ސަރުކާރުން ހިންގާ ކޯލިޝަން މިއަދު ރޫޅިފައިވާ އިރު އެމްޑީޕީ އޮތީ ޖޫމްހޫރީ ޕާޓީއާ ގުޅިގެން މަސައްކަތް ކުރަން ކަމަށް އެމްޑީޕީގެ ވަގުތީ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލީސް ދޮށަށް އެއްވެ އެމްޑީޕީން ކުރަމުންދާ އިހްތިޖާޖްގެ ތެރެއިން "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކުރީގެ ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީ އިން އެހެން ޕާޓީއަކާ ގުޅުމުން ރައްޔިތުންނަށް މާ ބޮޑަށް ފައިދާވާނެ ކަމަށާއި ޖުމްހޫރީ ޕާޓީއާ ގުޅިގެން މަސައްކަތް ކުރުމަށް އެމްޑީޕީ އިން ތައްޔާރަށް އޮތް ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ތައްޔާރު ޖުމްހޫރީ ޕާޓީއާ އެކު ކުރިއަށްދާން، އަޅުގަނޑުމެން ޕާޓީން މިހާރު ކޮށްފައިވާ މަސައްކަތްތަކުން ދޭހަވަނީ އެހެން ޕާޓީއަކާ ގުޅިގެން ރައްޔިތުންނަށް ހޯދައިދެވޭނެ ފައިދާ ބޮޑުވާނެކަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ތާއީދާ ނުލައި މިސަރުކާރު ނުދެމެހެއްޓޭނެ ކަމަށާއި މި ސަރުކާރަކީ "އެންމެ 25 ޕަސެންޓް ތާއީދު ލިބިގެންވާ ސަރުކާރެއް" ކަމަށެވެ. އަދި ރައީސް ނަޝީދުގެ ވާހަކަގައި ރައީސް ޔާމީނަށް ލިބިވަޑައިގަތީ 25 ޕަސެންޓް ކަމަށާއި މިސަރުކާރު ނުދެމެހެއްޓޭނެ ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.

ރައީސް ޔާމީނަށް ލިބިވަޑައިގަތީ 25 ޕަސެންޓު ތާއީދެއްކަމަށް ރައީސް ނަޝީދު ވިދާޅުވާ އިރު 2008 ވަނަ އަހަރުގެ އިންތިހާބުގައި ރައީސް ނަޝީދަށް ވެސް ލިބިވަޑައިގަތީ 25 ޕަސެންޓްގެ ތާއީދެކެވެ. ރައީސް ނަޝީދަށް ވެސް ވެރިކަން ލިބުނީ ކޯލިޝަނަކާ އެކުއެވެ. ރައީސް ނަޝިދުގެ ކޯލިޝަން ވަނީ މަހެއް ނުވަނީސް އުވިގެން ގޮސްފަ އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މިއީ ވަރަށް ބޮޑު ދޮގެއްގެ މައްޗަށް އޮތް ސަރުކާރެއް މިސަރުކާރު އޮތުން ހައްގެއް ނޫން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ވަރަށް އަވަހަށް ސަރުކާރު ބަދަލުވެގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މިއަދު ހުވާ ކުރެއްވި ރައްޔިތުންގެ އާ މަޖިލީހާ ބެހޭގޮތުން ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ ރައީސެއް ހޮވުމަށް މިއަދު ބާއްވާ އިންތިހާބުގައި "އެމްޑީޕީގެ ވޯޓް ގަނޑުކޮށް" ގާސިމް އިބްރާހިމަށް ލިބޭނެ ކަމަށެވެ. މި މަޖިލީސް ހަލަބޮލި ވާން ޖެހޭނެ ކަމަށާއި އެގޮތަށް އުންމީދު ކުރައްވާކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.