28 May 2014, 09:52
ގާހިރާ (މޭ 28) : މިސްރުގައި ކުރިޔަށްދާ ރިޔާސީ އިންތިޚާބުގެ ވޯޓުލުން އިތުރު ދުވަހަކަށް ދިގުދެންމުމަށް އެގައުމުގެ ރިޔާސީ އިންތިޚާބާ ބެހޭ ކޮމިޓީން ނިންމުމުން މިއިންތިޚާބުގައި ވާދަކުރައްވާ ރިޔާސީ ދެ ކެންޑިޑޭޓުން ކަމަށްވާ އަބްދުލްފައްތާޙް އައްސީސީ އާއި ހަމްދީން ސަބާހީގެ ކެންޕޭންތަކުން އެކަމާ ދެކޮޅު ހަދައިފި އެވެ.
މިދެ ކެންޑިޑޭޓުންގެ ކޭންޕޭންތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅުން ވިދާޅުވީ ރިޔާސީ އިންތިޚާބާ ބެހޭ ކޮމިޓީގެ އެނިންމުމަކީ ގަބޫލުކުރެވޭނެ ނިންމުމެއް ނޫން ކަމަށާއި މިކަމާދެކޮޅު ހަދާކަން އެކޮމިޓީ އަށް ހުށަހަޅާފައިވާނެ ކަމުގަ އެވެ. މިދިޔަ ހޯމަ ދުވަހު މިސްރުގައި ފެށުނު ރިޔާސީ އިންތިޚާބުގެ ވޯޓުލުން އިއްޔެ ނިންމާލުމަށް ހަމަޖައްސާފައިވީ ނަމަވެސް މިއަދު ވެސް ވޯޓުލުމުގެ ކަންތައް ކުރިޔަށްގެންދިޔުމަށް ރިޔާސީ އިންތިޚާބާ ބެހޭ ކޮމިޓީން އިއްޔެ ވަނީ ނިންމާފަ އެވެ. މިއާއެކު މިއަދުގެ ނިޔަލަށް ވޯޓުލުން ކުރިޔަށްދާނެ ކަމަށާއި މިގޮތަށް ނިންމީ ވޯޓުލާން ބޭނުންވާ ގިނަ ބަޔަކު އަދި ވެސް ވޯޓުނުލައި ތިބުމާ އެކު އެމީހުންނަށް އިތުރު ފުރްސަތެއް ދިނުމަށް ކަމަށް މިސްރުގެ ރިޔާސީ އިންތިޚާބާ ބެހޭ ކޮމިޓީން ބުނެ އެވެ.
މިސްރުގެ އާބާދީގައި ހިމެނޭ 86 މިލިޔަން މީހުންގެ ތެރެއިން 54 މިލިޔަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ އިރު ފާއިތުވި ދެ ދުވަހު ވޯޓުލުމަށް މާގިނަ ބަޔަކު ނުނުކުންނަ ކަމަށާއި މިކަމުގެ ސަބަބުން މިސްރުގެ ވަގުތީ ސަރުކާރު ލަދުގަންނަ ހިސާބަށް ކަންތައް ގޮސްފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ. މިއަދަކީ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ އެންމެ ފަހު ދުވަސްކަމަށް އިންތިޚާބާ ބެހޭ ކޮމިޓީން ނިންމުމާ ގުޅިގެން މިސްރު ސަރުކާރުން ވަނީ މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައި ވޯޓުލުމުގައި ބައިވެރިވުމަށް ރައްޔިތުންނަށް ގޮވާލާފަ އެވެ.
ބަންދު ދުވަހެއްގެ ގޮތުގައި މިއަދު ހަމަޖެއްސީ ވެސް ވޯޓުލުމަށް ގިނަ ބަޔަކު ނެރުމަށް މަގުފަހި ކުރުމުގެ ބޭނުމުގައި ކަމަށް މިސްރުން ލިބޭ ޚަބަރުތައް ބުނެ އެވެ. މިސްރުގެ ރިޔާސީ އިންތިޚާބަކީ ޑިމޮކްރަސީގެ މިންގަނޑުތަކަށް ފެތިގެން މިނިވަންކަމާއި މުސްތަގިއްލު ކަމާއެކު ދެފުށްފެންނަ ގޮތަށް ބޭއްވޭ އިންތިޚާބަކަށް ނުވާތީ މިއިންތިޚާބު ބޮޑުއަޣްލަބިއްޔަތަކުން އެގައުމުގެ ސިފައިންގެ ކުރީގެ ވެރިޔާ މާޝަލް އަބްދުލްފައްތާޙް އައްސީސީ ކާމިޔާބު ކުރައްވާނެ ކަމަށް ވަނީ ބެލެވިފަ އެވެ. (ރޮއިޓާސް)