މިހާރު މިއީ ފުޓުބޯޅައިގެ ދުވަސް ވަރެކެވެ. މިދުވަސްވަރުގެ ގިނަ ފިކުރުތަކެއް ގުޅިގެން ދާނީ އަދި ދާން ޖެހޭނީ ވެސް ފުޓުބޯޅަ އާއި އެވެ. މިއުސޫލުން އަހަރެމެންގެ ދިވެހިބަހާއި ފުޓުބޯޅަ އާއި ގުޅުވާ ލުމުން ފެންނަމުން އިވެމުން ދަނީ ވެސް ފާހަގަ ކޮށްލަން ރަނގަޅު ނުގުތާ ތަކެކެވެ. ޚިޔާލުގެ ތަފާތުގައި އެކަކަށް، އެއް ބަޔަކަށް ރަނގަޅުވާ ގޮތް އެއީ އަނެއް ބަޔަކަށް ނުވަތަ އަނެކަކަށް ކަމުނުދާގޮތް ކަމުގައި ވުމަކީ ވެސް އޮންނަ ގޮތެކޭ ބުނަން މިފުރުސަތުގައި ވެސް ހަނދާން ކުރަމެވެ.

ދިވެހި ރާއްޖޭގައި ފައިބޯޅަކުޅުނު ދުވަސްވަރެއް ދިޔަ އެވެ. އެއީ އެއިރު އިނގިރޭސިވުމަކީ މާކަ ރުހެވޭ ކަމުދާ ކަމަކަށް ނުވެ އޮތް ދުވަސް ވަރެކޭ ކިޔަމާ ހިނގާށެވެ. ވުމާ އެކު ހުޅަނގުގެ އުޖާލާ ކަމާއި މޮޅު އަދި ރީތި ތަހުޒީބު ގަބޫލުކުރެވެން ފެށުމާ އެކު ފައިބޯޅަ ފުޓުބޯޅަ އަށްވީ ކަމުގައި ވިސްނެ އެވެ. ކޮންމެ އަކަސް މިއަދު ރާއްޖޭގައި ފައިބޯޅަކުޅޭ އެކަކު ވެސް އުޅޭނެއެކޭ ހީއެއްނުވެ އެވެ. ކުޅޭނީ ފުޓުބޯޅަ އެވެ.

ފުޓުބޯޅައިގެ މިކަހަލަ ދުވަސްވަރެއްގައި ތަފާތުގޮތް ގޮތަށް އޭގެ ވާހަކަތައް މިދަނީ ދެކެވެމުންނެވެ. އެކި ވަކި ރޭޑިއޯޓީވީތަކުން ގިނަ ވަގުތުތަކެއްގައި މިދަނީ އޭގެ ތަފުސީލުތައް ގެނެސްދެމުންނެވެ. އެކަމަކު އޭގައި ވެސް ފާހަގަ ކޮށްލަން ޖެހެނީ އަލަށްއުފައްދަމުން ގެންނަ ބަސްބަހާއި ޖުމްލަތަކެވެ. މެޗެއްގެ ވާހަކަ ދައްކާ ކިޔާދޭ އިރު ބޭނުންކުރަން އަލަށްފަށާ ބަހުރުވަ އެވެ.

މިސާލެއްގެ ގޮތުން ބޯޅަ ވިން ކުރުމާއި އެޓޭކުބިލްޑު ކުރުމާއި ޑިފެންސަށް ފޭބުމާއި ޓީމުގައި ކޮންފިޑެންސް ނެތުމާއި މޯޓިވޭޝަން ރަނގަޅުނުވުން ފަދަ އެތަކެއް ޖުމްލަތަކެކެވެ. މިއިން ކޮންމެ ބަހަކީ ވެސް މީގެ ކުރިން ދިވެހިކޮށް ބޭނުންކުރެވި ކޮށްފައިވާ ބަސްބަހެވެ. އެކަމަކު މިހާރަކަށް އައިސް ފައިބޯޅަ ފުޓުބޯޅަ އަށް ވީހެން މޮޅުކޮށްލަން ރީތިކޮށްލަން ތަހުޒީބުވެލަން މިގޮތަށް ބަދަލުކުރަން މިއޮތީ ފެށިފަ އެވެ. މިކަމަށް ދެނީ އަދި ފެންނަންއޮތް ގޮތުގައި ދެވެމުން ދާނީ ވެސް އިތުރު ތަރުހީބެވެ. ސަބަބަކީ މިގޮތަކީ ރީތި ގޮތެއްކަމުގައި ގަބޫލުކުރެވޭތީ އެވެ.

ބޭރު ގައުމުތައް ބައިވެރިވާ މުބާރާތެއް މިހާރު މިއޮއްދަނީ ހިނގަމުންނެވެ. ރާވައި އިންތިޒާމުކުރުމުގައި ބޮޑު ބައެއް މިއޮތީ އަހަރެމެން ދިވެހިންގެ އަތްމަތީގަ އެވެ. އެކަމަކު އަޑުގަދަކުރާތަކުން ގޮވާ ހުރިހާ ގޮވުމަކާއި އަންގާ އެންގުންތަކެއް އެއިއްވަނީ ރީތި އަދި މޮޅު އިނގިރޭސިބަހުންނެވެ. އަހަރެމެންނަށް އެގޮތް ރީތިކަމާއި މޮޅުކަމުންނެވެ. އެފަދަ ގޮވާލުންތައް ބައެއް ބޭރުގައުމުތަކުގައި ބޮޑެތި މުބާރާތްތައް ބާއްވާ އިރު އެބައެއްގެ ބަހުން ވެސް ގޮވާފައި އެބަހުއްޓެވެ. ރާއްޖޭގައި އެފަދަ ކަމަކަށް އެގޮތަށް ހުއްދަ ލިބިފައިނެތީ ކަމަށް ވުމަކީ ވެސް އެކަށީގެންނުވާ ކަމެއް ނޫނެވެ. އެކަމަކު ކުޅުންތެރިން ބަދަލުކުރުން ފަދަ ކަންކަމުގައި ދިވެހިބަހުން ވެސް ގޮވާލާ ނަމަ، ދިވެހިބަސް ނޫން އެހެން ބަހެއް ނުދަންނަ ދިވެހި މީހާ ހަމަގައިމު ވެސް ބާވަތަކު އުފަލެއް އިހުސާސް ކުރީހޭ ބުނެވޭނެ އެވެ.

ދިވެހި ބަސް ކުރިއަރުވާ ދިވެހި ބަހަށް ގާނޫނުގައި ދީފައިވާ މަގާމުގައި އެބަސް ބޭއްވުމުގެ ޒިންމާ ހަވާލުވެ މުސާރަ ލިބިގެން ތިބި ބަޔަކު ވެސް ތިބޭނެކަން ކަށަވަރެވެ. އެފަދަ ފަރާތްތަކުން މިކަހަލަ ގޮތްގޮތަށް ގޮސް ބަސް ބަދަލުވެ ފުރޮޅިގެން ދިއުމުން ހީލާފައި މަރުޙޫމް ޙުސެން ޞަލާޙުއްދީން ވިދާޅު ވަނީ ހަމަތެދެކޭ ބުނެލާނެތީ ކަން ބޮޑުވެ އެވެ. ބަސްބަހީ މީހުން ހަދާއެއްޗެއް، ހަލާކުކުރާ އެއްޗެއް ނޫންކަން ގަބޫލުކޮށް އެއީ ގުދުރަތުގެ ކަމެއްކަމުގައި ނިންމުމަށް ފަހު އަޅާ ވެސް ނުލާތިބެފައި މަސްނިމޭ ދުވަހު ޖީބަށް ލާން ލިބޭ އުފަލުގެ އަވައިގައި ހަމަޖެހިލައިގެން އުޅޭތީ ދެރަވެވެ އެވެ.