އިސްރާއީލުގެ އަޅުވެތިކަމާއި އިސްތިޢްމާރާ ދެކޮޅަށް ރާމަﷲ ގެ ހުޅަނގުގައި މުޒާހަރާކުރި ފަލަސްތީނުގެ އެތަށް ސަތޭކަ ބައެއްގެ ތެރޭގައި ހިމެނޭ ޒުވާން އަންހެނަކު ޝަހީދުވެއްޖެއެވެ. އުމުރުން 35 އަހަރުގެ މިއަންހެންމީހާ ޝަހީދުވީ މުޒާހަރާކުރި މީހުންނާ ދެކޮޅަށް އިސްރާއީލުގެ ފުލުހުން މުގުރި ބުރިންނާއި ކަރުނަގޭހުން ޙަމަލާދިނުމުންނެވެ. މިއަންހެންމީހާއަކީ ކުރިން އެއްވެސް ބައްޔެއް ތަޙައްމަލްނުކުރާ ސިއްޙަތު ރަނގަޅުމީހެއް ކަމަށް ޚަބަރުލިބެއެވެ. ޑޮކްޓަރުން ބުނާގޮތުން މިއަންހެންމީހާ މަރުވީ އިސްރާއީލުގެ ސިފައިން ކަރުނަގޭހުގެ ހަމަލާތަކުގެ ސަބަބުން ފުއްޕާމެއަށް ލިބުނު ގެއްލުމެއްގެ ސަބަބުންނެވެ.


މިބައިމީހުން މުޒާހަރާކުރީ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ބިނާކޮށްފައިވާ އަނިޔާވެރިކަމުގެ ފާރާއި ދެކޮޅަށާއި ހިފާފައިވާ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް އިސްރާއީލުން ހިންގާ ޣައިރު ޤާނޫނީ މަޝްރޫޢާ ދެކޮޅަށެވެ. ސުލްހަވެރިކަމާއެކު ކުރިޔަށްދިޔަ މި މުޒާހަރާގައި ފަލަސްތީނުގެ ރައްޔިތުންގެ އިތުރުން އިންސާނީ ޙައްޤުތަކަށާއި ސުލްޙައަށް މަސައްކަތްކުރާ  އެމެރިކާއާއި ޔޫރަޕްގެ ބައެއް މަދަނީ ޖަމްޢިއްޔާތަކުގެ އެކްޓިވިސްޓުންވެސް ބައިވެރިވިއެވެ. އިސްރާއީލުން ކުރިޔަށްގެންދާ އަނިޔާވެރި ކަމުގެ ފާރުގެ ތެރެއިން ހުޅަނގު އައްސޭރީގައި ބިނާކޮށްފައިވާ ބައިތައް ހަލާކުކޮށްލުމަށް އިސްރާއީލުގެ ސްޕްރީމް ކޯޓުން ނެރުނު އަމުރަކަށް ތަބާވުމަށް އިސްރާއީލުގެ ސަރުކާރުވަނީ ދެކޮޅު ހަދާފައެވެ.