28 May 2014, 12:24
ސީރިޔާ އަށް ހަނގުރާމަކުރުމަށް އެއްވެސް ދިވެއްސަކު ދަނީ ސަރުކާރަށް އެނގިގެން ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެއާޕޯޓުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން"އިން ދެންނެވި ސުވާލެއްގެ ޖަވާބުގައި ރައީސް ޔާމީން ވިދާޅުވީ ހަނގުރާ ކުރަން ބަޔަކު ދިޔައީ ސަރުކާރަށް އެނގިގެން ނޫން ކަމަށެވެ.
ހަނގުރާމަ އަށް ދިޔަ މީހުން ރާއްޖެ ގެނައުމަށް މަސައްކަތް ކުރައްވާނަންތޯ ދެންނެވުމުން ރައީސް ޔާމީން ވަނީ އެމީހުން ރާއްޖެ ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަންޖެހޭތޯ ވިދާޅުވެ ސުވާލު އުފައްދައިފަ އެވެ.
"ސަރުކާރުން މަސައްކަތް ކުރަންޖެހޭތޯ؟، އެބޭފުޅުން އަމިއްލަ އަށް އަންނަންވީ ނޫންތޯ؟" ރައީސް ވިދާޅުވި އެވެ. ނަމަވެސް ރައީސް ވިދާޅުވީ އެމީހުން އެނބުރި ރާއްޖެ އައުމަށް ޓިކެޓެއް ބޭނުންވާ ނަމަ ޓިކެޓް ގަތުމަށް ފައިސާ ސަރުކާރުން ދޭނެ ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި ރާއްޖެ އިން ބޭރުގައި ދިރިއުޅޭ ދިވެހީން އަޚުލާގު ރަނގަޅު ބަޔަކަށްވެ، އެގައުމެއްގެ ގާނޫނުތަކަށް ތަވާވުމަށް އިލްތިމާސްކުރެއްވި އެވެ.
ސޫރިޔާގެ ހަނގުރާމައަށް ދިޔަ ދެ ދިވެއްސަކު "ޖާނުން ފިދާވެގެން ދިން" ބޮމުގެ ހަމަލާއެއްގައި މަރުވި ކަމަށް "ބިލާދުއް ޝާމް"ގެ ނަމުގައި ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ މީހަކު ވަނީ ޚަބަރު ފަތުރާފަ އެވެ.
އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް ނުލިބޭ ކަމަށް ރާއްޖޭގެ ގައުމީ ދިފާއީ ބާރުން ވަނީ ބުނެފަ އެވެ. ސޫރިއާ ހަނގުރާމައިގައި ދިވެއްސަކު ބައިވެރިވެ، މަރުވިކަމުގެ މައުލޫމާތެއް ލިބިފައި ވޭތޯ ދެންނެވުމުން އެމްއެންޑީއެފްގެ ސްޕޯކްސް ޕާސަން މޭޖާ ހުސައިން އަލީ ވިދާޅުވީ އެފަދަ އެއްވެސް މައުލޫމާތެއް މިހާތަނަށް ލިބިފައިނުވާ ކަމަށެވެ.