ގ. ނިއުމޫން ހަސަން ޝިފާޒް އާއި ށ. ފުނަދޫ ވަގުތީ މަންޒިލް، އަލީ އާދަމް ސޫރިޔާގެ އަހުލީ ހަނގުރާމައިގައި މަރުވިކަން ވަނީ ކަށަވަރު ވެފަ އެވެ.

އެ ދެ މީހުންގެ ތެރެއިން އަލީ އާދަމްގެ ބޭބެ މުހައްމަދު އާދަމް އިއްޔެ "ސަން"އާ ވާހަކަ ދެއްކި އެވެ. އޭނާ ބުނީ މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން "ތިޔަ ވިދާޅުވާ ގޮތް ވެފައި ވެދާނެ ކަމަށް ގަބޫލު ކުރެވޭ" ކަމަށެވެ. ނަމަވެސް ކޮށްކޮ އަށްވީ ގޮތް އަދިވެސް ޔަގީން ނުކުރެވޭ ކަމަށް އޭނާ ބުންޏެވެ.

"އަހަރެމެން ވެސް މިއުޅެނީ އޭނާ އަށް ވީގޮތް ސީދަލަށް ނޭނގިގެން. އަހަރެމެން ވެސް ބޭނުން ވަނީ އޭނާ އަށް ވީގޮތް އެނގެން،" އޭނާ ބުންޏެވެ.

ނަމަވެސް އިވޭ އަޑުތަކާއި އަލީ އާދަމްގެ ހަބަރު ހޯދަން ކުރި ސުވާލުތަކަށް ލިބުން ޖަވާބުތަކުން ސޫރިޔާ ހަނގުރާމައަށް އޭނާ ގޮސްފައި ވެދާނެ ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެވޭ ކަމަށް މުހައްމަދު ބުންޏެވެ. އެގޮތުން އޭނާގެ ހަބަރެއް އެއްގޮތަކަށް ވެސް ނުވެގެން އޭނާގެ ރައްޓެހިންނާ މީގެ ދެ މަހެއްހާ ދުވަސް ކުރިން ސުވާލު ކުރި ކަމަށް ވެސް ބުންޏެވެ.

"އޭނާ ވީ ތަނެއް ވެސް، އުޅޭ ގޮތެއް ވެސް ހާލު އަހުވާލު ހުރި ގޮތެއް ވެސް ނޭނގިގެން އަހަރެމެން އޭނާގެ ރަށްޓެހިންނާ ސުވާލުކުރިން މީގެ ދެ މަހެއްހާ ދުވަސް ކުރިން. އެމީހުން ބުނީ ބޭބޭ އޭ، މިވާހަކަ އިހަށް ނުދައްކާށޭ، އޭނާވީ ޖިހާދަށް ގޮހޭ،" މުހައްމަދު ވަރަށް އަސަރާ އެކު ބުންޏެވެ.

އަލީ އާދަމްގެ އަންހެނުންނަށް ވެސް އޭނާ ވީތަނެއް ނޭނގޭ ކަމަށް ވެސް މުހައްމަދު ބުންޏެވެ. އަދި ބުނީ އަލީގެ އަންހެނުންނަށް އޭނާ އެންމެ ފަހުން ދިން މައުލޫމާތަކީ ދޮގު މައުލޫމާތެއް ކަމަށް މިހާރު ގަބޫލުކުރެވޭ ކަމަށެވެ.

"އޭނާ އަންހެނުން ބުނީ، ގުޅާފައި ބުންޏޭ ތިމަންނާ މިހާރު މިއޮތީ ވަރަށް ދުރުގައި ހުރި ހޮސްޕިޓަލެއްގައި ދެކިޑްނީ ފޭލް ވެފައޭ. ދެން އޭގެ ފަހުން އެއްވެސް ހަބަރެއް ނުވޭ. އޮތީ ކޮން ގައުމެއްގެ ކޮން ހޮސްޕިޓަލެއްގައި ކަމެއް ވެސް ނުބުނެއޭ އޭނާ އަންހެނުން ބުނީ،" މުހައްމަދު ބުންޏެވެ.

ސޫރިޔާ ހަނގުރާމައިގައި ބައިވެރިވާ ދިވެހިންނާއި އެމީހުންނާ ގުޅުން އޮންނަ މީހުން ހިންގާ ޓްވިޓާ އެކައުންޓެއް ކަމަށްވާ "ބިލާދުއް ޝާމް" އިން ބުނެފައި ވަނީ "ދިވެހި ރާއްޖޭގެ ދެވަނަ މީހާ ބަޑީގެ ހަމަލާއެއްގައި މިއަދު ޝަހީދު ވެއްޖެ" ކަމަށެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ޝިފާޒްއާއި އަލީގެ އިތުރުން އެތައް ދިވެހިންނެއް ސޫރިޔާއަށް ގޮސް އެބަތިއްބެވެ. އަދި ސޫރިޔާގައި ހަނގުރާމަކުރުމަށް ފަހު ބައެއް މީހުން އެނބުރި ރާއްޖެ އައިސްފައި ވެސް ވެ އެވެ.
ނަމަވެސް ރާއްޖޭގެ ގައުމީ ދިފާއީ ބާރުން އާދީއްތަ ދުވަހު ބުނީ އެފަދަ ކަމެއް އަދި އެނގިފައި ނުވާ ކަމަށެވެ.

ސޫރިއާ ހަނގުރާމައިގައި ދިވެއްސަކު ބައިވެރިވެ، މަރުވިކަމުގެ މައުލޫމާތެއް ލިބިފައި ވޭތޯ ދެންނެވުމުން އެމްއެންޑީއެފްގެ ސްޕޯކްސް ޕާސަން މޭޖާ ހުސައިން އަލީ ވިދާޅުވީ އެފަދަ އެއްވެސް މައުލޫމާތެއް އަދި ނުލިބޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް ތިޔަ ފަދަ އެއްވެސް މައުލޫމާތެއް އަދި ނުލިބޭ،" އޭނާ ވިދާޅުވި އެވެ.

ފުލުހުން ބުނީ އެފަދަ މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު އެ ދުވަހު ވިދާޅުވީ އެފަދަ ކަމެއްގެ މައުލޫމާތު ފުލުހުންގެ މައި އިދާރާ އަށް އަދި ލިބިފައި ނުވާ ކަމަށެވެ. އަދި އެ ފަދަ މައުލޫމާތެއް ފުލުހުންގެ އެއްވެސް ޑިޕާޓްމެންޓަކަށް ލިބިފައިވޭތޯ މިހާރު ބަލަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން މިއަންނަނީ ބަލަމުން ފުލުހުންގެ އެއްވެސް ޑިޕާޓްމެންޓަކަށް ތިޔަ ފަދަ މައުލޫމާތެއް ލިބިފައިވޭތޯ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ފޮރިން މިނިސްޓްރީން ވެސް ބުނީ ސޫރިޔާ އަށް ދިވެހިން ޖިހާދަށްދާ ކަމަށް ބުނާ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އަދި އެކަމުގައި ރައްޔިތުންނަށް އަންގަން ޖެހޭ ކަމެއް އޮވެއްޖެއްޔާ ބަޔާނެއް ނެރޭނެ ކަމަށެވެ.

ސޫރިޔާގެ އަހުލީ ހަނގުރާމަ ފެށުނީ 2011 ވަނަ އަހަރެވެ. އެ ހަނގުރާމަ ފެށުނީ ސޫރިޔާގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރި ބަޔަކާ ދެކޮޅަށް ސޫރިޔާ ސިފައިން ބަޑިން ހަމަލާދީ އެތައް ބަޔަކު މަރާލުމުންނެވެ. "އަރަބި ބަހާރު"ގެ ނަމުގައި މުޅި އަރަބި ދުނިޔޭގައި ދެމިގެން ދިޔަ އޮއިވަރުގައި ކުރި އެ މުޒާހަރާތައް ރޫޅާލުމުގެ ނަމުގައި ސޫރިޔާ ސިފައިން ވަރުގަދަ ހަމަލާތައް ދޭން ފެށުމުން މުޒާހަރާ ކުރި މީހުން ވެސް ހަތިޔާރުގެ ބޭނުން ކުރަން ފެށި އެވެ.

މުޒާހަރާތައް އަހުލީ ހަނގުރާމައަކަށް ވެފައި ވަނިކޮށް، އަވައްޓެރި ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުން 2013 ވަނަ އަހަރު ވަނީ ހަނގުރާމައިގެ ތެރެއަށް ވަދެފަ އެވެ. އެ ހަނގުރާމައިގައި މިހާރު ދުނިޔޭގެ އެކި ގައުމުތަކުގެ މީހުން ބައިވެރިވާ ގިނަ އަދަދެއްގެ ޖަމާއަތްތައް ވަނީ ބައިވެރިވެފަ އެވެ. ސޫރިޔާ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ އެކިއެކި ޖަމާއަތްތަކުގެ މެދުގައި ވެސް ކުރިމަތިލުންތައް ހިނގަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އެހަނގުރާމައިގައި މިހާތަނަށް 232،000 އަށް ވުރެ ގިނަމީހުން ވަނީ މަރުވެފަ އެވެ. އަދި 4.5 މިލިޔަނަށް ވުރެ ގިނަ މީހުން ވަނީ ރެފިއުޖީންނަށް ވެފަ އެވެ.