މިސްރުގެ ހުޅަނގު އުތުރުގެ ސާޙިލްގެ ރަށެއް ކަމަށްވާ އިސްކަންދަރިއްޔާގެ ނަސާރާ ފައްޅިއެއްގެ ކުރިމަތީގައި ކާރުބޮމެއް ގޮއްވާލުމުގެ ސަބަބުން 21 މީހަކު މަރުވެ 43 މީހަކު ޒަޚަމްވެއްޖެއެވެ. މިކާރުބޮން ގޮއްވާލިއރު މިފައްޅީގެ ތެރޭގައި މިސްރުގެ ޤިބްތީ ނަސާރާއިންގެ އެތަށް ސަތޭކަ ބަޔަކު ތިއްބެވެ. އެއީ މީލާދީ އާ އަހަރު ފާހަގަ ކުރުމުގެ ގޮތުންނެވެ. ކާރު ބޮމުގެ ސަބަބުން ފައްޅީގެ ކުޑަދޮރުތަކުގެ ބިއްލޫރިތައްވެސް ތަޅައިގެންދިޔައެވެ. މިސްރުގެ ސިއްހަތާބެހޭ ދާއިރާއިން ބުނިގޮތުގައި މިޙާދިޘާގައި މަރުވެ އަދި ޒަޚަމްވެފައިވާ މީހުން ފުރަތަމަ ގެންދެވުނީ އެތާގެ ކައިރީގައިވާ ހޮސްޕިޓަލަކަށެވެ. ޒަޚަމްވި މީހުންގެ ތެރޭގައި މުސްލިމުންވެސް ހިމެނެއެވެ. މަރުވެފައިވާ މީހުންގެ ހަށިތައް އެއަށްފަހު މޯޗަރީއަށް ގެންދެވުނުކަމަށް ވެސް ސިއްހަތާބެހޭ ދާއިރާއިންބުނެއެވެ.


މިޙާދިޘާއަށްފަހު ގިބްތީ ނަސާރާއިންގެ ބަޔަކު ވަނީ އެތާގެ ކައިރީގައިވާ މިސްކިތަކަށް އޮއްގާ އުކާފައެވެ. ނަމަވެސް ރައްދުގައި މުސްލިމުންވަނީ ގިބްތީންނާ ދެކޮޅަށް މުޒާހަރާކޮށް އަޑުއުފުލާފައެވެ. މިސްރުގެ އަމްނާބެހޭ ފަރާތްތަކުންވަނީ މިއީ ބޭރުގެ ފަރާތްތަކެއް ފަހަތުގައި ތިބެގެންދިން ޓެރަރިސްޓް ޙަމަލާއެއްކަމަށް ތުހުމަތުކޮށްފައެވެ. ޢިރާޤުގައި ޙަރަކާތްތެރިވާ ހަރުކަށި ޖަމާއަތެއް ކަމަށްވާ ޢިރާޤީ އިސްލާމިކް ސްޓޭޓް އިންވަނީ މިސްރުގެ ޤިބްތީންގެ މޮނަސްޓެރީސް އެއްގައި ގިބްތީ ފާދިރީން ހައްޔަރުކޮށްގެންއުޅޭ މުސްލިމް އަންހެނުން ދޫކޮށްނުލައިފިނަމަ ގިބްތީންގެ ފައްޅިތަކަށް ޙަމަލާދޭނެ ކަމުގެ އިންޒާރު ތަންކޮޅެއް ކުރިން ދީފައެވެ.


ދާދިފަހުން މިސްރުގެ މުސްލިމުންނާއި ނަސާރާ ގިބްތީންނާ ދެމެދު ގުޅުންތައް ގޯސްވީ އިސްލާމްދީން ޚިޔާރުކުރި ގިބްތީ ދެއަންހެނަކު ގިބްތީ ފައްޅިއެއްގައި ހައްޔަރުކުރުމުންނެވެ. މިކަންކުރިކަމަށް ބެލެވިފައިވަނީ ގިބްތީ ފާދިރީންގެ ބަޔެކެވެ. ބޮމުގެ މިޙާދިޘާގެ ފަހުގައިވާ ޓެރަރިސްޓުން ހޯދައި އެމީހުންނަށް ޙައްޤުއަބަދު ދެއްވާނެކަމަށް ރައީސް ޙުސްނީ މުބާރަކް ވިދާޅުވިއެވެ. އަދި މުސްލިމުންނަށާއި ޤިބްތީންނަށް ހިމޭނުން ތިބުމަށްވެސް މުބާރަކްވަނީ އިލްތިމާސް ކުރައްވާފައެވެ.