މިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ އަގުހުރި ފޯނާއި އިލެކްޓްރޯނިކް ސާމާނު ތަކެއް ފިހާރައަކުން ވަގަށް ނަގައިފި އެވެ.

ފުލުހުން ބުނީ ވައްކަން ކޮށްފައި ވަނީ ބާޒާރު މަތީ ސަރަހައްދުގައި ހުންނަ "ބާޒާރު އަބޫޖާ" ކިޔާ ފިހާރައަކުން ކަމަށެވެ. އަދި އެކަން ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މިއަދު ހެނދުނު 9:15 ހާއިރު ކަމަށް ވެސް ފުލުހުން ބުންޏެވެ.

އިލެކްޓްރޯނިކް ސާމާނު ވިއްކާ ބާޒާރު އަބޫޖާ ފިހާރައިން ވައްކަން ކޮށްފައި ވަނީ އެ ފިހާރައިގެ ޓިނު ނަގައި ސީލިންގް ހަލާކު ކޮށްލައިގެން އެތަނަށް ވަދެ ކަމަށް ފުލުހުން ބުނެ އެވެ.

އެ ފިހާރައިން ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ވަގަށް ނަގާފައި ވާތީ، އެއްވެސް ފަރާތަކުން ނުއަގުގައި ފޯނާއި ޓެބްލެޓް ފަދަ އިލެކްޓްރޯނިކް ސާމާނު ވިއްކާ ކަމުގެ މައުލޫމާތެއް ލިބިފައި ވާނަމަ އެކަން ފުލުހުންނަށް ރިޕޯޓު ކުރުމަށް ވެސް ފުލުހުން ވަނީ އެދިފަ އެވެ.