މިހާތަނަށް އައި އިރު ގާނޫނު ހުއްދަކުރާ މިންގަނޑުގެ ތެރޭގައި ރިޓަޔާމަންޓް ޕެންޝަން ސުކީމްގެ ފައިސާ އިންވެސްޓްކޮށްގެން ސުކީމްގެ ބައިވެރިންނަށް ހަތް ފަސް ޕަސެންޓާއި ހަތް ޕަސެންޓާ ދެމެދުގެ އަދަދަކަށް ފައިދާއެއް ހޯދައިދީފައިވާ ކަމަށް ޕެންޝަން އޮފީހުން ބުނެފި އެވެ.

ޕެންޝަން އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ދިވެހި ރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނުން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޑިރެކްޓަރުންގެ ބޯޑާ ހަވާލުކޮށްފައިވާ ޒިންމާތަކުގެ ތެރޭގައި މޯލްޑިވްސް ރިޓާޔަމަންޓް ޕެންޝަން ސުކީމްގެ ފައިސާ އޭގެ ބައިވެރިންނަށް އެންމެ ފައިދާ ހުރި ގޮތުގައި އިންވެސްޓްކުރުން ހިމެނޭ ކަމަށެވެ.

އެގޮތުން މިހާތަނަށް އައި އިރު ހޯދާދެވިފައިވާ ފައިދާގެ އެ އަދަދަކީ ރާއްޖޭގެ މިހާރުގެ އިންފްލޭޝަނާ އަޅާ ބަލާ އިރު ޕެންޝަން ސުކީމުގެ ބައިވެރިންނަށް ނަފާލިބޭ ގޮތަށް ހޯދިފައިވާ ނަފާއެއްކަން ޕެންޝަން އޮފީހުން ފާހަގަކުރެއެވެ.

ޕެންޝަން އޮފީހުގެ ބޯޑުގެ އަދި މެނޭޖްމަންޓްގެ މަގްސަދަކީ ޕެންޝަން ފަންޑުގެ ބައިވެރިންނަށް އިންވެސްޓްމަންޓްތަކުގެ ތެރެއިން ހޯދައިދެވޭނެ ނަފާ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުކުރުން ކަމަށާއި އެގޮތުން ފަންޑުގެ ސައިޒް ބޮޑުވަމުންދާ ވަރަކަށް ރާއްޖެ އާއި ރާއްޖެ އިން ބޭރުން ލިބެން ހުރި އިންވެސްޓްމަންޓްތަކުގެ ފުރުސަތުތައް ހޯދަން ޖެހުމަކީ ކުރަންޖެހިދާނެ ކަމެއް ކަމަށް އެ ބަޔާނުގައިވެ އެވެ.

އެފަދަ ކަންކަމަކީ ދުރާލާ ޕްލޭންކޮށްގެން މަޝްވަރާތަކަކާ އެކީ މެނުވީ ކުރެވޭނެ ކަމަކަށް ނުވާތީ، އެފަދަ ޕެންޝަން ފަންޑުތަކުން އިންވެސްޓްމެންޓް ފުޅާކުރުމަށް ކުރިމަގުގައި ކުރެވިދާނެ ކަންތަށްތަކާ ބެހޭ ގޮތުން ދާދިފަހުން ޕެންޝަން އޮފީހުން ވަނީ މާލީ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކާ އެކު ސެމިނާއެއް ބާއްވާފަ އެވެ.