރަށް ވުރެ، އަނެއް އަހަރެއްގެ ކުޅުން އަހަރެންނަށް އެބަ ރަނގަޅު ކުރެވޭ. ހަމަ އެގޮތަށް ޓީމުގެ ކުޅުން ވެސް ދަނީ ރަނގަޅުވަމުން،" ޖިރޫ ބުންޏެވެ.
މޮންޓްޕެލިއާ އިން ފްރާންސްގެ ތާރީހުގެ ތެރެއަށް ވަނުމަށް 2012 ވަނަ އަހަރުގެ ފްރެންޗް ލީގު ކާމިޔާބު ކުރި އިރު، އެ ޓީމަށް އެންމެ ގިނަ ލަނޑު ކާމިޔާބު ކޮށްދިން ކުޅުންތެރިއަކީ ޖިރޫ އެވެ.