28 May 2014, 17:39
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ ކުރީގެ މެންބަރު ހަސަން އާދިލު ކުޑަކުއްޖަކާ ޖިންސީ އަމަލު ހިންގި ކަމަށްބުނެ ދައުލަތުން ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން މިއަދު ތާއިދުކޮށްފި އެވެ.
އާދިލުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ 29 ވަނަ ދުވަހު އެވެ. އަދި އޭގެ ފަހުން ޕޮރްސެކިއުޓާ ޖެނަރަލް އޮފީހުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.
އާދިލުގެ މައްޗަށް އެ ދައުވާ އުފުލީ 2010 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އެކި ދުވަސް މަތިން 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކާ ޖިންސީ އަމަލު ހިންގާފައިވާ ކަމަށް ތުހުމަތުކޮށެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ ދައުވާގައި ބުނެފައިވާ 13 އަހަރުގެ ކުއްޖައާ އާދިލް ޖިންސީ އަމަލު ހިންގި ކަން ސާބިތު ކުރުމަށް ޓަކައި އެކަށީގެންވާ މިންވަރަށް ދައުލަތުން ހެކި ހުށަހަޅާފައި ނުވާ ކަމަށެވެ.
ކުޑަ ކުއްޖަކާ ބެހުނު ކަމަށް ބުނާ މައްސަލައަކަށް ވާތީ އެ މައްސައިގެ ޝަރީއަތްތައް ބާއްވާފައި ވަނީ ސިއްރުންނެވެ.