28 May 2014, 10:46
ކ. ގުރައިދޫ ސްކޫލަށް ދިވެހި ޕްރިންސިޕަލަކު ހަމަނުޖެއްސުމުން އެ ސްކޫލުގައި އިއްޔެ ބެލެނިވެރިންތަކެއް ތަޅު އެޅުވުމަށް ފަހު، ދިވެއްސަކު ޕްރިންސިޕަލްގެ މަގާމަށް ހަމަޖައްސައިދިނުމުން މިއަދު ހެނދުނު ސްކޫލް ހުޅުވައިފި އެވެ.
ޕްރިންސިޕަލްގެ މަގާމަށް ދިވެއްސަކު ހަމަޖެއްސުމުގެ އިތުރުން ސްކޫލަށް ލީޑިން ޓީޗަރަކު ހަމަޖެއްސުމަށް ވެސް ބެލެނިވެރިން ވަނީ އަޑު އުފުލައިފައެވެ.
ގުރައިދޫ ކައުންސިލްގެ ރައީސް ހުސެއިން ޔާމީން މުހައްމަދު ވިދާޅުވީ ސްކޫލު ދޫކޮށް ބެލެނިވެރިން ދިޔައީ އެމީހުންގެ ގޮވާލުމަށް އިޖާބަ ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ނިންމުމުން ކަމަށެވެ.
"އިއްޔެ ވެސް ސްކޫލް ކައިރި ތިބެފައި މިއަދު ހެނދުނު ބެލެނިވެރިން ދިޔައީ. އެ ބޭފުޅުން ވަޑައިގެންނެވީ ޕްރިންސިޕަލަކަށް ދިވެއްސަކު ހަމަޖައްސައިދޭނެ ކަމަށާއި ލީޑިން ޓީޗަރެއް ވެސް ހަމަޖައްސައި ދިނުމުން،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ސްކޫލުގައި މިހާރު ޕްރިންސިޕަލަކަށް ހުންނަނީ އިންޑިޔާގެ ރައްޔިތެއް ކަމަށާއި އޭނާއާ ދޭތެރޭ ބެލެނިވެރިން ހިތްހަމަނުޖެހޭ ކަމަށެވެ. އަދި މިއަހަރު ފެށުނީއްސުރެ މިހާތަނަށް އެރަށު ސްކޫލަށް ލީޑިން ޓީޗަރަކު ހަމަޖައްސާފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.