ޕީޕީއެމްއާ އެކު ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ހަދާފައިވާ ކޯލިޝަން އެއްބަސްވުން ރޫޅާލާފައިވާކަން ހަމަ އެކަނި އެނގިވަޑައިގެންނެވީ މީޑިއާ އިން ކަމަށާއި ނަމަވެސް މިހާރު ކޯލިޝަން އޮތް ކަމަށް ދުށުމުގެ ޖާގައެއް ނެތް ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ހޮއްވެވުމަށް މިއަދު ބޭއްވި ޖަލްސާ އަށް ފަހު މަޖިލިސްކުރާ ގޭގައި ހުންނަވައިގެން ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން ގާސިމް ވިދާޅުވީ ކޯލިޝަން ރޫޅާލާފައިވާކަން ސަރުކާރުން ވެސް އަދި ޕީޕީއެމް އިން ވެސް ރަސްމީ ސިފައެއްގައި އަންގާފައިވާ ނުވާ ކަމަށެވެ.

"އަޅުގަނޑަށް ލިޔުމަކުން ނާންގަވާ[ކޯލިޝަން ރޫޅާލި] ފަދަ އެއްވެސް ވާހަކައެއް. ނޫސްވެރިން މެދުވެރިކުރައްވައި މިޑިއާ އިން މި އިނގޭ އެއްޗެއް އިނގެނީ. އޭގެ ތެރޭގައި އިލެކްޓްރޯނިކް މީޑިއާތަކުގައި ހުރޭ ހަގީގަތާ ހިލާފު ވާހަކަތައް ވެސް ލިޔެފަައި،" ގާސިމް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ އެ މަނިކުފާނު މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލެއްވުމާ ގުޅިގެން ކޯލިޝަން ރޫޅާލުމަކީ އިންސާފެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ. އަދި މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލެއްވުމަށް ގައުމީ ހިންގާ ކޮމެޓީން ފާސްކޮށްފައި ވަނީ ޕީޕީއެމް އާ އެކު ހަދާފައިވާ ކޯލިޝަން ރޫޅާލިއަސް އެންމެ ރަނގަޅު ކަމަށް ނިންމާފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ގާސިމް ވިދާޅުވީ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލައްވައިގެން ނާކާމިޔާބުވެވަޑައިގެންނެވި ނަމަވެސް 39 ވޯޓު ލިބިވަޑައިގެންނެވީމާ އުފާކުރައްވާ ކަމަށެވެ. އަދި މަޖިލީހުގެ ނައިބު ރައީސް ކަމަށް ވަކި ބޭފުޅަކަށް ވޯޓު ދިނުމަށް ޖޭޕީން ނުނިންމާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ސަރުކާރު ހިންގާ މައި ޕާޓީއާ އެކު ހަދާފައިވާ ކޯލިޝަން ރޫޅާލާފައިވާކަން ރަސްމީ ސިފައެއްގައި ޖޭޕީ އަށް އަންގާފައި ނުވި ނަމަވެސް ޕީޕީއެމް، ޖޭޕީ ކޯލިޝަން ރޫޅާލާފައިވާ ކަމަށް ޕީޕީއެމްގެ ނާއިބު ލީޑަރު އަހުމަދު އަދީބު ވަނީ ވިދާޅުވެފަ އެވެ.

ގާސިމު ވިދާޅުވީ ޖޭޕީ އިން ހުށަހަޅާ މަގާމުތައް ސަރުކާރުން ނުދޭ ކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޖޭޕީ އިން ހުށަހަޅާފައިވާ ބޭފުޅުންނަށް މަގާމުތައް ނުދެވެނީ އެ ޕާޓީން ހުށަހެޅުއްވި ބައެއް ބޭފުޅުންގެ ފެންވަރު ދަށްވުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް ގާސިމު އެ ވާހަކަ އަށް އިންކާރު ކުރައްވަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީޕީއެމްގެ ކެންޑިޑޭޓް އަދި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީހު މުހައްމަދެވެ. އޭނާ އަށް 85 މެންބަރުންގެ މަޖިލީހުން 43 ވޯޓު ލިބިވަޑައިގަތް އިރު، ޖޭޕީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރަށް ލިބިވަޑައިގެންފައި ވަނީ 39 ވޯޓެވެ.