އޭއެފްސީ ޗެލެންޖް ކަޕުގެ ސެމީ ފައިނަލުން ރާއްޖެ ކަޓުވާލުމަށް ފަހު، ފައިނަލަށް ދަތުރުކުރި ފިލިޕީންސް ބޭނުންވަނީ އޭޝިއަން ކަޕުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާއި ވާދަކުރަން ކަމުގައި އެ ޓީމުގެ ކޯޗު ތޯމަސް ޑޫލޭ ބުނެފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ 9:00ގައި ކުޅުނު ސެމީ ފައިނަލުގެ މެޗުން ރާއްޖެ އަތުން ފިލިޕީންސް މޮޅުވީ 3-2 ލަނޑުންނެވެ. މެޗުގައި ރާއްޖެއިން ފިލިޕީންސްގެ މައްޗަށް ކުރި ހޯދުމަށް މަސައްކަތްތަކެއް ކުރި ނަމަވެސް ފިލިޕީންސް އިން ވަނީ ރާއްޖެ ހިފަހައްޓައި، ކުރި ހޯދައިފަ އެވެ.

މިރޭގެ މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިލިޕީންސްގެ ކޯޗު ބުނީ، އެ ޓީމު ދެން ބޭނުންވަނީ ޗެލެންޖް ކަޕް ކާމިޔާބުކޮށް، މިއަށްވުރެ މަތީ ލެވެލް އެއްގައި ވާދަކުރަން ކަމަށެވެ. މިރޭގެ މެޗުގައި ރާއްޖޭގެ ހަމަލާތަކަކާއި ޕެނަލްޓީ ދިފާއުކުރި ފިލިޕީންސްގެ ގޯލްކީޕަރު މުލާ އަށް ތައުރީފްކޮށްފަ އެވެ.

"އަހަރެމެން ބޭނުންވަނީ އެހެން ލެވެލްއެއްގައި ކުޅެން. އަހަރެމެން ބޭނުންވަނީ ޗެލެންޖް ކަޕް ކާމިޔާބުކޮށް، އޭޝިއަން ކަޕުގައި ވާދަކުރަން. އަހަރެމެން ބޭނުންވަނީ އޭޝިއަން ކަޕުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާއި ވާދަކުރަން،" އޭނާ ބުންޏެވެ. "އަހަރެމެންގެ ގޯލްކީޕަރަކީ މި މުބާރާތުގެ އެންމެ މޮޅު ކީޕަރު. މި މެޗުގައި ވެސް އޭނާ އެކަން ސާބިތުކޮށްދިން. އަހަރެމެންނާއި އިދިކޮޅަށް ޕެނަލްޓީއެއް ލިބުނަސް އަހަރެންނަށް އެކަމާއި މެދު ބިރެއް ނެތް. އޭނާ އަކީ ހަގީގީ ފުޓްބޯޅަ ކުޅުންތެރިއެއް. ގޯލްކީޕަރުގެ ކުޅުމާއި މެދު ވަރަށް ހިތްހަމަޖެހޭ،"

ޑޫލޭ ބުނީ، މެޗުގެ ކުރިން ފިލިޕީންސާ މެދު މީޑިއާގައި ދެކެވުނު ވާހަކަތަކުގެ ސަބަބުން އެ ޓީމަށް އިތުރު ހިތްވަރެއް ލިބުނު ކަމަށާއި ޑިފެންސިވްކޮށް ޓީމުން ދެއްކި ކުޅުމާއި މެދު ހިތްހަމަޖެހޭ ކަމަށެވެ. ޑޫލޭ ވަނީ ރާއްޖޭގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އާއި މުހައްމަދު އުމައިރު އަދި އަލީ ފާސިރު (ސެންޓޭ) އަށް ވެސް ތައުރީފްކޮށްފަ އެވެ.

"ސަޕޯޓަރުންނަށް މި މެޗަކީ ވަރަށް ފޯރިގަދަ މެޗަކަށް ވާނެ. މި ކާމިޔާބަށް އަހަރެން ހުރީ ކެތްމަދުވެފައި. މީޑިޔާގައި ބައެއް ފަރާތްތަކުން ދެއްކި ވާހަކަތަކުން އަހަރެމެންނަށް އިތުރު ހިތްވަރެއް ލިބުނު. ޓީމުގެ ޑިފެންސުން ދެއްކި ކުޅުމާއި މެދު އަހަރެން ވަރަށް ހިތްހަމަޖެހޭ. ރާއްޖޭގެ ނަންބަރު 7، ނަންބަރު 11 އަދި ނަންބަރު 10 ހުއްޓުވަން އުނދަގޫތަކަކާއި ކުރިމަތިވި. އެ ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު. އެ ޓީމުގައި ވަރަށް ނުރައްކާތެރި، މޮޅެތި ކުޅުންތެރިންތަކެއް ތިބި. އަހަރެމެން މި މެޗުން މޮޅުވުން ހައްގު،" އޭނާ ބުންޏެވެ.

ޑޫލޭ އިތުރަށް ބުނީ، އިތުރު ވަގުތުގައި ރާއްޖެއަށް ފުރުސަތުތަކެއް ލިބުނީ މާ ބޮޑަށް ދޫކޮށްލައިގެން ކުޅެވުމުން ކަމަށާއި އެ ވަގުތު ކޮޅު ތެރޭގައި ޓީމުތެރޭގައި ކޮންމެ ވެސް މައްސަލައެއް އުޅުނު ކަމަށެވެ.

"އިތުރު ވަގުތުގައި އަހަރެމެން ބޮޑަށް ވިސްނީ އެޓޭކްކޮށްގެން ކުޅެން. ނަމަވެސް އެ ކުޅުން ނުކުޅެވި އުޅެނިކޮށް ރާއްޖެއަށް ފުރުސަތުތަކެއް ލިބުނު. ރާއްޖެ އަށް ގިނަ ފުރުސަތުތަކެއް ލިބުނީ ފަހުން އަހަރެމެން މާ ބޮޑަށް ދޫކޮށްލައިގެން ކުޅުމުން. އެ ވަގުތުގައި އަހަރެމެން ދެއްކި ކުޅުމާއި މެދު ހިތްހަމައެއް ނުޖެހޭ. އެ ރޭވުން އަހަރެމެންނަށް ކާމިޔާބު ނުވުމުން އަނެއްކާވެސް ޓީމުގެ ފޯމޭޝަނަށް ބަދަލުތަކެއް ގެނައިން،" އޭނާ ބުންޏެވެ.

ފިލިޕީންސް ކޯޗު ބުނީ، ޓީމުގެ ކުޅުން ދުވަހަކަށްވުރެ ދުވަހެއް ރަނގަޅުވަމުން ދާ ކަމަށާއި ޓީމު އޮތީ ކޮންމެ ކަމަކާއި ވެސް ކުރިމަތިލާން ތައްޔާރަށް ކަމަށެވެ.

"އަހަރެން މިހިރީ ވަރަށް އުފާވެފައި. އަހަރެމެން އެންމެ ފަހުން ކުޅުނު އަށް މެޗުގެ ތެރެއިން ބަލިވީ އެންމެ މެޗަކުން. ޓީމު އެދަނީ ދުވަހަކަށްވުރެ ދުވަހެއް ރަނގަޅުވަމުން. ޓީމު ހުރީ ކޮންމެ ކަމަކާއި ވެސް ކުރިމަތިލާން ތައްޔާރަށް. އަހަރެމެން ބޭނުންވަނީ އަހަރެމެން ސަޕޯޓަރުން ފަހުރުވެރިކޮށްދޭން،" އޭނާ ބުންޏެވެ.

މިރޭގެ މެޗުން ލިބުނު މޮޅާއެކު ރާއްޖެ ކަޓުވާލައި ފިލިޕީންސް ފައިނަލަށް ދަތުރުކުރި އިރު، ފައިނަލުގައި އެޓީމާ ދެކޮޅަށް ނުކުންނާނީ ފަލަސްތީނެވެ.