ރައްޔިތުންގެ މަޖިލީީހުގެ ރައީސް އާއި ނައިބު ރައީސް ކަމުގެ މަގާމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ނަންފުޅު ހުށަހެޅުއްވުމާ ގުޅިގެން، ޕީޕީއެމާއި ޖުމްހޫރީޕާޓީ އާ އެކު ގާއިމުކޮށްފައިވާ ކޯލިޝަން ރޫޅިއްޖެ ކަމަށް ޕީޕީއެމްގެ ނައިބު ލީޑަރު އަދި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓަރު އަދީބު މިއަދު ސަން އަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް ޕީޕީއެމުން ނަންފުޅެއް ހުށަހަޅުއްވާފައި ވަނިކޮށް، އެ މަގާމަށް ޖުމްހޫރީ ޕާޓީން ނަންފުޅެއް ހުށަހަޅުއްވައިފި ނަމަ ޕީޕީއެމްގެ ކޯލިޝަނުން ޖުމްހޫރީ ޕާޓީ ވަކިކުރުމަށް ޕީޕީއެމްގެ ކައުންސިލުން ފާސްކޮށްފައިވާ ގޮތުގެ މަތީން އެެ ޕާޓީ ކޯލިޝަނުން ވަކިވެފައިވާ ކަމަށެވެ.

އެގޮތަށް ނިންމާފައި ވަނީ އިއްޔެ ރޭ ޕީޕީއެމް އޮފީހުގައި ބޭއްވި އެ ޕާާޓީގެ ކައުންސިލްގެ ޖަލްސާއެއްގަ އެވެ.

އަދީބު ވިދާޅުވީ އެ ޖަލްސާގައި ނިންމާފައި ވަނީ ޖޭޕީން މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް ނަންފުޅެއް ހުށަހަޅައިފި ނަމަ، އެ ޕާޓީން ޕީޕީއެމްގެ ކައުންސިލުން ވަކިކުރުމުގެ އިތުރުން ޖޭޕީ އަށް ޕީޕީއެމްގެ ސަރުކާރުން ދީފައިވާ ސްލޮޓްތައް އަތުލުމަށް ވެސް އެ ޖަލްސާގައި ނިންމާފައިވާ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޕާޓީގެ ކައުންސިލްގެ ފަރާތުން ރައީސަށް ހުށަހަޅާނަން ސަރުކާރުން ޖުމްހޫރީ ޕާޓީއަށް ދީފައިވާ ސްލޮޓްތައް އަތުލުމަށް. ދެން އެކަންތައް ކުރިއަށްދާނެ ގޮތެއް އެނގިވަޑައިގަންނަ ވާނީ ރައީސް ޔާމީންނަށް. ޖޭޕީ މިހާރު އެވަނީ ޕީޕީއެމްގެ ކޯލިޝަނުން ވަކިވެފައި،" އަދީބު ވިދާޅުވި އެވެ.

މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެ މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް އައްޔަން ކުރުމަށް ޖުމްހޫރީ ޕާޓީގެ ފަރާތުން އެޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ނަންފުޅު ހުށަހަޅާފައިވާއިރު އެ މަގާމަށް ޕީޕީއެމްގެ ފަރާތުން ހުށަހަޅާފައިވަނީ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހުގެ ނަންފުޅެވެ.

ޕީޕީއެމްގެ ކޯލިޝަންގެ ސަރުކާރުގައި ޖޭޕީއަށް ކެބިނެޓްގެ ހަތަރު ސްލޮޓެއް ވަނީ ދީފަ އެވެ. އޭގެތެރޭގައި ހޯމް މިނިސްޓަރު އުމަރު ނަސީރާއި ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމާއި އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގް އިބްރާހީމް އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހިމެނިވަޑައިގެންނަވަ އެވެ. ޖޭޕީއަށް ސަރުކާރުގައި 30 ޕަސެންޓް ހިއްސާ ވަނީ ދީފަ އެވެ.