ނެދަލޭންޑްސްގެ މިޑްފީލްޑަރު ރަފައެލް ވެންޑާ ވާޓް އަށް ލިބުނު އަނިޔާއަކާ ގުޅިގެން ވޯލްޑް ކަޕާއި ދުރަށް ދާން ޖެހިއްޖެ އެވެ.

ވެންޑާ ވާޓްގެ ފައިގެ ކުޑަކަޅުވާ އަށް އަނިޔާވީ އިއްޔެ ގައުމީ ޓީމާ އެކު ކުރަމުން ދިޔަ ފަރިތަކުރުމުގެ ތެރޭގަ އެވެ. ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން މިހާރު ނެދަލޭންޑްސް ގައުމީ ޓީމު ދަނީ ޕޯޗުގަލްގައި ކޭމްޕް ކުރަމުންނެވެ.

ނެދަލޭންޑްސްގެ ކޯޗު ލުއިސް ވެން ގާލްގެ 23 ކުޅުންތެރިންގެ ސްކޮޑުން ވެން ޑާ ވާޓް އަށް ޖާގަ ދޭނެ ކަމަށް ކުރިން ގަބޫލުކުރެވުނު ނަމަވެސް، މިހާރު އެ ސްކޮޑު އިއުލާންކުރަން ޖެހޭނީ އޭނާގެ ނަން އުނިކުރުމަށް ފަހު އެވެ. ވެން ޑާ ވާޓް ވަނީ 2006 އަދި 2010ގެ ވޯލްޑް ކަޕުގައި ނެދަލޭންޑްސް ގައުމީ ޓީމަށް އިސް ދައުރެއް އަދާކޮށްފަ އެވެ.

ނެދަލޭންޑްސްގެ ސްކޮޑަށް ބަލާ އިރު، ވެންޑާ ވާޓް އަކީ އެ ޓީމުގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އެވެ. ގައުމީ ޓީމަށް 2001 ވަނަ އަހަރު ކުޅެން ފެށި ވެން ޑާ ވާޓް ވަނީ މިހާތަނަށް އެ ޓީމަށް 109 މެޗު ކުޅެ މުހިންމު ލަނޑުތަކެއް ވެސް ކާމިޔާބުކޮށްފަ އެވެ.

ހެމްބާގަށް ކުޅެމުން އަންނަ ވެން ޑާ ވާޓް އަށް ލިބުނު އަނިޔާއާ ގުޅިގެން ނެދަލޭންޑްސް އަށް ވަނީ އަންނަ މަހު ބްރެޒިލްގައި ފަށާ ވޯލްޑް ކަޕަށް ނުކުންނަ އިރު، ގިނަ ހުރަސްތަކަކާއި ކުރިމަތިވެފަ އެވެ. ވެން ޑާ ވާޓްގެ އިތުރުން ކެވިން ސްޓްރޫޓްމަން އަދި ވެން ޑާ ވީލް އަށް ވެސް ވަނީ އަނިޔާގެ މައްސަލަތަކާއި ކުރިމަތިވެފަ އެވެ.

ވޯލްޑް ކަޕުގެ ގްރޫޕް ބީގައި ހިމެނޭ ނެދަލޭންޑްސް ނުކުންނަން ޖެހޭނީ ސްޕެއިން، އޮސްޓްރޭލިއާ އަދި ޗިލީއާ ދެކޮޅަށެވެ.