28 May 2014, 12:09
އެ ވީޑިއޯއިން ފެންނަނީ ދެ މީހަކު ހިނގާފައި ގޮސް ގެސްޓު ހައުސްއެއްގެ ކުރިމަތީގައި މަޑުކޮށްލާ ތަނެވެ. އެތަނުން އެކަކު ގެސްޓް ހައުސްގެ އެތެރެ އަށް ވަނެވެ. އިރުކޮޅެއް ނުވެ ގެސްޓް ހައުސްތެރެއަށް ވަތް މީހާ ނުކުމެ ބޭރުގައި މަޑުކޮށްގެން ހުރި މީހާއާ ދަބަހެއް ހަވާލު ކުރި އެވެ. އެ ދެ މީހުން އެ ދިޔައީ ދ. މާއެނބޫދޫ ކީރަންމާގޭ، ފަތުހީ އަހުމަދުގެ އަގުބޮޑު ސާމާނުތަކެއް ވަގަށް ނަގައިގެންނެވެ.
ފަތުހީ އަކީ ބޯޓު ދަތުރު ކުރާ މީހެވެ. ތަޖުރިބާކާރު ސީމަނެކެވެ. ކަނޑުގައި އުޅޭތާ މިހާރު 19 އަހަރު ވެއްޖެ އެވެ. އޭނާގެ ސާމާނުކޮޅު ހިފައިގެން ދެ ވަގުން އެ ދިޔައީ އާއިލާ ދެކިލަން ރާއްޖެއަށް އައިސް އުޅެނިކޮށެވެ. މިހާރު އޭގެ ފަހުން މަހެއް ވެއްޖެ އެވެ. ފަތުހީ ހުރީ މާލޭގައި "ތާށިވެފަ" އެވެ. ވަގުން ދިޔައީ އޭނާގެ ޕާސްޕޯޓުގެ އިތުރުން މުހިންމު އެތައް ޑޮކިއުމެންޓެއް ހިފައިގެންނެވެ.
މާލެ އައިސް ހުރި ހޮޓަލުން ފަތުހީ ބޭރަށް ނުކުތީ ރައްޓެއްސަކާ އެއްޗެއް ހަވާލުކޮށްލާށެވެ. ބޭރަށް ނުކުތީ ފުރަން ދަބަސް ވެސް ތައްޔާރު ކޮށްފަ އެވެ.
"ކޮޓަރީ ތަޅުލާފައި ދިޔައީ ވެސް. ކޮޓަރީ ހުންނާނީ ހޮޓަލުގެ ގުރައުންޑް ފުލޯގައި. ފެންލައިޓުގެ ލޫވަތްތަކެއް ނައްޓުވައިގެން ވަދެ ވައްކަން ކޮށްފައި ހުރީ. ބޭރުގައި ހުއްޓައި ހޮޓަލުން ގުޅާފައި ބުނީ މައްސަލައެއް ދިމާވެއްޖެއޭ ބުނީމަ ދިޔައިރު ދަބަސް ވަގަށް ގެންގޮސްފި،" ފަތުހީ ބުންޏެވެ.
ޕާސްޕޯޓުގެ އިތުރުން ފަތުހީ އަތުން ގެއްލުނީ ފަސް އަހަރު ދުވަހުގެ އެމެރިކާ ވިސާ އާއި ހަ މަސް ދުވަހުގެ ޗައިނާ ވިސާގެ އިތުރުން ލެޕްޓޮޕަކާއި ހާޑް ޑިސްކަކާއި ހަ ސެޓްފިކެޓާއި އިންޓަނޭޝަނަލް މޮޑަމް އަކާއި ދިރާގު މޮޑަމްއެކެވެ. އޭގެ އިތުރުން ފަތުހީ ގެންގުޅުނު އިލެކްޓްރޯނިކް މުހިންމު އެތައް ސާމާނެއް ވަގުން ވަނީ ގެންގޮސްފަ އެވެ.
ފަތުހީ ވަނީ އޭޕްރީލް 25 ވަނަ ދުވަހުގެ ހެނދުނު 10:30 ހާއިރު ކުރި އެ ވައްކަމުގެ މައުލޫމާތު ވަގުތުން އެޖެންސީ އަށާއި ފުލުހުންނަށް ރިޕޯޓް ކޮށްފަ އެވެ.
ވައްކަން ކުރަން އުޅުނު މީހުންގެ ހަރަކާތްތައް ހުރި ގޮތާއި ވައްކަމުގެ މަންޒަރު ރިކޯޑް ވެފައިވާ ވީޑިއޯއެއް ފުލުހުންގެ ފަރާތުން ފަތުހީއަށް ވަނީ ލިބިފަ އެވެ. ނަމަވެސް މަހަކަށް ވުރެ ގަނަ ދުވަސް ވެގެން ދިޔައިރު ވެސް ވަގުން ހޯދޭ ގޮތެއް ނުވި އެވެ.
އެ ވައްކަމުގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ. ފަތުހީގެ އުންމީދަކީ އޭނާގެ ތަކެތި ފުލުހުން އަވަހަށް ހޯދުމެވެ.
ނަމަވެސް އެ ހާދިސާ އަށް މަސް ދުވަސްވީ އިރު އޭނާ ހޯދުމަށް ފުލުހުން އޭނާގެ ވީޑިއޯ އާންމުކޮށްފައެއް ނުވެ އެވެ.