އޭއެފްސީ ޗެލްންޖް ކަޕްގެ ފައިނަލަށް ގޮސްފައިވާ ދެ ގައުމު ކަމަށްވާ ފިލިޕީންސްގެ ރައްޔިތުންނާއި ފަލަސްތީނުގެ ރައްޔިތުންނަށް މިއަދު ޓިކެޓް ވިއްކަން ނިންމައިފި އެވެ.

އެފްއޭއެމްއިން ބުނީ، ޓިކެޓް ވިއްކަން ހަމަޖެހިފައި ވާ ގަޑިތަކަކީ މިއަދު ހަވީރު 6:00 ން މިރޭ 10:30 ށް އަދި މާދަމާ ހެނދުނު 9:30 ން މެންދުރު 1:00 ށް ކަމަށެވެ.

މި ދެޓީމްގެ ބައެއް ސަޕޯޓަރުންގެ އެދުމުގެ މަތިން ދެ ގައުމުގެ ރައްޔިތުންނަށް ވެސް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައި ދިނުމަށްޓަކައި، މި ދެ ގައުމުން ކުރެ ގައުމެއްގެ ރައްޔިތެއްގެ ޕާސްޕޯޓް ނުވަތަ ވޯކް ޕާމިޓް ހިފައިގެން އަންނަ ދިވެހިންނަށް ވެސް ޓިކެޓް ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޓިކެޓް ވިއްކާނީ އެފްއޭއެމް އިދާރާއިން ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުންޏެވެ.

މި ދެޓީމަށް ވިއްކަން ކަނޑައެޅިފައި ވާ އަދަދު ( ކޮންމެ ޓީމަކަށް މުޅި ޖުމްލަ ޓިކެޓްގެ އަށް ޕަސެންޓް ) ވިކި ހުސްވަންދެން ޓިކެޓް ވިއްކަމުން ދާނެ ކަމަށް ވެސް އެފްއޭއެމް އިން މައުލޫމާތު ދެއެވެ.

ފަލަސްތީނާއި ފިލިޕީންސް ބައްދަލުކުރާ ފައިނަލް މެޗް ކުޅޭނީ އަންނަ ހުކުރު ދުވަހުގެ ރޭ 9:00ގައި ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.