28 May 2014, 09:05
ވައިޓްހައުސް (މޭ 28): އަފްޣާނިސްތާނުގައި ހަނގުރާމަކުރާ އެމެރިކާގެ ލަޝްކަރުތައް މި އަހަރުގެ ފަހުކޮޅު އެގައުމުން ބޭލުމަށް ހަމަޖެހިފައިވާ އިރު އަންނަ އަހަރުން ފެށިގެން އަފްޣާނިސްތާނުގައި ތިބޭނީ އެމެރިކާގެ 9800 ސިފައިން ކަމަށް ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.
ވައިޓް ހައުސްގައި ވާހަކަ ދައްކަވަމުން އޮބާމާ ވިދާޅުވީ އަފްޣާނިސްތާނުގައި ބޭތިއްބުމަށް ހަމަޖެހިފައިވާ މި 9800 ސިފައިންނަކީ ހަނގުރާމައިގާ ބައިވެރިވާނެ ބައެއް ނޫން ކަމަށާއި އެއީ އަފްޣާން ސިފައިންނަށް ޢަސްކަރީ ތަމްރީންތައް ދިނުމަށާއި ކޮންސަލްޓެންސީ ދިނުމުގައި ހަރަކާތްތެރިވާ ތަޖްރިބާކާރުން ކަމުގަ އެވެ. އަފްޣާނިސްތާނުގައި އަލްގާއިދާއާ ދެކޮޅަށްހިންގާ ހަރަކާތްތަކުގައި މުހިއްމު ދައުރެއް އެމީހުން އަދަކުރާނެ ކަމަށް ވެސް އޮބާމާ ވިދާޅުވި އެވެ.
އަފްޣާނިސްތާނަށް ކުރެއްވި ކުއްލި ދަތުރުފުޅެއް ނިންމަވާލެއްވުމަށް ފަހު އެނބުރި ގައުމަށް ވަޑައިގެން އަފްޣާނިސްތާނުގެ މުސްތަގްބަލާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އޮބާމާ ވިދާޅުވީ އަފްޣާން ސިފައިންނަށް ތަމްރީނާއި ކޮންސަލްޓެންސީ ދިނުމަށް ޓަކައި އެގައުމުގައި ބޭތިއްބުމަށް ހަމަޖެހިފައިވާ އެމެރިކާގެ 9800 ސިފައިންނަކީ ދިގު މުއްދަތަކަށް އެގައުމުގައި ތިބޭނެ ބައެއްނޫން ކަމަށާއި މީގެ ތެރެ އިން ދެބައިކުޅަ އެއްބައި މީހުން 2015 ވަނަ އަހަރުގެ މެދެއްހާ ހިސާބު އެމެރިކާ އަށް އަނބުރައި ގެންދެވޭނެ ކަމުގަ އެވެ. އަދި ބާކީ ތިބޭ ސިފައިން ވެސް 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެމެރިކާ އަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށާއި 2016 ވަނަ އަހަރު ފެށޭ އިރު އަފްޣާން ބިމުގައި އެމެރިކާ ސިފައިންގެ އެކަކު ވެސް ނުހުންނާނެ ކަމަށް އޮބާމާ ވިދާޅުވި އެވެ.
މީގެ އިތުރުން، އަފްޣާނިސްތާން ކާމިޔާބު ދައުލަތަކަށް ހެދުމާއި އަފްޣާނިސްތާން ތަރައްގީކޮށް ކުރިއެރުވުމަކީ އަފްޣާން ސަރުކާރާއި ރައްޔިތުންގެ ކަމެއް ކަމަށާ އެއީ އެމެރިކާގެ މަސްއޫލިއްޔަތެއް ނޫން ކަމަށް ވެސް އޮބާމާ ވިދާޅުވި އެވެ. އަދި މީގެ 14 އަހަރު ކުރިއާ އަޅައިބަލާ އިރު އަފްޣާނިސްތާނުގެ ހާލަތު ހުރިހާ ގޮތަކުން ވެސް ރަނގަނޅު ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި އަލްގާއިދާގެ ބާރު އަފްޣާން ބިމުން ކަނޑުވާލުމުގައި ބޮޑެތި ކާމިޔާބީތަކެއް އެމެރިކާ އާއި އެމެރިކާގެ ބައިވެރިންނާއި އަފްޣާން ސަރުކާރުން ހާސިލް ކޮށްފައިވާ ކަމަށް އޮބާމާ ވިދާޅުވި އެވެ. މިގޮތުން އަފްޣާނިސްތާނުގައި ސުލްޙަ ގާއިމްކުރުމުގެ ގާބިލްކަން އަފްޣާން ސިފައިންނަށާއި ފުލުހުންނަށް ލިބިގެންވާކަމާއި އެކަން އެމީހުން ސާބިތުކޮށްދެމުން ގެންދާކަމަށް ވެސް އޮބާމާ ވިދާޅުވި އެވެ.
ދެހާސް ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެމެރިކާގެ ވޮޝިންޓަނަށާއި ނިއުޔޯކަށް ދިން ހަމަލާތަކަކީ އަލްގާއިދާ އިން ދިން ޙަމަލާތަކެއް ކަމަށްބުނެ އެމެރިކާ ވަނީ ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި އަފްޣާނިސްތާނަށް އަރައި އެގައުމުގެ ކުށެއް ނެތް އެތައް ހާސްބަޔަކު މަރައި ގައުމުގެ ބޮޑުބައެއް ތަޅައި ސުންނާފަތިކޮށްފަ އެވެ. އަދި އަފްޣާން ޖަލުތަކުގައި އަސީރުންނާ ދެކޮޅަށް އެމެރިކާ އިސްވެ އޮވެގެން ލާއިންސާނީ އެތައް އަމަލުތަކެއް ހިންގުމުގެ އިތުރުން ގުއަންޓެނާމޯ ޖަލު އުފައްދައި އެޖަލުގައި ވެސް އެމެރިކާ ވަނީ އަސީރުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު އެތައް ޖަރީމާތަކެއް ހިންގާފަ އެވެ. އަދި އަފްޣާން ހަނގުރާމައިގެ މައިދާނުގައި ވެސް އެމެރިކާ ސިފައިން އަފްޣާން އާންމުންނަށާއި އާއިލާތަކާ ދެކޮޅަށް ހަނގުރާމައިގެ ބޮޑެތި ޖަރީމާތަކެއް ހިންގާފައިވާކަން ވެސް ވަނީ ހާމަވެފަ އެވެ.
ސެޕްޓެމްބަރު 11ގެ ހަމަލާތަކުގެ ޒިންމާ އަލްގާއިދާއިން އުފުލާފައިވީ ނަމަވެސް އެފަދަ ޙަމަލާތަކެއް އެކަހެރި ގޮތެއްގައި އެމެރިކާއަށް ދިނުމުގެ ގާބިލްކަން އެޖަމާއަތަށް ލިބިގެންނުވާ ކަމަށް ތަޖްރިބަކާރުން ދެކެ އެވެ. އަދި އަލްގައިދާ އިން ދިން ކަމަށް އެޖަމާއަތުން އެއްބަސްވާ އެހަމަލާތަކާ އެކު އިސްލާމީ ގައުމުތަކަށް އަރައިގަތުމަށް އެމެރިކާ އަށް މަގުފަހުވެގެން ގޮސްފައިވާތީ އާއި އެއަށް ފަހު އަލްގާއިދާ އިން ދޭ ހުރިހާ ހަމަލާތަކެއް ވެސް އެމެރިކާގެ ބަދަލުގައި އިސްލާމީ ގައުމުތަކަށާއި މުސްލިމުންނަށް އަމާޒުކުރަމުން ގެންދާތީ އަލްގާއިދާ އާއި އެމެރިކާގެ ގުޅުންތަކާ މެދު ސުވާލު އުފައްދާނެ ޖާގަ އެބައޮތް ކަމަށް މިފަދަ ޖަމާއަތްތަކުގެ ހަގީގަތް ހޯދުމަށް ދިރާސާކުރާ ފަރާތްތަކުން ދެކެ އެވެ.
ދެހާސް އެގާރަ ވަނަ އަހަރު އަފްޣާނިސްތާނަށް ގަދަބާރުން އަރައިގަތް އެމެރިކާ ސިފައިން، އަފްޣާނިސްތާނުގައި އޭރު އޮތް ބާލިބާނުންގެ ސަރުކާރު ވައްޓާލުމުގައި ކާމިޔާބު ހޯދި ނަމަވެސް ތާލިބާނުންގެ ބާރު ކަނޑުވާލުމުގައާއި އެޖަމާއަތް ބަލިކޮށް އިނދަޖައްސާލުމުގައި އެމެރިކާ ސިފައިންނާއި އެމެރިކާ އަށް ވާގިވެރިވުމަށް ޓަކައި އަފްޣާނިސްތާނަށް އަރައި ހަނގުރާމަ ކުރަމުން ގެންދާ ނޭޓޯގެ ލަޝްކަރުތައްވަނީ ނުކުޅެދިފަ އެވެ.(ނޫސްއެޖެންސީތައް)