Last Updated:
1 decade 1 year ago

މަޖިލީހުގެ ރައީސަކަށް މަސީހު، ނާއިބު ރައީސަކަށް މޫސަ

    ބުލޮގު ޚުލާސާ
    ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް ދައުރަށް އިންތިހާބުވެވަޑައިގެންނެވި މެންބަރުން، މަޖިލީހުހެ މެންބަރު ކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ލައިވް ކަވަރޭޖް.
    ގާސިމް އިބްރާހިމް

    މަޖިލިސް އިދާރާގެ ބޭރުގައި ހުންނަވައިގެން މާމިނގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމް މިއަދު މީޑިއާތަކަށް ދެއްވި އިންޓަވިއުއްގައި ވިދާޅުވީ މަޖިލީސްގެ ރައީސް ކަމުގެ ވޯޓުގައި އެމަނިކުފާނަށް 39 ވޯޓް ލިބުމަކީ ކާމިޔާބީއެއް ކަމަށް ގަބޫލް ކުރައްވާ ކަމަށް. ސަރުކާރު ކޯލިޝަން ރޫޅިފައި ވުމުން، އަލުން ކޯލިޝަން އެކުލަވާލެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެތޯ މީޑިއާއިން ސުވާލުކުރުމުން ގާސިމް ވިދާޅުވީ
    އެބޭފުޅުން އެވިދާޅުވީ ކޯލިޝަން ރޫޅިފައިވާ ކަމަށް. އަދި ޖޭޕީ ކޯލިޝަނުން ވަކިވީ ކަމަށް. ދެން އަޅުގަނޑު ކީކޭތޯ އޭ ދަންނަވާނީ
    13:46

    މަޖިލިސް ނިންމާލައިފި.
    13:39

    މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު އިންތިހާބުވެވަޑައިގެންފި

    ވޯޓުގެ ނަތީޖާ:
    ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އަށް: 41 ވޯޓު
    ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކަށް: 42 ވޯޓު
    ބާތިލް: 1 ވޯޓު (ވޯޓު ކަރުދާހުގައި ދެ ނަމުގައި ވެސް ފާހަގަ ޖަހާފައިވުމުން، އެ ވޯޓަކީ ބާތިލް ވޯޓެއް ކަމަށް އިންތިހާބާ ބެހޭ ކޮމެޓީން ވަނީ ކަނޑައަޅާފައި)

    13:39އިބްރާހީމް މުއާޒު އަލީ، ރައީސުލްޖުމްހޫރުިއްޔާގެ ތަރުޖަމާން

    ޖުމްހޫރީ ޕާޓީއާ އެކު ހާދާފައިވާ ކޯލިޝަން ނިމުމަކަށް ގެނެސް، ސަރުކާރުގެ އެކި މަގާމްތަކުގައި ތިއްބެވި އެ ޕާޓީއަށް ނިސްބަތްވާ ބޭފުޅުން ވަކިކުރެއްވުމަށް ޕީޕީއެމުން ހުށަހެޅި ހުށަހެޅުމަށް ރައީސް އަބްދުﷲ ޔާމީން އަދި ވަކި ގޮތެއް ނިންމަވާފައެއް ނުވޭ.
    13:30

    ވޯޓު ލައި ނިމިއްޖެ. މިހާރު ކުރިއަށް ގެންދަނީ ވޯޓު ގުނުމުގެ މަސައްކަތް.
    13:28

    ނައިބު ރައީސް ހޮއްވަވަން ނެގި ސިއްރު ވޯޓު ލައި ނިމިއްޖެ. ވޯޓު ލެއްވެވީ 84 މެމްބަރުން. ރިޔާސަތުން ވޯޓުގައި ބައިވެރިއެއް ނުވޭ. އިންތިހާބާ ބެހޭ ކޮމެޓީން ދަނީ ވޯޓު ގުނަމުން.
    13:18

    މަޖިލީހުގެ ނައިބު ރައީސް ހޮއްވަވާ ސިއްރު ވޯޓުގައި މިހާތަނަށް 42 މެމްބަރުން ވޯޓު ލައްވައިފި. ވޯޓު ނުލައްވައި ބާކީ ތިއްބެވީ 43 މެމްބަރުން.
    13:16

    ނައިބު ރައީސް ހޮއްވަވާ ސިއްރު ވޯޓުލާން ފަށައިފި.
    13:15

    އާ މަޖިލީހުގެ ނައިބު ރައީސަކު އިންތިޚާބު ކުރުމުގެ ވޯޓުލުން ކުރިއަށްދަނީ.
    12:48

    މަޖިލީހުގެ ރައީސަކަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު އިންތިހާބުވެވަޑައިގެންފި.

    ލިބިވަޑައިގެންނެވި ވޯޓު:

    މަސީހު: 43
    ގާސިމް: 39
    ބާތިލް: 2 ވޯޓު (ދެ ވޯޓު ބާތިލްވީ، ކަރުދާހުގައި ފާހަގަ ޖަހަން ހާއްސަކޮށްފައިވާ ގަލަމުން ނޫން، އެހެން ގަލަމަކުން ވޯޓު ކަރުދާހުގައި ފާހަގަ ޖައްސަވާފައި އޮތުމުން)

    12:46

    އާ މަޖިލީހަށް ރައީސް ހޮއްވަވަން ނެގި ސިއްރު ވޯޓު ގުނުމުގެ މަސައްކަތް އަދި ވެސް އިންތިހާބާ ބެހޭ ކޮމެޓީން ކުރަމުން އެބަ ގެންދޭ.
    12:35

    ސިއްރު ވޯޓު ލެއްވެވި ވޯޓު ފޮށިގެ ދަޅުދަނޑި ރިޔާސަތުން އަމީން އާންމު އަހުމަދު މުހައްމަދާ ހަވާލު ކުރައްވައިފި. ސިއްރު ވޯޓުގެ ކަންކަން ބެލެހެއްޓެވުމުގެ ކޮމެޓިން ވޯޓު ފޮށި ހުޅުވައި، ވޯޓު ގުނުމުގެ މަސައްކަތް ފަށައިފި.
    12:33

    އެންމެ ފަހު މެމްބަރަކަށް ރޮޒައިނާ އާދަމް ވޯޓު ލައްވައިފި. މިހާރު ހުރިހާ މެމްބަރުން ވެސް ވަނީ ވޯޓު ލައްވާފައި.
    12:19

    މަޖިލީހުގެ 36 މެމްބަރުން މިހާރު ވޯޓު ލައްވަވައިފި. އަދި 49 މެމްބަރުން ވޯޓެއް ނުލައްވަވާ. މިހާރު ކުރިއަށްދަނީ މަޖިލީހުގެ ރައީސް ހޮއްވަވާ ވޯޓު. މަޖިލީހުގެ ނައިބު ރައީސް ހޮއްވަވާ ވޯޓު ކުރިއަށްދާނީ ރައީސް ހޮއްވަވާ ވޯޓުގެ ނަތީޖާއަށްފަހު.
    12:11

    ވޯޓު ނަގަން ފަށައިފި. ވޯޓުލާން މެމްބަރުން ވަޑައިގަންނަވަނީ މަޖިލީހުގެ ފުލޯޣައި މެމްބަރުން އިށީންދެ ވަޑައިގަންނަވާ ދާއިރާގެ ތަރުތީބުން.
    12:09

    މަޖިލީހުގެ ފުލޯ ތެރޭގައި ހަރުކޮށްފައިވާ ކެމެރާތަކުން، ސިއްރު ވޯޓު ކަރުދާގައި ފާހަގަ ޖަހާތަން ނުފެންނާނެ ގޮތް ހެދުމަށް، ބައެއް ކެމެރާތަކުގައި "ފަރުދާ ކަހައިފި"
    12:07

    ސިއްރު ވޯޓު އަޅާ، ވޯޓު ފޮށި އަމީން އާންމު ހުރިހާ މެމްބަރުންނަށް ދައްކަވާލައްވައިފި.
    12:06

    ވޯޓުގެ ކުރިން ފަސް މިނިޓްގެ ރަގަބީލް ޖަހައިފި. ފަސް މިނިޓް ހަމަވުމުން، ކުޑަދޮށުގައި ތިއްބެވި މެމްބަރުން ތަޅުމަށް ވަޑައިގަތުމަށް އިދާރީ މުވައްޒަފުން ދަންނަވައިފި.
    11:58

    ސިއްރު ވޯޓު ޗާޕުކޮށްފި. އިންތިހާބާ ކޮމެޓީގެ މެމްބަރުން ދަނީ ވޯޓު ކަރުދާސްތައް ބަލައި، ގަވާއިދަށް ފެތޭތޯ ބަލަމުން.
    11:48

    އިންތިހާބާ ބެހޭ ކޮމެޓީގެ ފަސް މެމްބަރުން ކަމަށްވާ ފޭދޫ ދާއިރާ މެމްބަރު އިބްރާހިމް ދީދީ އާއި މަނަދޫ ދާއިރާގެ މެމްބަރ އުމަރު ހުސައިން އާއި މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ، މަސައްކަތާ ހަވާލުވެއްޖެ.

    އެ ބޭފުޅުން މިހާރު ތައްޔާރުވެވަޑައިގެން ތިއްބެވީ ސިއްރު ވޯޓުގެ ކަންކަން ކުރިއަށް ގެންދެވުމަށް.

    11:43ރިޔާސަތުން:

    ގާނޫނު އަސާސީގެ 87 ވަނަ މާއްދާގެ (ނ)ގައި ބުނެފައި ވަނީ މަޖިލީހުގެ ރައީސް ނުވަތަ ރިޔާސަތުގައި އިންނަވާ ބޭފުޅަކު މަޖިލީހުގައި ނަގާ ވޯޓެެއްގައި ބައިވެރިނުވެވޭނެ ކަމަށް. ނަމަވެސް ވޯޓު އެއްވަރު ވެއްޖެ ހާލަތެއްގައި އެ ވޯޓުގައި ފެންނަ ނުފެންނަ ގޮތުގެ ވޯޓެއް ދެވިދާނެ. މިއީ ގާނޫނު އަސާސީގައި ބުނެފައިވާ ގޮތް.

    އެހެންވީމަ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހޮއްވަވާ ސިއްރު ވޯޓުގައި އަޅުގަނޑު ބައިވެރިއެއް ނުވާނަން.

    11:36އަމީންއާންމު އަހުމަދު މުހައްމަދު

    މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހޮއްވަވާނީ ވަކިވަކިން ގަނާ ދެ ސިއްރު ވޯޓެއްގެ ގޮތުގައި. ވޯޓުގައި ނަންފުޅު އިންނާނީ ނަން ހުށަހެޅި ތަރުތީބުން. ސިއްރު ވޯޓު ކަރުދާގައި މެމްބަރުން ފާހަގަ ޖަހަންވާނީ އެ ވޯޓު ހަރުދާހުގައި ފާހަގަ ޖަހަން ހާއްސަކޮށްފައިވާ ތަނުގައި. ވޯޓުގެ ކަރުދާގައި ޖަހާ ފާހަގައިގެ އިތުރުން، އެއްވެސް ނިޝާނެއް ޖަހައިފިނަމަ އެ ވޯޓަކީ ބާތިލް ވޯޓެއް.
    11:31ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ވަހީދު

    މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲގެ ނަން އަޅުގަނޑު ހުށަހަޅަން.

    ވިލުފުށީ ދާއިރާގެ މެމްބަރު އެ ނަމަށް ތާއިދު ކުރައްވައިފި.

    11:30ސ. މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް

    މަޖިލީހުގެ ރައިބު ރައީސްގެ މަގާމަށް ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކުގެ ނަން ހުށަހަޅަން.

    ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެ ނަންފުޅަށް ތާއިދު ކުރައްވައިފި.

    11:28

    ނައިބު ރައީސްގެ މަގާމަށް ކުރިމަތިލައްވަން ބޭފުޅުންފުޅުވާ ނަންތައް ހުށަހަޅަން ރިޔާސަތުން ހުޅުވާލައްވައިފި.
    11:22ދަނގެތި ދާއިރާގެ މެމްބަރު އިލްހާން އަހުމަދު

    މަޖިލީހުގެ ރައީސް ކަމަށް މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ނަންފުޅު އެންމެހައި މެމްބަރުންގެ އެއްބާރުލުމާއެކު އަޅުގަނޑު ހުށަހަޅަން.

    އެ ނަމަށް ޖޭޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރަކު ތާއިދު ކުރައްވައިފި.

    11:20ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ

    މަޖިލީހުގެ ރައީސް ކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހުގެ ނަން ހުށަހަޅަން.

    އެ ނަމަށް ވިލިމާލެ ދާއިރާގެ މެމްބަރު ނިހާން ތާއިދު ކުރައްވައިފި

    11:18

    މަޖިލީހުގެ ރައީސާއި ނައިބު ރައީސް ކަމަށް ކުރިމަތިލައްވާ ބޭފުޅުންގެ ނަންތައް ހުށަހަޅަން ރިޔާސަތުން ހުޅުވާލައިފި.
    11:17

    ފަސް މެމްބަރުންގެ ކޮމެޓީއަށް މެމްބަރުން އިއްތިހާބުވެއްޖެ ކަމަށް ރިޔާސަތުން އިއުލާންކޮށްފި
    11:13ރައްޔިތުންގެ މަޖިލީހުން

    ކޮމެޓީ އަށް ފަސް މެމްބަރުން އައްޔަން ކުރަން ވޯޓު ދެއްވި މެމްބަރު ތަފްސީލް:

    ވޯޓުގަގައި ބައިވެރިވި 84 މެމްބަރުންގެ އިއްތިފާގުން ކޮމެޓީއަށް ފަސް މެމްބަރުން އައްޔަން ކުރަން ފާސްކޮށްފި. ރިޔާސަތުގައި އިންނެވި މުހައްމަދު ހުސައިންއަކަށް ވޯޓުގައި ބައިވެރިއެއް ނުވެވޭ.

    11:13

    ސިއްރު ވޯޓުގެ ކަންތައް ކުރިއަަށް ގެންދެވުމަށް ހުށަހެޅުއްވި ކޮމެޓީއަށް ވޯޓަށް އަހައިފި.
    11:09

    އަލީ އާރިފުގެ ހުށަހެޅުއްވުމަށް ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ތާއިދު ކުރައްވައިފި.
    11:07ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް

    ސިއްރު ވޯޓުގެ ކަންތައްތައް ކުރިަށް ގެންދިއުމަށް ފަސް މެމްބަރުންގެ ކޮމެޓީއަށް އަޅުގަނޑު ހުށަހަޅާ ނަންފުޅުތައް

    ފޭދޫ ދާއިރާ މެމްބަރު އިބްރާހިމް ދީދީ
    މަނަދޫ ދާއިރާގެ މެމްބަރ އުމަރު ހުސައިން
    މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް
    ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު
    ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ

    11:06

    ރައީސާއި ނައިބު ރައީސް ހޮއްވަވާ ސިއްރު ވޯޓުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ފަސް މެމްބަރުންގެ ކޮމެޓީއެއް ހޮއްވެވުމަށް ރިޔާސަތުން އައްސަވައިފި. ފަސް މެމްބަރުންގެ ނަން ހުށަހަޅަން ވަނީ މެމްބަރުންނަށް ހުޅުވާލައިފި.
    11:04ކަނޑިތީމު ދާއިރާގެ މެމްބަރު މުހައްމަދު ހުސައިން

    މަޖިލީހުގެ 85 މެމްބަރުން މަޖިލީހުގައި އެބަތިއްބެވި. ހުރިހާ ބޭފުޅުންނަށް މަރުހަބާ ދަންނަވަން.
    11:02

    ކަނޑިތީމް ދާއިރާގެ މެމްބަރު މުހައްމަދު ހުސައިން ރިޔާސަތަށް ވަޑައިގެންފި. ފުރަތަމަ ޖަލްސާގެ ރިޔާސަތާ ހަވާލުވެވަޑައިގަންނަވާނީ އެންމެ ގިނަ ދުވަހު މަޖިލީހުގައި މަސައްކަތް ކުރެއްވި މެމްބަރު.
    11:02

    މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހޮއްވަވާ ޖަލްސާ ފަށައިފި. މިހާރު ވާހަކަފުޅު ދައްކަވަމުން ގެންދަވަނީ އަމީން އާންމު އަހުމަދު މުހައްމަދު.
    11:00

    މަޖިލީސް ސަރަހައްދުގައި ހުންނަވައިގެން ރައީސް ނަޝީދު ނޫސްވެރިންގެ ބައެއް ސުވާލުތަކަށް ޖަވާބުދެއްވަނީ. ނަޝީދު ވިދާޅުވީ "އަޅުގަނޑު ދެކޭ ގޮތުގައި މި ސަރުކާރު ވެރިކަމުގައި މިހާރު ދެމި އޮތީ ވަރަށް ބޮޑު އޮޅުވާލުމެއްގެ ތެރޭގައި. ގާސިމް ކޯލިޝަނުން ބޭރުކޮށްފިއްޔާ މިސަރުކާރު ބަދަލުވާން ޖެހޭ" ކަމަށް.
    10:51

    އާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާ ކުރެއްވުމަށް ފަހު، މަޖިލީހުގެ ރައީސަކު ހޮވުމަށް ތައްޔާރުވެފައިވާ އިރު، އެމްޑީޕީގެ ވަގުތީ ލީޑަރު މުހައްމަދު ނަޝީދު ވަނީ އެމްޑީޕީ ބަޔަކާ އެކު މަޖިލީސް ކައިރިއަށް އެއްވެ، ސަރުކާރުންވީ ވައުދުތައް ފުއްދުމަށް ގޮވާލައި ޕޯސްޓަރުތަކެއް ހިއްޕައިފަ އެވެ. އޭގެ ތެރޭގައި ޒުވާނުންނަށް ވަޒީފާ ނެތީ ކީއްވެތޯ ފަދަ އިބާރަތްތައް ހިމެނެ އެވެ.
    10:49މަޖިލީސް ކައިރި

    މަޖިލީސް ހިމެނޭ ސަރަހައްދުގައި ކުރީގެ ރައީސް މުޙަމަދު ނަޝީދާއި އެމްޑީޕީގެ އެކްޓިވިސްޓުންތަކެއް ލިޔުންތަކެއް ހަރުކޮށްފައިވާ ބޯޑުތަކެއް ހިފައިގެން އެއްވެ އެބަ ތިބި.
    10:48

    ޕީޕީއެމްގެ ކައުންސިލްގެ އިއްތިފާގުން ފާސްކޮށްފައި ވަނީ ޖުމްހޫރީ ޕާޓީން މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލައްވައިފިނަމަ ކޯލިޝަން އެއްބަސްވުން ނިމުމަކަށް ގެންނާނެކަމަށް. އަދި ސަރުކާރުގެ މަގާމްތަކުގައި ތިއްބެވި ޖުމްހޫރީ ޕާޓީގެ ބޭފުޅުން މަގާމުން ވަކިކޮށް، ޕީޕީއެމްގެ ބޭފުޅުންނަށް އެ މަގާމްތައް ދިނުމަށް ސަރުކާރަށް ހުށަހަޅާނެ ކަމަށް ވެސް އެ ޕާޓީން ވަނީ ފާސްކޮށްފައި.
    10:46

    މާގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް މަޖިލީހުގެ ރައީސްކަމަށް އިންތިޚާބު ކުރެއްވުމަށް ޖުމްހޫރީ ޕާޓީއާ އެމްޑީޕީގެ ހުރިހާ މެމްބަރުން ވޯޓު ދެއްވާނެ ކަމަށް އެ ދެ ޕާޓީން ވަނީ ބުނެފަ. އެ ދެ ޕާޓީގެ މެމްބަރުންގެ ޖުމްލަ އަދަދަކީ 40.
    10:45

    މަޖިލީހުގެ ރައީސަކު ހޮވުމަށް ނަގާ ވޯޓުގައި ޕީޕީއެމާއި އެމްޑީއޭ އިން ވެސް ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދަށް ވޯޓު ދެއްވާނެ ކަމަށް ބެލެވޭ. ޕީޕީއެމާއި އެމްޑީއޭގެ މެމްބަރުންގެ ޖުމްލަ އަދަދަކީ 42.
    10:42

    ނިލަންދޫ ދާއިރާގެ ގޮނޑިއަށް އިންތިޚާބުވި އަބްދުﷲ ޚަލީލް އާއި މަޑަވެލި ދާއިރާގެ ގޮނޑިއަށް އިންތިޚާބުވި މުއާޒު މުހައްމަދު ރަޝީދު ފިޔަވައި އަމިއްލަގޮތުން އިންތިޚާބުވި ހުރިހާ މެމްބަރުން ވަނީ ސަރުކާރު ހިންގާ ޕީޕީއެމަށް ސޮއިކުރައްވާފައި. އަދި އެމްޑީޕީގެ ޓިކެޓުގައި ތިމަރަފުށީ ދާއިރާ އަށް އިންތިޚާބުވި މުހައްމަދު މުސްތަފާ ވެސް ވަނީ ޕީޕީއެމަށް ސޮއިކުރައްވާފައި. މިއާއެކު ޕީޕީއެމްގެ މަޖިލީސް މެމްބަރުންގެ އަދަދު ވަނީ 36 އަށް އަރާފަ.
    10:38

    ކޯލިޝަންގައި ހިމެނޭ ދެވަނައަށް އެންމެ ބޮޑު ޕާޓީކަމަށްވާ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި 15 މެމްބަރަކު ވަނީ އިންތިޚާބުވެފައި. އަދި އެމްޑީއޭގެ ޓިކެޓުގައި ފަސް މެމްބަރުން އިންތިޚާބުވެފައިވާއިރު އަދާލަތު ޕާޓީގެ ޓިކެޓުގައި އިންތިޚާބުވެފައި ވަނީ އެންމެ މެމްބަރެއް. އަމިއްލަގޮތުން ވާދަކުރެއްވި ފަސް މެމްބަރަކު ވަނީ ގޮނޑި ކާމިޔާބު ކުރައްވާފައި.
    10:38

    މިފަހަރުގެ މަޖިލީހުގައި އެންމެ ގިނަ ގޮނޑި ލިބިފައި ވަނީ ވެރިކަންކުރާ ޕީޕީއެމަށް. އެ ޕާޓީއަށް ލިބިފައި ވަނީ 33 ގޮނޑި. ދެވަނަ އަށް އެންމެ ގިނަ ގޮނޑި ކާމިޔާބުކުރެވިފައި ވަނީ އިދިކޮޅު އެމްޑީޕީއަށް. އެ ޕާޓީގެ ޓިކެޓުގައި 26 މެމްބަރަކު ވަނީ އިންތިޚާބުވެފައި.
    10:34މަޖިލީހުގެ އިދާރާއިން

    މަޖިލީހުގައި މިހާރު ކުރިއަށްދަނީ، 11:00ގައި ބޭއްވުމަށް ހަމަޖެހިފައިވާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބް ރައީސް އިންތިޚާބުކުރުމަށް ނަގާ ސިއްރު ވޯޓަށް ތައްޔާރުވުމުގެ މަސައްކަތް.
    10:11އަމީން އާންމު އަހުމަދު މުހައްމަދު

    ހުވާ ކުރައްވުމަށް ބޭއްވި ރަސްމިއްޔާތު ނިންމާލައިފި. މި މަޖިލީހުގެ ފުރަތަމަ ޖަލްސާ 11:00 ގައި އޮންނާނެ.
    10:10

    ހުވާ ކުރެއްވުމަށްފަހު، ހުވާގެ އިގްރާރުގައި މެމްބަރުން ސޮއި ކުރައްވައިފި.
    10:08

    އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން މަޖިލީހުގެ މެމްބަރުންނަށް ހުވާލައިދެއްވަން ފައްޓަވައިފި.
    10:08

    އާ މަޖިލީހުގެ މެމްބަރުން ހުވާ ކުރައްވައިފި. ހުވާ ލައިދެއްވީ އުއްތަމަފަނޑިޔާރު.
    10:06އަމީން އާންމު އަހުމަދު މުހައްމަދު

    މިއީ 85 މެމްބަރުންގެ މައްޗަށް އެކުލެވޭ މަޖިލިސް. މި ރަސްމިއްޔާތަށް އެ 85 ފަސް މެމްބަރުން ވެސް ވަޑައިގެން އެބަތިއްބެވި. މި ރަސްމިއްޔާތަކީ އެ ބޭފުޅުންގެ ހުވާ ކުރުމުގެ ރަސްމިއްޔާތު. ހުވާ ލައިދެއްވާނީ އުއްތަމަފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން. ކޮންމެ ބޭފުޅަކު ވެސް ހުވާގެ ކުރިން އެ ބޭފުޅެއްގެ ނަން ވިދާޅުވުމަށްފަހު ހުވާ ކުރުމަށް ދަންނަވަވަން.
    10:05

    މަޖިލީހުގެ އަމީން އާންމު ވާހަކަފުޅު ދައްނަވަނީ.
    10:02

    ކީރިތި ގުރުއާނުގެ ބަރަކާތުން މަޖިލިސް ފަށައިފި
    09:57

    އާ މަޖިލީހަށް ހޮވިފައިވާ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުގެ ހުވާ ކުރެއްވުމަށް މަޖިލީހުގެ އިދާރާއަށް ހާޒިރުވެވަޑައިގެންފި.